ބުދަ 03 ޖޫން 2020
01 މިއަހެލި
1441 ޝައްވާލް 11
ފަތިސް 04:34
އިރުއަރާ 05:52
މެންދުރު 12:08
އަސްރު 15:31
އިރުއޮއްސޭ 18:16
އިޝާ 19:34
އަދުލްއިންސާފު ގާއިމު ކުރުމުގައި ލަސްތަކެއް

ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި، މައްސަލައަކީ ބައިވެރިން ދޫވެފައި ތިބުން!

  • މަނީ ލޯންޑަރިންގ މައްސަލައަކީ މީހަކު ޝައްކުކުރާނެ ޖާގައޮތް ގޮތަށް ހިންގި ޝަރީއަތެއް ނޫން
  • ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރެއިން ތަންފީޒު ކުރަމުންދާ މައްސަލައަކީ ކުޑަ މިންވަރެއް، ކުރެވޭ ތުހުމަތުތަކުގެ ބޮޑުބައި ކުރިއަކަށް ނުދޭ
  • ރައީސް ޔާމީނާއެކު އޭރު "ޖަރީމާ" ހިންގެވުމުގައި އުޅުއްވި އިސްވެރިން ތިއްބެވީ މުޖުތަމައުގައި ދޫވެފައި

ކ. މާލެ | 23 މެއި 2020 | ހޮނިހިރު 16:23 | 11,952

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި އެމަނިކުފާނުގެ ވެރިކަމުގައި ޕީޕީއެމްގެ އިސް ބައެއް ވެރިން: ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި، އަދި އޭރުގެ ސަރުކާރުގެ އިސްވެރިން - ރާއްޖެ އެމްވީ

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ އިންސާފުގެ ބޭރުން ކުރެވިފައިވާ ސިޔާސީ ހުކުމެއް ކަމަށް ސަރުކާރު ހިންގާ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވެފައި ވާތީ ކަމަށްބުނެ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަން ކުރުމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަން މިވަނީ ގޮވާލާފަ އެވެ.

ޕީޕީއެމް-ޕީއެންސީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ކުރީގެ ރައީސް ޔާމީނަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ އިންސާފުވެރި ޙުކުމެއް ނޫން ކަމަށާއި، އެއީ ސިޔާސީ އަދި ޒާތީ ދައުވާއެއް ކަމަށެވެ.

ޕީޕީއެމް-ޕީއެންސީން ބުނެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ތަކުރާރުކޮށް ގޮވާލަމުން ގެންދާއިރު، އެމަނިކުފާނު ޖަލުގައި އެހުންނަވަނީ އިންސާފުން ނޫން ކަމަށާއި، އަދި އެމަނިކުފާނަށް ކުރެވިފައިވާ ދައުވާއަކީ ސިޔާސީ އަދި ޒާތީ ދައުވާއެއްކަން ދޭހަވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ސަރުކާރު ހިންގާ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިއުތިރާފު ވެވަޑައިގެންފައިވާ ކަމަށެވެ.

ކޯލިޝަންގެ ފަރާތުން އެންމެ ފުރަތަމަ ވަގުތުން ފެށިގެން ވެސް ދައްކަމުން ގެންދިޔަ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ސަރުކާރުގެ ހިންގާ ޕާޓީ އާއި ސަރުކާރުން ވެސް ގަބޫލުކުރާކަން ހާމަވާ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންކަމުން، ރައީސް ޔާމީނާއި، އެމަނިކުފާނުގެ އާއިލާ އަށް ނުހައްގުން ދެމުންދާ އަނިޔާތައް މިހާރުން މިހާރަށް ހުއްޓާލާ، އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ވަނީ ގޮވާލާފަ އެވެ.

މި ބަޔާން ކިޔާލުމުން މި ބަޔާން ނެރުމުގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ހިއްސާ ވަރަށް ބޮޑުކަމަށް ފެނެއެވެ. ނުވަތަ މިބަޔާނަކީ ސީދާ އަބްދުއްރަހީމް ލިޔުއްވާފައިވާ ބަޔާނެއް ކަމަށް ހީވާ ފަހަރުވެސް އެބައާދެ އެވެ. ސަބަބަކީ، މިފަދަ ބޮޑެތި އޮޅުވާލުންތަކެއް މިބަޔާނުގައި ހުރުމުން ނެވެ. މިފަދަ ދޮގު ބުހުތާނު ވާހަކަތައް ދައްކާ ރައްޔިތުންނަށް އޮޅުވާލުމަކީ އަބްދުއްރަހީމް މެން ފަދަ "ކޮމިކަލް އަލީ" ގެ ލަގަބު ލިބިފައިވާ ބޭފުޅުންނަށް މާއުނދަގޫ ކަމެއް ނޫނެވެ.

