ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާ އެއްވެސް މައްސަލައެއް ނުބަލާ ދުލެއް ނުކޮށްލަން: ޒިފްލީން
16 ޖުލައި 2020 | ބުރާސްފަތި 04:06މިހާރު ދުވަހުން ދުވަހަށް ހުށަހަޅާ މައްސަލަތައް ބަލަމުންދާނެ

ފަލަސުރުހީ ޕްރޮގްރާމްގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވާހަކަދައްކަވަނީ
ޖެންޑަރ މިނިސްޓަރީއަށް ހުށައަޅާ އެއްވެސް މައްސަލައެއް ނުބަލާ ދޫކޮށްލާފައި ނުވާނެ ކަމަށާއި، ދުވަހުން ދުވަހުން މައްސަލަތައް ބަލަމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޒިފްލީނާ ވިދާޅުވީ މިހާރު ޖެންޑަރ މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިޝަތު މުހައްމަދު ދީދީ މަގާމަށް އައްޔަނުކުރެވުނު އިރު ބެކްލޮކްގައި ގިނަ މައްސަލަތަކެއް ހުރި ކަމަށެވެ. ނަމަވެސް، މިހާރު ގިނަ މައްސަލަތަކަށް ދުވަހުން ދުވަހަށް އެޓެންޑްވެ ބަލަމުންދާކަން ވެސް ޒިފްލީނާ ފާހަގަކުރެއްވިއެވެ.
ޖެންޑަރ މިނިސްޓްރީގެ ތެރޭގައި ވެސް ރަނގަޅުކުރަން ޖެހޭ ކަންކަން ހުރިކަން ފާހަގަކުރައްވައި ޒިފްލީނާ ވިދާޅުވީ އެ މަސައްކަތްތައް މިހާރު ކުރެވެމުންދާ ކަމަށެވެ.
އެގޮތުން ޕްލޭންތައް ހެދި ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ހުރިހާ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ޒިފްލީނާ ވިދާޅުވީ މިނިސްޓްރީއަށް ހުށަހަޅާފައިވާ އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ޖިންސީ ފުރައްސާރަ މައްސަލަ، އާއިލާތަކުގެ މައްސަލަތަކުގެ އިތުރުން ކުޑަ ކުދިންނާ ގުޅުންހުރި މައްސަލަތައް ހިމޭނޭ ކަމަށެވެ.
ޒިފްލީނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން މިނިސްޓްރީގެ މެންޑޭޓް ތެރޭގައި ނުހިމެނޭ ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، މިހާރު ވެސް ގިނަ ކަންކަން ބަލަމުންދާ ކަމަށެވެ.
އެގޮތުން މާލޭގައި ގެދޮރުނެތި ދިރިއުޅޭ މީހުންނާއި، މަގުމަތީގައި ސަލާން ޖަހާ މީހުންނާއި، މާލޭގައި ތޮށްޖެހިގެން ދިރިއުޅެމުންދާ އާއިލާތަކާއި، ޑްރަގްގެ ޝިކާރައަކަށްވެ މަގުމަތީގައި އުޅޭ މީހުންގެ އިތުރުން އެކިއެކި ސަބަބުތަކާ ހުރެ ވަރަށް ހާލުގައި ދިރިއުޅޭ އެތައް ބަޔަކަށް މިނިސްޓްރީގެ ފަރާތުން ވަރަށް ގާތުން މޮނިޓަރކޮށް އެހީތެރިކަން ފޯރުކޮށްދިން ކަމަށް ޒިފްލީނާ ވިދާޅުވިއެވެ.
ޒިފްލީނާ ވިދާޅުވީ ޚާއްސަ ޕްލޭންގެ ދަށުން ކުރެވުނު މަސައްކަތުގެ ތެރެއިން ފުލް ލޮކްޑައުންއާއެކު މާލެ ސިޓީގެ މަގުތައް އޮތީ ވަރަށް އަމާންކޮށް ކަމަށާއި، ފުލްލޮކްޑައުންއަކަށް ދިޔަ ނަމަވެސް ކޮންޓްރޯލް ނުކުވޭ ވަރަށް އިޖްތިމާއީ މައްސަލަތައް ފެންމަތިވެގެން ނުދާ ކަމަށެވެ.
ނަމަވެސް ފުލް ލޮކްޑައުންގައި މާލެސިޓީ އޮތްއިރު މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތައް ވަރަށް ބޮޑަށް މަދުވެގެން ދިޔަ ކަމަށާއި، މިކަމުގައި ތަފާތު ސަބަބުތައްވާ ކަމަށެވެ. އެގޮތުން އަނިޔާ ކުރާ މީހާ އެއް ތަނެއްގައި ހުރުމާއި، ރިޕޯޓު ކުރުމަށް ވެސް ފުރުސަތު ނުލިބި ގޮސްފާނެ ކަމަށް ބެލެވޭ ކަމަށް ޒިފްލީނާ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ ކެމްޕޭނެއް ބުދަ ދުވަހު ފަށާފައެވެ. "ގެވެށި ގުޅުން" ނަމުގައި ހިންގާ ކެމްޕޭނުގެ ޝިއާރަކީ "އަނިޔާއަކަށް ވަންޏާ ހަނު ނުހުންނާނަން" އެވެ.









