ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެކުރެވޭ ތަކެތިން ކަނޑާލި ޑިއުޓީން އަގަކަށް ބަދަލެއް ނާދޭ
10 ސެޕްޓެމްބަރު 2020 | ބުރާސްފަތި 00:23ޑިއުޓީ މައާފް ކުރުމުން އަގުދަށް ވާން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރޭ


ދަނޑުވެރިއެއް ދަނޑު ހެއްދުމުގެ މަސައްކަތުގައި:- ދަނޑުވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނޭ
ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެކުރެވޭ ތަކެތިން ޑިއުޓީ ކަނޑާލި ނަމަވެސް އުންމީދު ކުރި ވަރަށް ތަކެތީގެ އަގު ދަށަށް ނުދާ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ހާމަކޮށްފިއެވެ.
ދަނޑުވެރިކަމާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމަށް ދެއްވަމުން އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ޝަބާއު ވިދާޅުވީ، މި ތަކެތީގެ ޑިއުޓީ މާފުކުރުމުން އަގުތައް ދަށަށް ދާން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިޔަސް އެހެން އެކަން ނުވަނީ މި ވިޔަފާރީގައި އުޅޭ ފަރާތްތަކުގެ ހަރަދުތައް ބޮޑުވާތީ ކަމަށެވެ.
އެގޮތުން ދަނޑުވެރިކަން ފުޅާކުރަން ނުވަތަ އެވިޔަފާރި ފުޅާ ކުރުމަށް ގިނަ ތަކެތި ގެންނަ ކަމަށްވާނަމަ، އެ ތަކެތި ގުދަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގުދަން ކުރުމުގެ ހަރަދާއި، ކްލިއަރެންސްގެ ހަރަދުގެ އިތުރުން ދަތުރުފަތުރުގެ ހަރަދުތައް ހިނގާ ކަމަށާއި، މިއީ ބޮޑެތު ހަރަދުތަކެއްކަން ފާހަގަކުރެއްވިއެވެ.
ޑިއުޓީ ކަނޑާލުމުގެ ސަބަބުން އަގަށް އެކަށީގެންވާ ބަދަލުތަކެއް ނައިނަމަވެސް، މިހާރު މި ސިނާއަތަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކުގެ އިންވެސްޓްމަންޓް ކޮސްޓް ދަށަށް ގޮސްފައިވާ ކަމަށް ޝަބާއު ވިދާޅުވިއެވެ. އަދި އެ ބަޔަކު ކުރާ އިންވެސްޓަކާ ގުޅިގެން ގެންނަ ބާވަތްތަކުން ޑިއުޓީ ކަނޑާލަން ހުށައެޅުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލާފައި އޮތްއޮތުމުގެ ސަބަބުން ވެސް ދަނޑުވެރިކަމުގެ ސިނާއަތަށް މަންފާކުރާނެ ކަމަށް ވިދާޅުވިއެވެ.
ޑިއުޓީ ކަނޑާލުމުން އަގަށް އެކަށީގެންވާ ބަދަލެއް ނާންނަ މައްސަލައިގައި ޝަބާއު އިތުރަށް ވިދާޅުވީ މިކަމުގައި ދެވަނަ ވިސްނުމަކަށް ގޮސްގެން މީގެ ތެރެއަށް އިތުރު ކަންތައްތަކެއް ވައްދައިގެން ބޭނުންވާ ނަތީޖާ ނެރެވޭނަ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރުވެސް ދަނޑުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި މަޝްވަރާ ކުރަމުންދާކަމަށާއި، ދަނޑުވެރިންގެ ކަންބޮޑުވުންތައް ގަބޫލުކޮށް އެކަންކަމަށް ހައްލު ހޯދައިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވައި، ދަނޑުވެރިންނަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އަދި ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދަނޑުވެރިކަން ކުރިއަރުވަން އިތުރު މަސައްކަތްތަކެއް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދަނޑުވެރިންގެ ބާވަތްތައް ބާޒާރާ ހަމައަށް ގެނެސް، އެ އުފެއްދުންތައް މާކެޓް ކުރުމަށް ސަރުކާރުން ވަނީ އެގްރޯނެޓްގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދާފައެވެ.
ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން ޑިއުޓީ މައާފު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުނާމާގައި ހިމެނިގެން ފުރިހަމަ ކުރެވުނު ވައުދެކެވެ. ދަނޑުވެރިކަމުގެ ބޭނުމަށް އެތެރެކުރެވޭ ތަކެތިން ޑިއުޓީ ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 11 ޑިސެންބަރު 2018 ގައެވެ.









