ކ. މާލެ
|
12 ފެބްރުއަރީ 2021 | ހުކުރު 18:45
މިނިސްޓަރ މަލީހް އަދި އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް
މިނިސްޓަރ މަލީހް އަދި އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މިނިސްޓަރ މަލީހަކީ ރާއްޖޭގެ ޓްރަމްޕަށް ވަނީބާ؟
 
މިކަމާ ހިތްހަމަނުޖެހުންފާޅުކުރައްވާ މަލީހުވަނީ އެމްޑީޕީއަށާއި ކޯލިޝަނަށް ފާޑުވިދާޅުވެފައި
 
މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވަނީ ވައްދާފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިސްވެ އޮވެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙްގެ މޭސްތިރިކަމުގެ ދަށުން 2018 ވަނަ އަހަރު ރާއްޖޭގެ ތިން ވަނަ ކޯލިޝަން ސަރުކާރު އެކުލަވާލިއެވެ. ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެވިފައިވާ އެއްބަސްވުންތަކެއްގެ ދަށުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ އަދި ރައީސް މަޢުމޫން އިސްވެ ހުންނަވާ ހިންގަވާ މައުމޫން ރިފޯމް މޫވްމަންޓް ނުވަތަ މިހާރުގެ ނަމުންނަމަ މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ މެމްބަރުންގެ މެދުގައި ސަރުކާރުގެ އެކި ސްލޮޓްތައް ބަހާލިއެވެ. މިގޮތަށް ބަހާލުމުން ކުރިން ދެންނެވި ކޯލިޝަންގެ ބައިވެރިންގެ މެދުގައި އެކި ވުޒާރާތަކުގެ ސްލޮޓްތައް ބެހި އައު ކޯލިޝަންގެ ތަޙުލީލީ މަރުޙަލާ ފެށިގެން ދިޔައެވެ.

ރާއްޖޭގެ ސިޔާސީ ޙަޔާތަށް ބަލާއިރު، ވެރިކަމަށް އައުމަށް ހަދާ ކޯލިޝަންތަކަކީ މާކަ ގިނަ ދުވަސްތަކެއް ވަންދެން ދެމިއޮންނަ ކޯލިޝަންތަކެއްގެ ގޮތުގައި ފެނިގެން ގޮސްފައެއް ނުވެއެވެ. މިކަމުގެ ހިތި2008 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ޤައްޔޫމް ބަލިކުރައްވާ ކޯލިޝަން ސަރުކާރަކުން ވެރިކަމަށް ވަޑައިގެންނެވި ރައީސް ނަޝީދަށާއި، ރައީސް ނަޝީދު ބަލިކުރައްވާ ވެރިކަމަށް ވަޑައިގެންނެވި އަދި މިއަދު މަނީ ލޯންޑަރިންއާއި ޚިޔާނާތުގެ ބޮޑެތި ކުށްތަކެއް ސާބިތުވެ ޖަލުގައި އޮންނަންޖެހިވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ކޯލިޝަނުންވެސް ފެނިގެންދިޔައެވެ.

2018 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގަތް ޅ.ހިންނަވަރު ނޫރާނީއާގެ އިބްރާހިމް މުޙައްމަދު ޞާލިޙު ވެރިކަމުގެ ހުވާ ކުރައްވައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމުން މި ކޯލިޝަން ދެމިގެން ދާނީ ކިހާ ދުވަހަކަށްތޯ ގިނަ ބަޔަކު ދިޔައީ ސުވާލުކޮށް ފާޑުކިޔަމުންނެވެ. މި އެންމެހައި ފާޑުކިޔުންތަކާއި ސުވާލުތަކަށް ޖަވާބަކަށްވެގެންދިޔައީ، ރައީސް ޞާލިހްގެ ޙިކުމަތްތެރިކަމާއި ހިންގުންތެރިކަމުގެ ހަރުދަނާ ސިޔާސަތުގެ ދަށުން ވެރިކަން ހިންގުމުގައި ކޯލިޝަންގެ އެއްބާރުލުމާއެކު އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ނިންމާލުމެވެ. ކޮވިޑްގެ މި ދަތި ޙާލުގައިވެސް ރައީސް ޞާލިހްގެ ޙިކްމަތްތެރި ނިންމެވުންތަކުގެ ސަބަބުން މި ވެރިކަމުގައި ކޯލިޝަނަށް އެއްވެސް ބުރުލެއް އެރިތަނެއް ފެނިގެން ނުދެއެވެ.

