ވަކީލުކުރުން ކުޑަކުރެވި، މާބޮޑަށް ސަބަބުތަކަށް ބަރޯސާވެއްޖެ ކަމުގައިވާނަމަ ކެހި ލިބޭނެ: ޚުތުބާ
28 އޯގަސްޓު 2020 | ހުކުރު 08:31ވަކީލު ކުރުމަކީ އީމާންކަމާއި، އިސްލާމްކަމާއި، އިޙްސާން ކަމާ ގުޅި ލާމެހިފައިވާ ކަމެއް


މިއަދުގެ ހުކުރު ޚުތުބާ އިއްވާފައިވަނީ \'\'ހައްގު ގޮތުގައި ﷲއަށް ވަކީލު ކުރުން\'\' މިމައުޟޫއަށް
މާތް ﷲ އަށް ވަކީލުކުރުން ކުޑަކުރެވި، މާބޮޑަށް ސަބަބުތަކަށް ބަރޯސާވެއްޖެ ކަމުގައިވާނަމަ އެމީހަކަށް ކެހި ލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
''ހައްގު ގޮތުގައި ﷲއަށް ވަކީލު ކުރުން'' މިމައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ﷲ އަށް ވަކީލު ކުރުމަކީ އީމާންކަމާއި، އިސްލާމްކަމާއި، އިޙްސާން ކަމާ ގުޅި ލާމެހިފައިވާ ކަމަށާއި، ދުންޔަވީ ޙަޔާތުގައި އެކަމުގެ އަސަރު ބޮޑު، އަދި ދީނުގެ މަތިވެރިވެގެންވާ ޝިއާރެއް ކަމަށެވެ.
ޚުތުބާގައި ބުނީ ވަކީލު ކުރުމަކީ ގަދަރު އުފުލިގެންވާ އަމަލެއް ކަމަށާއި، ﷲގެ ލޯބިވެވޮޑިގަތުން ހާސިލް ކުރެވޭނެ މަގެއް ކަމަށެވެ.
ކޮންމެ ކަމެއް ވެސް ވުމަށްޓަކައި އެކަލާނގެ ލައްވާފައިވާ ދުންޔަވީ ސަބަބުތަކެއްވާކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ސަބަބުތަކުގައި ހިފުމަކީ މާތް ﷲ އަށް ކިޔަމަންތެރިކަން އަދާކޮށް، އެކަލާނގެއަށް އީމާން ވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި، އެ ސަބަބުތަކަކީ ކަމެއް ހާސިލްކުރުމުގައި، މުހިއްމު ކަމެއް ނޫން ކަމުގައި ދުށުމަކީ، ސިކުނޑީގެ އުނިކަމެއް ކަމަށެވެ. އަދި އިސްލާމް ދީން ގޮވާލާ ގޮތެއް ވެސް ނޫން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ހަމައެކަނި އެ ސަބަބުތަކަށް ބަރޯސާވުމަކީ، އިސްލާމީ ޢަޤީދާއާ ފުށުއަރާ ކަމެއް ކަމަށެވެ. އެހެންކަމުން ސަބަބު ތަކުގައި ހިފައި، ﷲ ތައާލާ އަށް ބަރޯސާ ވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ﷲ އަށް ވަކީލުކުރާ ތައުޙީދުގެ އަހުލުވެރިންގެ ގޮތަކީ ހަމައެކަނި ސަބަބުތަކަކަށް ބަރޯސާނުވުން ކަމަށާއި، އެސަބަބުތަކަށް ދޫކޮށް ނުލުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ސަބަބުތަކުގައި ހިފައި، ސަބަބުތައް މެ ދުވެރިކުރައްވާ، ޢާލަމްތަކުގެ ވެރި ރަސްކަލާނގެއަށް އުއްމީދުކުރަން ޖެހޭ ކަމަށެވެ. އަދި އެމީހެއްގެ ހުރިހާ ކަމެއް އެ ކަލާނގެއާ ހަވާލު ކުރުމާއެކު ރަމަލުޖެހުމާއި، ފާލުބެލުމާއި، އަތްބެލުމާއި، ތަވީދު އެޅުން ފަދަ ޝިރުކުގެ އަމަލުތަކުން ދުރުވެ އެއްކިބާވެ މިންވަރުކުރެއްވި ކަމެއް މެނުވީ ނުވާނެކަން ހިތުގެ އަޑިން ގަބޫލު ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ސަބަބުތަކުގައި ހިފުމާއެކު ﷲއަށް ވަކީލު ކުރުމުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ. ނަމަވެސް ވަކީލުކުރުން ކުޑަކުރެވި، މާބޮޑަށް ސަބަބުތަކަށް ބަރޯސާވެއްޖެ ކަމުގައިވާނަމަ އެމީހަކަށް ކެހި ލިބޭނެ ކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.