ތިޔަ ބަޔާނެއް އިދިކޮޅު ކޯލިޝަނުން ނެރުނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ރައީސް ޔާމީންގެ 61 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި، ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން ކަމަށްވާ، ޕީޕީއެމް-ޕީއެންސީ ކޯލިޝަންގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު، ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ކުރެއްވި ޓްވީޓެއް ރައީސް ނަޝީދު ރިޓްވީޓް ކުރެއްވުމާ ގުޅިގެން ނެވެ.

ރައީސް ޔާމީނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުއްވުމަކީ މައްސަލައެއް ނޫނެވެ. މައްސައަކަށް ވެގެން އެވާހަކަ އެންމެން އެ ދައްކަނީ، ރައީސް ޔާމީން ރައްޔިތުންގެ ހާލަތަށް އެން މެބޮޑު ކުރިއެރުމެއް ގެނެސްދެއްވި، ދިވެހި ތާރީޚު ރަން އަކުރުން ފަވާނެ ޚިދުމަތްތެރި ރައީސެއް ކަމަށް ވިދާޅުވެ، އަދި "އިންސާފު ނުލިބި ނުޙައްޤުން ޖަލުގައި ހުންނެވުމަކީ ދިވެހި ޤައުމަށް ލިބިގެންދިޔަ ބޮޑުހިތާމައެއް،" ކަމަށް ވިދާޅުވެ، ސައީދު ކުރެއްވި ޓްވީޓް، ރައީސް ނަޝީދު ރިޓްވީޓް ކުރެއްވުމުން ނެވެ.

ރައީސް ޔާމީނަކީ، ދިވެހި ދައުލަތުން މިހާތަނަށް އެންމެ ބޮޑެތި ވައްކަމާއި ޚިޔާނާތައް ހިންގި ސަރުކާރުގެ ވެރިޔާ އެވެ. ދައުލަތުގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން އެ ޚިޔާނާތުގައި އަމަލީ ގޮތުން ބައިވެރިވެ، އަދި ނުވިތާކަށް، ދިވެހިރާއްޖޭގެ ބަރުލަމާނީ ހަޔާތަށް އެންމެ ކަޅު އަނދިރި ދުވަސްތައް ތަހައްމަލު ކުރި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ތަޅުއަޅުގައި، އެތަނަށް ސިފައިންނާއި ފުލުހުން ވައްދައިގެން ހިންގިހާ ޖަރީމާތަކާއި، އަދި ދައުލަތުގެ ތިންވަނަ ބާރު ކަމަށްވާ އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ އެންމެ އިސް ކޯޓު، އާދެ، ސުޕްރީމް ކޯޓަށް ސިފައިންނާއި ފުލުހުން ވަދެ ހިންގިހާ ޖަރީމާތަކާއި، އޭރު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކު، ސުޕްރީމް ކޯޓުގެ ތެރޭގައި ހުއްޓާ ދަމާ ކޫއްތާފައި ޖަލަށްލައި، ދައުލަތް ހިންގުމުގެ މުޅި ނިޒާމު ގަޑުބަޑު ކޮށްލި ވެރިޔަކަށް އެފަދަ ދިވެހި ތާރީޚުން ރަން އަކުރުން ފަވާލެވޭ، ލަގަބެއް ދޭނަމަ، އެލަގަބު ރައީސް ޔާމީނަށް ހައްގު ނޫންތޯ އެވެ.

