Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ މުޒާހަރާތައް

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

ރާއްޖެ އޮތީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 26 ފެބުރުއަރީ 2021 | ހުކުރު 17:15
ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގެ ތެރެއިން

ތަޅެއް ނެތި، ތަޅުދަނޑިއެއްގެ މާބޮޑު ބޭނުމެއް ނޯވެއެވެ. ދެއްޔެއް ނެތި، ގަލަމެއްގެ މާބޮޑު ބޭނުމެއް ނޯވެއެވެ. ހަމައެއާއެކު، ވަހެއް ނެތި، އަތަރެއްގެ މާބޮޑު ބޭނުމެއް ނޯންނަ ބީދައިން، އަޑެއް ނެތި ރޭޑިއޯއެއްގެވެސް މާކަ ބޮޑު ބޭނުމެއް ނޯވެއެވެ. މި އުސޫލުން ބަލާއިރު، ޤާނޫނު ތަންފީޒު ކުރާނެ ބައެއް ނެތި، އެ ޤާނޫނެއްގެވެސް މާބޮޑު ބޭނުމެއް ނޯވެއެވެ. ލިޔެވިފައިވާ އަކުރުތަކަކަށްވުރެ އިތުރު ބާރެއް އެ ޤާނޫނުތަކަށް ލިއްބައިދެނީ އެއަށް އަމަލު ކުރާނެ ރައްޔިތުންތަކަކާއި، އެ ޤާނޫނުތައް ތަންފީޒު ކުރަން ތިބޭ އިދާރާތަކެއްގެ ސަބަބުންކަން ޔަޤީނެވެ. ވީއިރު، މިދެންނެވި ގޮތަށް ޤާނޫނު ނުހިނގާނަމަ، އެ ޤާނޫނަކީ ހަމަ ގައިމުވެސް ކަރަންޓު ނެތް ރެފްރިޖްރޭޓަރެއްހާ ބޭނުން ނެތް، ބޭކާރު އެއްޗެއް ނޫންހެއްޔެވެ؟

ބައެއް ފަހަރު، މި ދެންނެވި ޤާނޫނުތައް ތަންފީޒުކުރާނެ އިދާރާތަކާއި މުއައްސަސާތައް ހުރިނަމަވެސް، އެ މުއައްސަސާތަކުން އަދާކުރަން ޖެހޭ އެއްވެސް ޒިންމާއެއް އަދާ ނުކުރާތަންވެސް ފެނެއެވެ. ނުވަތަ ޤާނޫނުގެ ކުރިމަތީގައި މި ދެންނެވި މުއައްސަސާތައް ކަނު ބަނދެވި، އަތް ބަނދެވި، ހިނގުން ހުއްޓި، ދަތްނެތް ސިންގާއަކަށް ވެގެންދާތަންވެސް ފެންނަނީ މަދަކުން ނޫނެވެ. ގައިމުވެސް އިދިކޮޅު ޕީޕީއެމް ޕީއެންސީން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގައި ފެންނަމުން މިދަނީ މި މަންޒަރެވެ.

ރާއްޖެ އޮތީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތެއްގައެވެ. ސިއްޙީ ނިޒާމު ދަނީ ދުވަހެއް ދުވަހަކަށް ނޭވާހޮޅިއަށް އެޅެމުންނެވެ. ވިޔަފާރިތައް ދަނީ ފެން ދަމާލާފައިވާ ހަރުފައެއްގެ ބީދައިން ނިކަމެތިވެ، އަނަރޫފަ ވަމުންނެވެ. ސުކޫލުތަކުގެ ކިޔެވުމަށް އެރި ބުރުލާއެކު، ބައެއް ޤައުމުތަކުގެ ދަރިވަރުން ތިބީ ތައުލީމީ ކާރިސާއެއްގަޔޯވެސް ކިޔާ އުޅޭ އަޑު އަހަމެވެ. ފުރަބަންދުގެ ހިތި ރަހަޔާއެކު، ޤައުމުގެ އަރުބުޑުން ނުކުންނަން ފެށީ އިންތިހާ ދަރަޖައިގެ އިޖުތިމާއީ ހަސްފަސް ކަމެކެވެ.

މި ހުރިހާ ކަމެއްގެ ތެރެއިން ދިވެހިންގެ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލީ ބޯމައްޗަށް ބިންދާލި ކޮވިޑުގެ 3 ވަނަ ރާޅެވެ. މިހާތަނަށް ދުށް އެންމެ ބިޔަ، އެންމެ ބާރުގަދަ، އަދި އެންމެ ބާނި ބޮޑު ރާޅުވެސް މެއެވެ. ގައިމުވެސް ސިއްޙީ ތަޖުރިބާކާރުން ބުނަމުންދަނީ އެހެންނެވެ.

