ހޮނިހިރު 26 ސެޕްޓެންބަރ 2020
06 އަތަ
1442 ސަފަރު 08
ފަތިސް 04:42
އިރުއަރާ 05:53
މެންދުރު 12:02
އަސްރު 15:07
އިރުއޮއްސޭ 18:02
އިޝާ 19:13
މައުމޫން

ދުންޔާ އެނބުރި ސަރުކާރަށް، ރައީސް މައުމޫނަށް ވާނީ ކިހިނެއް؟

  • ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ރައީސް މައުމޫނުގެ ދަރިކަލުން
  • ޣައްސާނު ފިޔަވައި ދެން ތިއްބެވި ބޭފުޅުން ރައީސް މައުމޫނާ އެކު
  • އާއިލާ ތެރޭގައި ޙިޔާލް ތަފާތުވުން

ކ. މާލެ | 7 ޖެނުއަރީ 2017 | ހޮނިހިރު 13:32 | 5,115

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު: މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ސަރުކާރާ ގުޅިވަޑައިގަތީ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި - ގޫގުލް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމަކީ އާއިލާއަށްޓަކައި ގިނަ ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެކެވެ. ހާއްސަކޮށް ހެޔޮ ގޮތުގައި ދަރިން ތަރުބިއްޔަތު ކުރެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައި ގާބިލް ބޭފުޅުންތަކެއް މުޖުތަމައުއަށް ނެރެދެއްވާފައި ވެއެވެ. ސިޔާސީ މައިދާނުން އެ ކުދިންނަށް ހެޔޮ ގޮތްތައް ހޯއްދަވައިދެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ވިސްނުންފުޅާ ދެކޮޅަށް އެ މަނިކުފާނުގެ ދަރިކަލަކު އަދި ދަރިކަނބަލަކު ވެސް ފިޔަވަޅެއް އަޅުއްވާނެއެކޭ މިހާތަނާ ޖެހެންދެން ވެސް އޮތީ ގަބޫލުކުރަން ދަތި ކަމަކަށް ވެފައެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ލޮޅުންތަކާ އެކު ކާމިނީގެ އާއިލާގެ ތެރޭގައި ޖެހުނު މައްސަލަތަކުގެ އަސަރު ސީދާ ރައީސް މައުމޫނުގެ އާއިލާ އަށް ވެސް މި ވަނީ ފޯރާފައެވެ.

 

ޕީޕީއެމްގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އެއްބަފާ ކޮއްކޯފުޅު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާ ދެމެދު ހިޔާލު ތަފާތުވުންތައް އުފެދި އެންމެ ފަހުން ޕާޓީ ދެ ބައިވުމާ ގުޅިގެން ހުރިހާ ފަރާތްތަކުން ވެސް ކުރަމުން ދިޔަ ސުވާލަކީ ރައީސް މައުމޫނުގެ ބޭބޭފުޅުން ކަންތައްކުރައްވާނީ ކިހިނެއްތޯއެވެ؟ ގިނަ ބަޔަކު ހީކޮށްގެން ތިބީ ހުރިހާ ބޭފުޅުން ވެސް އަރުއްވާނީ ރައީސް މައުމޫނުގެ ކޮޅަށް ކަމަށެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. އާއިލާގެ ތެރޭގައި ވެސް ރެނދުލިއެވެ.

 