ދިވެހި އެތައް ސަތޭކަ ރައްޔިތުންނަށް ނުހައްގުން އަނިޔާކޮށް، ޖަލަށްލީ އިރު، އަނިޔާވެރިކަން ރައީސް ޔާމީންގެ ކިބާގައި ހުރީ ތިޔަހެނެއް ނޫނެވެ. ނަމަވެސް އެމަނިކުފާނާ ގާތް ބޭފުޅުންނަށް، ރައީސް ޔާމީނަކީ ވަރަށް ރަނގަޅު ބޭފުޅެކެވެ. އެހެންނަމަވެސް ގާތް ބޭފުޅެއްގެ ފަރާތުން ކިރިޔާވެސް ޝައްކެއްވާ ފަދަ ކަމެއް ފެނުނަސް، އެމީހަކު ދުވަސް ދުއްވާލުމަކީ ވަރަށް ކައިރި ކަމެކެވެ. ރައީސް ޔާމީން ސަރުކާރުން ހިންގިއިރު، ސިފަވަނީ، މަޝްހޫރު "ނާކޮސް" ސީރީޒެއް ހެންނެވެ. ކޮލަންބިޔާގެ މަޝްހޫރު މާފިޔާ އަދި ޑްރަގް ލޯޑަރ ޕަބްލޯ އެސްކޮބާގެ ފިލްމެއް ހެންނެވެ.

އެތައް ބަޔަކަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލާއިފައި ވާއިރު، މީސްމީހުން ވަގަށް ނެގުމާއި، މާލޭ މަގުތަކުން ބޮން ފެނުމާއި، ފަޅު ރަށްތައް ކޮނެ ފައިސާ ހޯދަން އުޅުން ފަދަ ކަންކަން ވަނީ ހިންގާފަ އެވެ. މީގެ އިތުރުން ގޮތް ނޭނގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނި، ބޮޑެތި އަދަދުތަކުން ރާއްޖެއަށް ޑްރަގް އެތެރެ ކުރުމާއި، ރާއްޖޭގެ ހަރު މުދާތަށް ނުއަގުގައި ވިއްކާ އަމިއްލަފުޅު އެކައުންޓަށާއި ގާތް ބޭފުޅުންގެ އެކައުންޓްތަކަށް ޖަމާކޮށް، ފައިދާ ނަގަމުން ދިޔައިރު، އަމިއްލަފުޅު ގެ ބޮޑު ގަނޑުވަރެއް ގޮތަށް އެދަނީ ބިނާ ކުރަމުންނެވެ. އަދި ކަނޑުއަޑިން ސިފައިންގެ އާމަރީ ފެނުމަކީ ކުޑަ އަޖައިބެއް ނޫންތާ އެވެ.

އެހުރިހާ ކަމެއްގެ ތެރެއިން ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތައްވެސް ވަރަށް ގިނަ އެވެ. މަނީ ލޯންޑަރ ކުރުމާއި، ވަގަށް ދެކުނު ކޮރެއާއަށް ތެޔޮ ވިއްކާފައި ވާއިރު، ނުހިންގާކަށް ޖަރީމާއެއް ނެތެވެ.

މިހުރިހާ ތުހުމަތުތަކެއް ހުރިއިރު، ރައީސް ޔާމީންގެ މައްޗަށް، މިވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ހިންގާލެވުނީ ވަރަށް ކުޑަކުޑަ ޝަރީއަތެކެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރ ކުރުމުގެ ތުހުމަތުގައި ކުރެވުނު ދައުވާ ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއްގެ ދައުވާއެއް ކޮށް، ޖަލަށް ލެވިފައި ވާއިރު، މިއީ ރައީސް ޔާމީނުގެ މައްޗަށް ހިންގޭ ޝަރީޢަތްތަކުގެ ތެރެއިން އެންމެ ކުޑަ އަދަބު އަންނާނެ ދައުވާކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތަކުގެ ތެރެއިން، އެންމެ މައްސަލައެއް ސާބިތުވިޔަސް، އުމުރު ދުވަހުގެ ޖަލު ހުކުމެއް އައުމަކީ ވަރަށް ގާތް ކަމެކެވެ. ސަބަބަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ 1.23 ބިލިއަން ރުފިޔާގެ ޚިޔާނާތަކަށް ވާއިރު، ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނަވައި، އެވަރުގެ ކަމެއް ކުރެއްވުމަކީ، އާދައިގެ ކުޑަކަމެއް ނޫނެވެ.