އެއާއެކު، އުސޫލުތައް އެކުލަވާލެވި، ގައިޑްލައިންތައް ހަރުކަށިވެގެން ދިޔައީ ތިޔަހެނެއް ނޫނެވެ. ގައިޑްލައިންތައް އެމުނިއެތުރިގެން އައި ގޮތުން ރައްޔިތުންވެސް އަވަހަށް އެބައެއްގެ ހިޔާވައްސަށް ވަދެ، ރައްކާތެރިކަން ހޯދީ ބޯމަތިވަމުން ދިޔަ ކޮވިޑުގެ ވިލާގަނޑުން ރައްކާތެރިކަން ހޯދުމަށެވެ. ވިޔަފާރިތައްވެސް ހިންދެމިލުމަށް ލީ ނޭވާ އެ ހިނދުން ހިފަހައްޓާލައި، އަލުން ވަރަ ތިރިކޮށްލަން ޖެހުނީ ގައިޑްލައިންތަކަށް އަމަލު ކުރުން ނޫން ގޮތެއް ނެތުމުންނެވެ. ނަމަވެސް، އިދިކޮޅު ސިޔާސީ ޕާޓީއަށް މިއިން ކަމެއް ރޭކާލާހެންވެސް ހީނުވާ ކަހަލައެވެ. ތިޔައީ މަރިޔަނބުހޭވެސް އަހާ ނުލަނީއެވެ.

ތަފާތު އެކި ނަންނަމުގައި، އެކި ކުލަޖައްސައިގެން، އެކި ލަވަ ކިޔަމުން، މަގުތަކަށް ނުކުމެ މި ހިންގާ ކަންކަމަށް ސިޔާސީ ޙަރަކާތެކޭ އަޅުގަނޑެއް ގައިމުވެސް ނުކިޔާނަމެވެ. ސިޔާސީ ޙަރަކާތަކީވެސް ވަކި އަމާޒެއް، ބޭނުންވާ މިސްރާބެއް، ޙާސިލު ކުރަން ބޭނުންވާ ނަތީޖާއެއް އޮވެގެން ކުރާ ކަމަކަށް ވާތީއެވެ.

ކަންމިހެން ހުރި ނަމަވެސް، ކުރިން މި ދެންނެވި ހަރުކަށި ޤާނޫނުތައް މި ފެންނަނީ މިވެރިން ކުރިމަތީގައި ޒާތަކަށް ވަރަބިނދިފައި އޮންނަ މަންޒަރެވެ. މުއައްސަސާތައްވެސް ދުރު ދުރުން، ކައިރިވާން ނުކެރި ތިބީ މާ ހައިބަތު ބޮޑު ޖާހު ބޮޑު ބަޔަކާ ކުރިމަތިލާން ތިމާމެންގެ ފެންވަރެއް ނެތޭ ބުނާ ބީދައިންނެވެ. ދަތް ނެތް ސިންގާއެއްގެ ބީދައިން، އާރެއް ބާރެއް ނެތް، ނިކަމެތި ގޮތް ހުސްވެފައިވާ ބައެއްގެ މޭރުމުންނެވެ. ފިޔަވަޅު އަޅަން ނަގާ އަތް ހަމަ އެ ސިކުންތުގައި ތިރި މި ކޮށްލަނީ ކޮން ދިމާއަކުން އަންނަ ނުފޫޒަކުން ބާއޭވެސް ސުވާލު އުފައްދާ މީހުން މަދެއް ނޫނެވެ. ފިޔަވަޅުތަކަށް އަމަލު ނުކުރުމުން ކުރާ ޖޫރިމަނާއާއި، އަޅާ ފިޔަވަޅުތަކާއި، ދޭ އިންޒާރުތައް މިވެރިންނާ ޖެހުނީމާ މިއޮއް އަޅާ ތުރުތުރެކެވެ. މިއީ ހަމަ އަޖައިބެއް ކަހަލަ ގުޅުމެކެވެ.

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2017

ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!

12 ޑިސެމްބަރު 2017
ބޭރު ދުނިޔޭގެ ކުރިމަތީގައި އަނެއްކާ ވެސް ދިވެހިންގެ އަގު ވެއްޓުނީ!
19 އޮކްޓޯބަރު 2017

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!
15 އޮކްޓޯބަރު 2017

ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!

15 އޮކްޓޯބަރު 2017
ޕީޕީއެމް މެމްބަރުން އުޅުއްވާ ގޮތުން ލަދުން ބޯހަލާކު!
05 އޮކްޓޯބަރު 2017

ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން

05 އޮކްޓޯބަރު 2017
ޕީޕީއެމްގެ "އާ ކުކުޅުތަކަކަށް" ގާބިހެއް އެޅުން
21 ސެޕްޓެމްބަރު 2017

ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި

21 ސެޕްޓެމްބަރު 2017
  ރޮހިންޖާ އަންހެނުންތަކެއްގެ ދުލުން: ފިރިމީހާ ގަޔަށް ބަޑިޖެހި، ވަޅިޖެހި، ދަރިންތައް ކުރިމަތީގައި މެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު