އާއިލާގާތު ކުޑަކުދިން ބަންދުގައި ބެހެއްޓޭނެ ގޮތަށް އިސްލާހެއް ހުށަހަޅައިފި
މިބިލް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު


ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދު | ރައްޔިތުންގެ މަޖިލިސް
މިދިޔަ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހު އަމަލުކުރަންފެށި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ކޮވިޑްގެ ހާލަތާއި ގުޅިގެން ޤާނޫނުގައި ބުނެފައިވާ ގޮތަށް ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާތީ އެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅައިފިއެވެ.
މި ބިލް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރ ޖީހާން މަހުމޫދެވެ. ބިލް ހުށަހަޅުއްވަމުން ޖީހާން ވިދާޅުވީ ކުޑަކުދިންގެ އަދަލުގެ ޤާނޫނަކީ ރުޖޫއީ އިންސާފުގެ އަސާސްތަކާއި އެއްގޮތަށް ކުޑަކުދިންގެ މަސްލަހަތު އެންމެ އިސްކޮށްގެން ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢުއަށް ރުޖޫޢަ ކޮށްދިނުމަށްޓަކައި އެމަގްސަދުގައި ހަދާފައިވާ ޤާނޫނެއް ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 އާއި ގުޅިގެން ޤާނޫނުގައި ތަސައްވުރުކުރި ވަރަށް ގިނަ ކަންކަން ވަނީ ބަދަލުވެފައި ކަމަށް ޖީހާން ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ ޤާނޫނުގައި ސަރަހައްދީ ކުޑަކުދިންގެ ޚާއްސަ ކޯޓުތަކެއް ގާއިމުކުރަންޖެހޭއިރު މިހާރުގެ މިހާލަތުގައި މާލީ ކަންކަން ހުރިގޮތުން އަދި ދަތުރުފަތުރުގެ ކަންކަން ހުރިގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުތަކާއި އެއްގޮތަށް މުއްދަތުތައް ފަހަނައަޅާ ނުދާނެހެން މަސައްކަތް ކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ. އެހެންކަމުން ސަރަހައްދީ ޚާއްސަ ކޯޓުތައް ގާއިމުކުރުމުގައި ހުރި ދަތިތަކެއް ޤާނޫނީ ގޮތުން ހައްލެއް ހޯދައިދިނުމަކީ ކޮންމެހެންވެސް މަޖިލީހުން ކުރަންޖެހޭ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޖީހާން ވިދާޅުވީ މިޤާނޫނަށް ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޖުވެނިއަލް ކޯޓަކީ ހަމައެކަނި ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތައް ބެލުމުގެ އިހުތިޞާސް ނުވަތަ ބާރު ލިބިގެންވާ ހަމައެކަނި ކޯޓު ކަމަށް ކަނޑައަޅާ ސަރަހައްދީ ކޯޓުތަކެއް ގާއިމުކުރެވި އެ ކޯޓުތަކުގެ ޒަރީއާއިން ވީޑިއޯ އޯޑިއޯގެ ވަސީލަތްތައް މެދުވެރިކޮށްގެން ކުޑަކުދިންގެ ޝަރީޢަތްތައް ކުރިޔަށް ގެންދިޔުން ހިމެނޭ ކަމަށެވެ.
މީގެ އިތުރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ޖުވެނައިލް ކޯޓުގެ ގާޒީންނަށާއި މުވައްޒަފުންނަށް ޝަރީޢަތް ކުރިޔަށް ގެންދިޔުމަށް ސަރކިޓް އުސޫލުން އަތޮޅުތެރެއަށް ދަތުރުކޮށް އަތޮޅުތެރޭގައި ޝަރީއަތްތައް ކުރިޔަށް ގެންދިޔުން ހިމެނޭ ކަމަށް ޖީހާން ވިދާޅުވިއެވެ.
މިހެން ކުރިޔަށް ގެންދާއިރުވެސް މި މަގުފަހި ކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދީފައިވާނީ މެޖިސްޓްރޭޓް ކޯޓުތަކަކީ ބޮޑެތި މީހުންގެ މައްސަލަތައް ބެލުމަށް ކަނޑައަޅާ ފަރުމާކޮށްފައިވާ ކޯޓުތަކެއް ކަމަށްވާތީ ކުޑަކުދިންގެ މައްސަލަތައް ކުރިޔަށް ގެންދާއިރު ބޮޑެތި މީހުންގެ އަދުލުގެ ނިޒާމާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ތަޢާރަޒް ނުވާނެހެން ޒިންމާތައް ހަމަޖެއްސުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ހަވާލުކުރުމަށް ކަމަށް ޖީހާން ވިދާޅުވިއެވެ.
މީގެ އިތުރުން މިޤާނޫނު ތަންފީޒުކުރަން ފެށޭއިރު ކުޑަކުދިން އިސްލާހުކުރުމަށް ޚާއްސަ މަރުކަޒުތަކެއް، ޚާއްސަ ޖަލުތަކެއް ކުޑަކުދިންނަށް ޚާއްސަ ރިމާންޑް ސެންޓަރުތަކެއް އެޅިގެންދާނެ ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ޤައުމުގެ ހާލަތު މި ވަގުތު އޮތްގޮތުން މިއީ އަވަސް މުސްތަގްބަލެއްގައި ވާނެކަމަކަށްނުވާތީ މިކަން ބަދަލުކުރުމަށް އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށް ޖީހާން ވިދާޅުވިއެވެ.
މީގެއިތުރުން ކުޑަކުދިންނާމެދު ހިންގޭ ޝަރީޢަތްތަކުގައި އެ ޝަރީޢަތް ހިންގާނެ ގޮތާއި އަދި ކަނޑައެޅޭ އަދަބުތައް ކަނޑައަޅާނީ ކިހިނެއްތޯ ސީދާ ސާފުކޮށް ބަޔާންކުރުމަކީވެސް މި އިސްލާހުތަކުގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ޖީހާން ވިދާޅުވިއެވެ. ކުރިން މިކަން ކުރެވިގެން އަންނަނީ އެންމެ ކުރިން ރާއްޖޭގައި ހިންގުނު ކުޑަކުދިންގެ ހައްގުތަކުގެ ޤާނޫނު ގެ ދަށުން ކަމަށާއި މި ޤާނޫނު މިހާރު އުވިގެންދިޔުމާއި ގުޅިގެން މި ޤާނޫނުގެ ދަށުން ވާ ގަވާއިދުތައް އެއީ ކުޑަކުއްޖެއްގެ މައްޗަށް އަދަބު ކަނޑައަޅާއިރު އަމަލުކުރާނެ ގަވާއިދުވެސް މިހާރު ވަނީ އެ ޤާނޫނާއި އެކު ބާރު ކެނޑިގެން ގޮސްފައި ކަމަށް ޖީހާން ވިދާޅުވިއެވެ.
އެހެންކަމުން މި ޤާނޫނާއެކު އަލުން ގަވާއިދުތައް ހަދާނެ މަގުފަހިކުރެވޭނެ ގޮތް ކަނޑައަޅާއިރު އަދަބުތައް ކަނޑައަޅާނީ ކިހިނެއްކަން ކަނޑައެޅުމުގެ ފުރުސަތު މިހާރު ހުށަހެޅިފައިވާ އިސްލާހުތަކުން ލިބިދޭނެކަމަށް ޖީހާން ވިދާޅުވިއެވެ.
މި އިސްލާހުތައް ޤާނޫނަށް ގެނައުމަށް 21 އިސްލާހެއް ޖީހާން ހުށަހަޅުއްވާފައިވާ ބިލްގައިވެއެވެ.