މަޖިލީހުގެ ތެރެއިން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ރައީސް މައުމޫނުގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު މަސައްކަތް ފެއްޓެވިއެވެ. ޔުމްނާ މައުމޫނު ވެސް ސަރުކާރުގެ ވަޒީފާ އިން އިސްތިއުފާ ދެއްވިއެވެ. އޭގެ ފަހުން ރައީސް މައުމޫނު ވަނީ ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން އިއުލާނުކުރައްވާފައެވެ. ހަމައެއާ އެކުއެކީގައި ފޮރިން މިނިސްޓަރަކަށް ހުންނެވި ދުންޔާ މައުމޫނު ވެސް އިސްތިއުފާ ދެއްވިއެވެ. އަދި ސަރުކާރަށް ފާޑު ވިދާޅުވިއެވެ. ދެން ހުންނެވީ ޣައްސާނު މައުމޫނެވެ. ރައީސް ޔާމީން ފެކްޝަނުގެ ބައްދަލުވުންތަކުގަ އާއި ސަރުކާރުގެ ޖަލްސާތަކުގެ ކުރީ ސަފުގައި އިންނެވި ނަމަވެސް ބައްޕާފުޅު މައުމޫނާ އެކު ވެސް ހުންނެވިއެވެ. ރައީސް ޔާމީނާ ޚިލާފުވާ ނިންމުންތަކުގައި ބައިވެރިވަޑައި ނުގެންނެވި ނަމަވެސް ބައްޕާފުޅުގެ ކައުންސިލް ބައްދަލުވުންތަކުގެ ގޮނޑި ފުރައިދެއްވައެވެ.

 

ޣައްސާނު ފިޔަވައި ދެން ތިއްބެވި ބޭފުޅުން ރައީސް މައުމޫނާ އެކު އިސްލާހީ މަސައްކަތުގައި ސާބިތުކަމާ އެކު ތިއްބަވާނެ ކަމަށް ބެލެވިފައި ވަނިކޮށް ބުރާސްފަތި ދުވަހު މުޅި ސިޔާސީ މަސްރަހު ސިއްސުވާލީ ދުންޔާ މައުމޫނު އަނެއްކާ ވެސް އެނބުރި ސަރުކާރާ ގުޅިވަޑައިގެންނެވި ވާހަކައާ އެކުއެވެ. އެ ވެސް ކުރިން ހުންނެވި މަގާމަށް ވުރެ ދަށް މަގާމަކަށެވެ. ސްޓޭޓް މިނިސްޓަރު ކަމަށެވެ. ސަބަބެއް ހާމައެއް ނުކުރައްވައެވެ. ކުރެއްވި ޓްވީޓެއްގައި ވަރަށް ކުރުކޮށް ވިދާޅުވެފައި ވަނީ ރައްޔިތުންނަށް ޚިދުމަތްކޮށްދެއްވުމުގެ އުންމީދުގައި ހުންނެވި ކަމަށެވެ.

 

ދުންޔާގެ މި ނިންމެވުމާ އެކު މުޅި ސޯޝަލް މީޑިއާ ކެކިއަރައިގަތެވެ. ގިނަ ބަޔަކު ހީކޮށްގެން ތިބީ ރައީސް މައުމޫނުގެ ރާގު ވެސް ހުންނާނީ ސަރުކާރާ އެއްކޮޅަށް، އަދި ދުންޔާގެ އެ ނިންމެވުމަށް ވެސް ތާއީދުކުރައްވާ ފަދަ ގޮތަކަށް ކަމަށެވެ. ގިނަ ބަޔަކު ފާޑުކިޔަމުން ދަނިކޮށް އިތުރު ހައިރާންކަމެއް ލިބިގެންދިޔައީ ރައީސް މައުމޫނު ކުރެއްވި ޓްވީޓަކުންނެވެ. ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވީ "ދުންޔާ އަނބުރާ ސަރުކާރަށް ދިޔުމަކީ އޭނާގެ އަމިއްލަ ނިންމުމެއް" ކަމަށެވެ. އަދި "އެކަމަށް ތާއިދު ނުކުރައްވާ" ކަމަށެވެ.

 

ރައީސް މައުމޫނެކޭ އެއްގޮތަށް ޔުމްނާ މައުމޫނު ވެސް ވަނީ ދުންޔާގެ ނިންމެވުމަކީ އަމިއްލަ ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މައުމޫނުގެ އަރިހުގައި ސާބިތުކަމާ އެކު ހުންނަވާނެކަން ހާމަކުރައްވާފައެވެ. ދުންޔާގެ އިތުރުން ރައީސް މައުމޫނުގެ އަރިސް ބޭފުޅެއް ކަމަށްވާ އުމަރު ނަސީރު ވެސް ވަނީ ދުންޔާގެ ނިންމެވުމާ މެދު ސުވާލު އުފައްދަވާފައެވެ. "ފަސް އެނބުރި ބެލުމެއް ނެތް" ކަމަށް ވިދާޅުވިއެވެ. އަދި "ތެދުވެރިކަމާ ދިމާއަށް މާޗް ކުރުމަށް" ވަނީ ގޮވާލައްވާފައެވެ.