ރައީސް ޞާލިހުވަނީ ކޯލިޝަން ދެމިއޮންނާނެކަމަށާއި ލީޑަރުންނާއި ފޯނުން ގުޅުއްވައި މިހާރުވެސް ބަރާބަރަށް މަޝްވަރާކުރައްވާކަމަށް ވިދާޅުވެފައެވެ. މި ސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި އެކި ސަބަބުތަކަށްޓަކައި 4 ވަޒީރަކު ވަޒީރުކަމުން ވަކިކޮށްފައިވާއިރު، ކޮވިޑްގެ މިޙާލަތުގައިވެސް ރައްޔިތުންގެ މެދުގައި ސަރުކާރުން ގެންގުޅޭ ދެފުށްފެންނަ ނިޒާމާއި މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ނުދިނުމަށް ކުރީގެ ހެލްތް މިނިސްޓަރާއި ޓުއަރިޒަމް މިނިސްޓަރު ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތުގެ ދަށުން ލަހެއް ފަހެއް ނެތި ވަކިކޮށް އެ ފަރާތްތަކާއި ދެކޮޅަށް ޤާނޫނީ އިމުގެ ތެރެއިން އިންސާފުވެރި ޝަރީޢަތްތައް ފަށާ ހެޔޮ ވެރިކަމުގެ މިސާލު އަޅުގަނޑުމެންނަށް އެމަނިކުފާނު ވަނީ ދައްކަވާފައެވެ.

މިހާ ހިސާބަށް ކޯލިޝަންގެ ބައިވެރިންނާއެކު ގަދަ ކަނޑެއްގައި ދަތުރު ކުރައްވަމުން ގެންދަވަނިކޮށް އަނެއްކާވެސް ފެނިގެން މިދިޔައީ ދޯނީގެ އައު ފަޅުވެރިއަކު ފަހަތަށް ފަލިޖައްސަވަން ފެއްޓެވި މަންޒަރެވެ. ދަންނަވަން މިއުޅެނީ މި ސަރުކާރުން ވެރިކަމަށް އައިސް އުފެއްދެވި އައު ވުޒާރާ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ހިންގެވުމާއި ހަވާލުވެ ހުންނެވި ވަޒީރު މުޙައްމަދު މަލީޙް ޖަމާލުގެ ވާހަކައެވެ. މި ސަރުކާރުގެ އެންމެ ނާކާމިޔާބު މިނިސްޓްރީގެ ގޮތުގަޔާއި، އެންމެ ބޭކާރު މިނިސްޓްރީގެ ގޮތުގައިވެ ސަރުކާރަށް ލަދަކަށް ވެފައިވާ މި ވުޒާރާގެ ވެރިޔާ ފެނިގެން ދިޔައީ ރައީސް ޞާލިޙް އެވަރުން ދަމަހައްޓަވަން މަސައްކަތްކުރައްވަމުން ގެންދަވާ ކޯލިޝަނަށް ސީދާ ޙަމަލާތަކެއް ދޭން ފެށި މަންޒަރެވެ. ޤައުމުގެ ތިން ބާރު މިނިވަން ތިން ބާރުގެ ގޮތުގައި މަސައްކަތްކޮށް އެއް ބާރު އަނެއްބާރު ޒިންމާދާރުކުރުމަށް ކުރާ މަސައްކަތްތައް މި ވެރިކަމުގައި ފެންނަމުންދާއިރު، މިނިސްޓަރ މަލީޙަކަށް އެކަމެއް ހަޖަމްވެވަޑައެއް ނުގެންނެވިއެވެ. އަމިއްލަފުޅު މަސައްކަތްތައް ނުކުރެއްވުނުތާގައި މިނިސްޓަރ މަލީޙްގެ ޓުވީޓްތަކުގެ ހޫނު ޙަމަލާތައް އަމާޒުކުރެއްވީ މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދެވި އެމް.ޑީ.ޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްއަށެވެ. މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި މައްސަލާގައި މިނިސްޓަރ މަލީޙާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އަޅަން ޖެހުނު ސަބަބު ވަރަށް ތަފްސީލީގޮތެއްގައި ވަނީ ބަޔާންކުރައްވާފައެވެ.