މަނީ ލޯންޑަރިންގ އެއްފަރާތުގައި ބާއްވަފައި، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ ދައުލަތުގެ އެއް މިލިއަން ޑޮލަރު، އެއީ ވައްކަން ނުވަތަ ޚިޔާނާތުގެ މައްސަލައެއް ގޮތުގައި ދައުވާކޮށް، ޝަރީއަތުން ސާބިތު ވެއްޖެނަމަ އެކަނިވެސް، ރައީސް ޔާމީންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ އެއްމިލިއަން ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރިކަމާއި ޖަމާކުރީ ކިހިނެއް ކޮންގޮތަކަށްކަމާއި، ޖަމާކުރުމުން ރައީސް ޔާމީން އެ ފައިސާއަށް ދެން ހެއްދެވި ގޮތާއި، އެ ފައިސާއާމެދު ދައްކާފައިވާ ވާހަކަފުޅުތަކާއި، ކަންކަމަށް ބަލާއިރު، ދައުލަތުގެ ފައިސާއިން ވައްކަން ކޮށް، ނުވަތަ ޚީޔާނާތް ވެފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ދައުވާއާއި ގުޅިގެން ހިންގި ޝަރީއަތާއި، ޝަރީއަތުން އިއްވާފައިވާ ހުކުމުގައި މީހަކު ޝައްކު ކުރާނެ ތަނެއް ނެތެވެ. އެއީ އިންސާފުވެރި ޝަރީއަތެއްކަމާއި، ޝަރީއަތް ހިންގިއިރު، ފުރަތަމަ ފަހަރަށް ޓީވީތަކުން ލައިވް ކުރި ޝަރީއަތަށް މިޝަރީޢަތް ވެގެންގޮސްފައިވާ ކަމީ އިންސާފަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދިޔަ އުއްމީދެކެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގ ދައުވާގެ ހުކުމަކީ އިންސާފުން ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ބުނާ ފަރާތްތަކުން، ކަން ހިނގާދިޔަގޮތުގެ މަންޒަރު އަނެއްކާވެސް ކުޑަކޮށް ސާފުކޮށްލުން ރަނގަޅެވެ.

ފުރަތަމަ ކަމަކީ، ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނާބުނުމަށް އެމަނިކުފާނު އިންކާރެއް ނުކުރައްވަ އެވެ. އެހެން ނޫނަސް އިންކާރު ކުރެއްވޭނެ ޖާގައެއްވެސް ނެތެވެ. އެފައިސާ ޖަމާކޮށްފައިވާކަން ބޭންކް ސްޓޭޓްމަންޓުން ހާމަވެއެވެ. އެ ފައިސާ ޖަމާކުރި މީހުން ވެސް އެ ފައިސާ ޖަމާކުރިކަމަށް ބުނާއިރު، އެ ފައިސާގެ މުއާމަލާތް ހިންގި އޭރު ރައީސް ޔާމީންގެ އެންމެ އަރިސް ބޭފުޅާ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ، ރައީސް ޔާމީންގެ ބޭންކް އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ޝަރީއަތުގައި ހެކިބަސް ދެއްވާފަ އެވެ.

ރައީސް ޔާމީން ދެން އެވިދާޅުވަނީ އެއީ ޕީޕީއެމްގެ ކެމްޕެއިނަށް ހެޔޮއެދޭ ފަރާތަކުން ދިން ފައިސާ ކަމަށެވެ. ނަމަވެސް އަދީބު ވިދާޅުވަނީ، ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް ވިޔަފާރިވެރިންނާއި، ހެޔޮއެދޭ ފަރާތްތަކުން ފައިސާގެ އެހީ ވެދެއްވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް އަދީބު ވިދާޅުވަނީ ޕީޕީއެމަށް ހެޔޮއެދޭ ފަރާތްތަކުންވެސް ދެނީ ދެތިން ލައްކަ ރުފިޔާ ކަމަށާއި، އެހާވަރުގެ ބޮޑު އަދަދެއް އެއްވެސް ފަރާތަކުން ދެއްވާފައި ނުވާކަމެވެ. އެހެންނޫނަސް، ސިޔާސީ ޕާޓީއެއްގެ ފައިސާއެއްނަމަ ޕާޓީގެ ރައީސްގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރާކަށް ގާނޫނަކު ބުނެފައެއް ނުވެއެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނަނީ ފައިސާ ޖަމާކުރަން ޖެހޭނީ އެ ސިޔާސީ ޕާޓީގެ އެކައުންޓަށް ކަމަށެވެ.

