ލޮކްޑައުންގެ މިހާލަތުގައި ހުރިހާ ޚިދުމަތަކަށް ހުއްދަ ދޫކުރަނީ ފުލުހުން!
4 ޖޫން 2020 | ބުރާސްފަތި 19:29ވިޔަފާރި ހުއްދަ ހޯދުމުގައި އަމަލު ކުރަން ޖެހޭ ގޮތަށް މިހާރު ބަދަލު ގެނެވިފައިވޭ


ބުރާސްފަތި ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ލޮކްޑައުންގެ ހާލަތުގައި އެކިއެކި ބޭނުންތަކަށް ބޭރަށް ދިއުމަށާއި، ޚިދުމަތްތައް ދިނުމަށް ދޫކުރާ ހުރިހާ ހުއްދައެއް ހުކުރު ދުވަހުން ފެށިގެން ދޫކުރަމުންދާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިޝާމް ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިޝާމް ވިދާޅުވީ ވިޔަފާރި ހުއްދަ ހޯދުމުގައި އަމަލު ކުރަން ޖެހޭ ގޮތަށް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ. އެގޮތުން އޮފީސްތައް ހުޅުވުމުގެ ހުއްދައަށް މީގެކުރިން އިކޮނޮމިކް މިނިސްޓްރީގައި އެދުނު ނަމަވެސް ހުކުރު ދުވަހުން ފެށިގެން ހުއްދައަށް އެދެންޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށް ވިޝާމް ވިދާޅުވިއެވެ. ނަމަވެސް މީގެ ކުރިން އެޕްލިކޭޝަން ހުށަހަޅާފައިވާ މީހުންނަށް އަލުން ހުއްދައަށް އެދެން ނުޖެހޭނެ ކަމަށާއި، އެހުއްދަ ފުލުހުން ދެމުންދާނެ ކަމަށެވެ.
ވިޝާމް ވިދާޅުވީ ފިހާރަ ނުވަތަ ވަކި ވިޔަފާރިތަކެއް ކަސްޓަމަރުންނަށް ހުޅުވާލައިގެން މުދާ ވިއްކަން ބޭނުންވާނަމަ، ހުއްދައަށް އެދެން ޖެހޭނީ ވެސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލަށް ހުއްދައަށް އެދި މިހާތަނަށް ޕާމިޓް ލިބިފައިނުވާ މީހުން ވެސް ޕޮލިސް ޕޯޓަލް މެދުވެރިކޮށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް ވިޝާމް އެދިފައިވެއެވެ.
މީގެ އިތުރުން ވިޝާމް ވިދާޅުވީ ކަސްޓަމަރުންނަށް ހުޅުވާލައިގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކާއި އަދި ހަމައެއާއެކު އިލެކްޓްރޯނިކް ޒަރިއްޔާއިން އޯޑަރު ދިނުމުން ޑެލިވަރީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ދާއިރާތައް ހިމެނޭ ކަމަށެވެ. އަދި މިފަދަ ފަރާތްތަކުން ވެސް ކުރިއަށް އޮތްތަނުގައި ހުއްދައަށް އެދެން ޖެހޭނީ ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ކަމަށް ވިޝާމް ވިދާޅުވިއެވެ.
މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ފަށާއިރު ގިނަ ފިހާރަތަކެއް ހުޅުވާލުމުގެ ވަނީ ފުރުސަތު ދީފަ އެވެ. ނަމަވެސް މިހާލަތުގައި ބޭރަށް ނުކުމެ އުޅޭއިރު ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ ނަގާ، އިޖްތިމާއީ ގައިދުރުކަން ބަހެއްޓުމަށް އެޗްޕީއޭއިން އެދިފައިވެއެވެ. އަދި މާސްކް އެޅުން މަޖުބޫރު ނުކުރި ނަމަވެސް އެންމެ ރައްކާތެރި ގޮތަކީ މާސްކް އެޅުން ކަމަށާއި، ބަންދު ތަނަކަށް ދާނަމަ މާސްކް އެޅުމަށް އެންއީއޯސީގެ ޑޮކްޓަރުންގެ ޓީމުން ވަނީ އިލްތިމާސްކޮށްފައެވެ.