 

ރައީސް މައުމޫނު ދޫކުރައްވައި ރައީސް ޔާމީނުގެ އަރިހަށް އަލުން ދުންޔާ ވަޑައިގެންނެވުމާ ގުޅިގެން އެތައް ބަޔަކު ދަނީ އެކަމާ މެދު ސުވާލު އުފައްދަމުންނެވެ. އެންމެ ބޮޑު ސުވާލަކީ އެކަމަނާ ވަޑައިގެންނެވީ ކީއްވެބާއެވެ؟ މަޖުބޫރީ ހާލަތެއް މެދުވެރިވީތޯ ވެސް އެތައް ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ސުވާލުކުރަމުންނެވެ. އަދި ޚަރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވި އިރު ފާހަގަކުރެއްވި ކަންކަން މިހާރު އިސްލާހުވީތޯ ވެސް އެތައް ބަޔަކު ދަނީ ސުވާލުކުރަމުންނެވެ. އެންމެ ބޮޑަށް އޭރު ފާހަގަކުރެއްވި އެއް ކަމަކީ މަރުގެ އަދަބު ތަންފީޒުކުރުމުގެ މައްސަލައެވެ. އެކަމާ މެދު ހިޔާލު ތަފާތުވެގެން އިސްތިއުފާ ދެއްވި އިރު ސަރުކާރުގެ އެ ސިޔާސަތައް އެއްވެސް ބަދަލެއް ގެނައިކަން މިހާތަނަށް އާންމުކޮށްފައެއް ނުވެއެވެ. އެހެން ކަމުން އިސްތިއުފާ ދެއްވި އިރު އޮތް ހާލަތު އަދި ސަރުކާރުގެ ސިޔާސަތު ވެސް ބަދަލު ނުވާ އިރު ދުންޔާގެ ނިންމެވުން ބަދަލުކުރެއްވުމުން ހަގީގަތުގައި ވެސް ސުވާލު އުފެދެއެވެ.

 

ދެން އެންމެ ގިނަ ބަޔަކު ސުވާލުކުރަމުންދަނީ ވަޒީރަކަށް ހުންނެވި ބޭފުޅަކު އެއަށް ވުރެ ދަށް މަގާމެއް ގަބޫލުކުރެއްވުމެވެ. އެކަމާ ގުޅިގެން ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ދުންޔާގެ މި ކުއްލި ނިންމެވުމާ މެދު ސުވާލުތައް އުފެދިފައިވާ އިރު ރައީސް މައުމޫނު ފައްޓަވާފައިވާ އިސްލާހީ މަސައްކަތްތަކަށް ދެން ވާނީ ކިހިނެއްތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ރައީސް މައުމޫނު އަރިހުގައި ފާރިސް އާއި ޔުމްނާ ތިއްބެވި އިރު ޣައްސާނާއި ދުންޔާ މިހާރު އެ ތިއްބެވީ ރައީސް ޔާމީނު ކޮޅުގައެވެ. އެހެން ކަމުން ދެންވާނެ ގޮތަކާ މެދު ގިނަ ބަޔަކު ތިބީ ކުޅި ބަލަންށެވެ. އަނެއް ބަޔަކު ބުނަމުން ދަނީ މި ހުރިހާ ކަމަކީ ވެސް "ކާމިނީ އާއިލާގެ ރޭވުމެއް" ކަމަށެވެ. ހުރިހާ ވެސް ބޭނުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ ފޯކަސް ހަމައެކަނި ޕީޕީއެމްގެ ކޯޅުންގަނޑަށް ހުއްޓާލުމެވެ. އަދި ބޮޑެތި އެހެން މައްސަލަތަކުގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކުގެ ލޮލުގައި ވެސް އަނދުން އެޅުވުމެވެ. ކުޅި ބަލަން ތިބެމާ ހެއްޔެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.