އަދީބު ވަނީ ވަރަށް ސާފު ބަހުން، އެބުނާ 1 މިލިއަން ޑޮލަރުގެ މުއާމަލާތް ހިނގިގޮތް ޝަރީއަތަށް ވިދާޅުވެ ދެއްވާފަ އެވެ. އެފައިސާ ޖަމާކޮށްފައި ވަނީ، ސީދާ ރައީސް ޔާމީން ވިދާޅުވެގެން، އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ކަމަށާއި، އެދުވަސް ވަރަކީ ކެމްޕެއިން ހަރަކާތެއް އޮތް ދުވަސްވަރެއްވެސް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އަނެއް ކަމަކީ ރައީސް ޔާމީނަށް އެމަނިކުފާނުގެ އަމިއްލަފުޅު ބޭންކު އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާ އެއީ ކޮންގޮތަށް ހޯދި ކޮންފައިސާއެއް ކަމާއި، އެއީ އެމަނިކުފާނު ސައްހަ ގޮތުގައި ހޯދާފައިވާ ހަލާލު ފައިސާކަން، ޝަރީއަތަށް ސާބިތުވާވަރުގެ ހެއްކެއް ދެއްކިފައި ނުވެއެވެ. އެ 1 މިލިއަން ޑޮލަރަކީ ގއ. ވޮޑުމުލާ ވިއްކާލައިގެން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ނުވަތަ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާކަން ޝަރީއަތުން އެނގެ އެވެ. މީގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، އެފައިސާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ، ނަމަވެސް އެފައިސާ އެ އެކައުންޓަށް ޖަމާކުރުމުގެ ބަދަލުގައި ދެން ވެސް ހިންގެވީ ވެސް "ޖަރީމާ" އެކެވެ.

އަދީބަ ށްފަހު، ރައީސް ޔާމީން، ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަނު ކުރެއްވި، އެމަނިކުފާނުގެ ގާތް އެކުވެރިޔާ މޫސާ ޒަމީރުގެ އަތުން 1 މިލިއަން ޑޮލަރު ނަންގަވާ، އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރި އިރު، އެއީ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ އެމްއެމްޕީއާރުސީގެ ޚިނާޔާތުގެ 1 މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލުމަށް ހިންގެވި އަމަލެކެވެ. އަދި އޮޅުވާލުމަށް ފަހު، ޖެރަނަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އެފައިސާ އިންވެސްޓްކޮށް 36 މަސް ދުވަހުގެ ފައިދާ ނަންގަވާފައި ވެއެވެ. މިހާ ސާފުކޮށް އޮތް މައްސަލައެއްގައި، އިންސާފު ނޫންކަމަށް ބުނުމުގެ ޖާގައެއް ނެތެއް ނޫންތޯ އެވެ.

މައްސަލަ މިއުޅެނީ، ރައީސް ޔާމީންގެ މައްޗަށް ހިންގި މަނީ ލޯންޑަރިންގ މައްސަލާގައެއް ނޫނެވެ. މައްސަލަ މިއުޅެނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތާއި، ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ އެހެނިހެން ޚިޔާނާތްތަކާއި އަނިޔާވެރި އަމަލުތަކުގައި ބައިވެރިވެ، އަމަލީ ގޮތުން އުޅުއްވި ބޭފުޅުން މުޖުތަމައުގައި ދޫވެފައި ތިބި ތިބުމެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުއްލި މުއްސަނދިކަން ހޯއްދަ ވާ، އަގުބޮޑެތި އެޕާޓްމަންޓްތަކާއި ދެއިރުދެދަޅައަށް "ރޮލެކްސް" ގަޑިއާއި "ކޮހިނޫރު" އަނގޮޓި އަޅުއްވައިގެން، "ކޭކް" ފެޅުއްވުމުގައި އޭރު ރައީސް ޔާމީންގެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މުޖުތަމަޢަށް ދޫވެފައި ތިބުމަކީ، އިންސާފެއް ނޫނެވެ. އެއީ ރައީސް ޔާމީނަށް ވެސް އިންސާފުވެރި ގޮތަކަށް ނުވާނެ ނޫންތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.