މިނިސްޓަރ މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށައަޅާފައި މިވަނީ، ޓެލެކޮމިއުނިކޭޝަންގެ ޤާނޫނުން، އެ މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމްކުރާ ކަންތައްތަކަށް ރިޢާޔަތްކޮށް ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ޤަވާޢިދެއް މަޤާމުގައި ހުންނަވާތާ 2 އަހަރުވީއިރުވެސް ހައްދަވާފައި ނުވާތީއެވެ. އަދި މިކަމުގައި ޖަވާބުދާރީވުމަކީ މުވާސަލާތީ ޚިދުމަތްތައް ތަރުތީބުކޮށް ހިންގުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއްކަމަށް ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޤާނޫނުގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާތީ، އެ ޤާނޫނުން ހެދުމަށް ލާޒިމްކުރާ ޤަވާއިދުތަކަކީ، ދިވެހިރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ޤަވާއިދުތަކެއްކަމަށް ވެފައި، އެ ޤަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތަކެއް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއްކަން ކަށަވަރުވާކަމުގައިވެސް މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައިވެއެވެ.

ކުރިން ދެންނެވި ފަދައިން މިކަމުގައި އަމިއްލަފުޅު ޒިންމާއިން ރެކިވަޑައިގަތުމަށް ކުޅެވެން ހުރި ހުރިހާ ކާޑެއް މަލީހު ކުޅުއްވާތަން އިސާހިތަކު އަޅުގަނޑުމެންނަށް ފެނިގެންދިޔައެވެ. މި އުކުޅުތައް ބޭނުންކުރެއްވުމުގައި ޔާރެއް އިޔާރެއް އެހީވި މީހެއް ހަތުރެއް ރައްޓެއްސެއް ބެއްލެވުމެއް ނެތި ކުރައްވާ މަސައްކަތްތަކުން ހަނދާނަށް އަންނަނީ ދާދި ފަހަކުން އެމެރިކާގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެ ވެރިކަމުން ފައިބައިވަޑައިގަތުމަށް މަޖުބޫރުވެވަޑައިގެންނެވި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. އެމަނިކުފާނުވެސް ބާރުގައި ހުންނެވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެއްވިއެވެ. އިންތިޚާބު ނާކާމިޔާބުވުމުންވެސް ނަތީޖާ ޤަބޫލުނުކުރައްވަން ވޯޓުގެ މައްސަލަތަކާއި، އެމަނިކުފާނުވެސް ވެރިކަމުގެ ފުރަތަމަ ދައުރަށް ހޮވިވަޑައިގެންނެވި އިލެކްޓޯރަލް ކޮލެޖް ވޯޓާއިމެދު ސުވާލު އުފެއްދެވިއެވެ.

ކޮންމެއަކަސް މިފަހަރު އަޅުގަނޑު ދައްކަން މިއުޅެނީ، ޓްރަމްޕްގެ ވާހަކަ ނޫންކަމުން، އަނެއްކާވެސް މިނިސްޓަރ މަލީޙްގެ ޙާލަތަށް ޖެހިލާނަމެވެ. ޙަވާލުކުރި ޒިންމާތައް އަދާނުކުރެވި ބާރުވެރިކަން ނެތިދާން ކައިރިވެ އެކަމުގެ ރަނގަބީލު އިވުމުން ބާރުވެރިކަން ދޫކޮށް ނުލައްވަންވެގެން ޓްރަމްޕް ފަދައިން މިނިސްޓަރ މަލީޙްވެސް ހަނގުރާމައަށް ނިކުންނެވީ ޓުވިޓާމެދުވެރިކޮށެވެ. އެގޮތުން މިނިސްޓަރ މަލީޙު އެމަނިކުފާނާއި ޙަވާލުކުރި ހުރިހާ ޒިންމާއެއް އަދާކުރައްވާފައިވާކަމަށް ވިދާޅުވެ، މިކަމުގައި މިއުޅެނީ އެމްޑީޕީ ގަދަވެގަތުމަށް ކުރާ މަސައްކަތްތަކެއްކަމަށް ވިދާޅުވެ ތުހުމަތު ކުރެއްވިއެވެ. އެއްވެސް އަސާސެއް ނެތްކަމެއްގައި އަދަބުދީ ފިޔަވަޅު އަޅަން އުޅުމަކީ ދުސްތޫރާއި ޚިލާފުކަމެއްކަމަށާއި، މި ފިޔަވަޅަކީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކުމުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އެޅި ފިޔަވަޅެއްކަމަށް ވިދާޅުވެފައިވެއެވެ.

މިނިސްޓަރ މަލީޙްވަނީ، ތިން ބާރު ވަކިވެފައިވާ ޤައުމު ހިންގުމުގެ ނިޒާމެއްގައި ޤާނޫނަށް ވުރެ މަތީގައި ބަޔަކު އުޅެނީތޯ ސުވާލުކުރައްވާ ސަރުކާރަށް ގޮންޖައްސަވާފައެވެ. އެހެންނަމަވެސް، މަލީޙްގެ މި ޙަމަލާތަކުގެ ދިފާޢުގައިވެސް ރައީސް ޞާލިޙް އިސްކުރެއްވީ ޙިކްމަތްތެރިކަމެވެ. ސަރުކާރު ކޯލިޝަންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދޭނެފަދަ ގޮތަކަށް މަލީޙު މަސައްކަތް ކުރެއްވިޔަސް ރައީސް ޞާލިޙްގެ މަސައްކަތްޕުޅުން ކޯލިޝަން ބައިވެރިންނާއެކު ބަދަހި ގުޅުންތަކެއް މިއަދުވެސް އެބައޮތްކަން މިވަނީ ހާމަކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނުވަނީ ކޯލިޝަން ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ދެމެދު މިހާރުވެސް ގުޅުންބަދަހިކަމަށް ހާމަކުރައްވާފައެވެ. ޓެލެކޮމިއުނިކޭޝަން މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ރައީސަށް ސިޓީއެއް ވަނީ ފޮނުވާފައެވެ. އެކަންކަމުގައި ރައީސް އަދި ވަކިގޮތެއް ނިންމަވާފައި ނުވާއިރު އެ ސިޓީ އަކީ މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތްތަކަށް މަލީހު ހުރަސް އަޅުއްވާ، ބިރު ދެއްކެވި ކަމަށް ތުހުމަތުކޮށް އެމްޑީޕީ ޕީޖީއަށް ފޮނުވާފައިވާ ސިޓީއެއްކަމަށް މަޢުލޫމާތު ލިބެއެވެ.

މިނިސްޓަރ މަލީޙުގެ ކިބައިން މި ފެނިގެން ދިޔައީ ބާރުނެތިދާހެން ހީފުޅުވާން ފެށުމާއެކު އަމިއްލަ މީހާ ސަލާމަތްކުރުމަށް މުޅި އޮޑީގައި ތިބި އެންމެން ފައްތާލަން މަސައްކަތްކުރެއްވި މަންޒަރެވެ. މަނިކުފާނުގެ ޒިންމާއެއް ހަމަ ނެތީ ތޯއެވެ؟ ޙަވާލުކުރެވިފައިވާ މަސައްކަތްތައް ފުރިހަމަ ކުރެވިފައިވާކަމަށް ވިދާޅުވާއިރު މިކަން ރައްޔިތުންނަށް ނުފެންނަނީ ކީއްވެގެން ތޯއެވެ؟ އިންޓަނެޓްގެ އަގު ހެޔޮވާނެކަމަށް އެކި ތާރީޚްތައް ދެއްވާ އެކަން ނުކުރެވުނީ ކީއްވެގެންތޯއެވެ؟ މަނިކުފާނުގެ ވަޒީރުކަމުގައި އަމިއްލަފުޅު ކެބިންކޮޅު ޒީނަތްތެރިކުރުން ފިޔަވާ ކުރެވުނުކަމެއް އަޑުއަހަން ރައްޔިތުން މި ވަގުތު މާ ބޭނުންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
0%
0%
100%
ކޮމެންޓް