ކޮވިޑް-19 ދުނިޔެ އަޅުވެތިކޮށްފިއެވެ. ހަލުވި ކަމުގައި ފެތުރެމުންދާ މިވައިރަސް ކޮންޓްރޯލް ކުރުމަށް މިވަނީ ނުކުޅެދިފައެވެ. އިންސާނުން މިވައިރަސްގައި އަޅުވެތިވެ، ބިކަ ވެގެންދާއިރު ވައިރަސްއަށް ޕޮޒިޓިވްވާ މީހުންނަށް އިތުރު ހިތްދަތިކަމެއް ބައެއް މީހުން ދަނީ ދެމުންނެވެ. ބުނާ ބަސްތަކުން އެމީހުންނަކީ ބޮޑެތި ކުށްވެރިންތަކެއް ގޮތުގައި ލޭބަލް ކޮށްފައިވެއެވެ. އެގޮތުން އިންޑޮނޭޝިއާއިން ފުރަތަމަ ކޮވިޑް-19ށް ޕޮޒިޓިވް ދެމީހުންނަށް އަދިވެސް އުޅެނީ މީހުންގެ ބަދު ބަސްތަކުން އަރައި ނުގެނެވިގެންނެވެ.
އިންޑޮނޭޝިއާގައި ފުރަތަމަ ކޮވިޑް-19ށް ޕޮޒިޓިވްވީ ޕްރޮފެޝަނަލް ދެ ޑާންސަރުންނެވެ. އެއީ ސިތާ ތިޔާތުސަމީ އަދި އޭނާގެ މަންމަ މާރިއާ ދަރްމަނަނިންގްސްއެވެ. މިދެމައިން މިވައިރަސްއަށް ޕޮޒިޓިވްވި ކަމަށް ބޮޑަށް ބެލެވެނީ އެމީހުން ބައިވެރިވި ނެށުމުގެ ޙަރަކާތެއްގެ ތެރެއިންނެވެ.
މިދެމައިންނަށް އިންޑޮނޭޝިއާގެ ޖަކާޓާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދިޔައިރު ކޮވިޑް-19ށް ޕޮޒިޓިވްވިކަން ވެސް އެނގުނީ ރައީސް ޖޮކޯ ވިޑޯޑޯ ގައުމާ މުޚާތަބު ކުރައްވާ އެކަން އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ. ރައީސްގެ ޚިތާބުގައި ކޮވިޑް-19ށް ޕޮޒިޓިވްވި ދެމީހުންގެ އުމުރާއި، ފެންނަ އަލާމަތްތައް ހިއްސާކުރެއްވިއެވެ. އަދި ޙާލަތު ބަޔާން ކޮށްދެއްވިއެވެ. ނަމަވެސް އެހެން އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައިނުވާތީ ޝައްކުވި ކަމަށް ސިތާ ބުންޏެވެ.
ސިތާ ކިޔާދިން ގޮތުގައި ރައީސްގެ މި ޚިޠާބާ ގުޅިގެން ފަރުވާ ދެމުން އައި ނަރުހެއް ގާތުގައި ސުވާލު ކުރިއެވެ. ނަމަވެސް ޖަވާބެއް ނުދީ ދިއުމުން ޔަޤީންވިއެވެ. އަދި ޑޮކްޓަރުން އެކަން ކަށަވަރުކޮށްދިނީ ދެދުވަސް ފަހުންކަން އޭނާ ފާހަގަކުރިއެވެ.
ހޮސްޕިޓަލްގައި ރައީސް ގައުމާ މުޚާތަބު ކުރައްވާ ދެއްވި ޚިތާބުގައި ވިދާޅުވީ ދެޕޭޝަންޓެއް ފެނިފައިވާ ކަމަށް. ކޮވިޑް-19 ޖެހިފައި ތިބި. އޭރު ވެސް އަހަރުމެންނަށް ނާނގާ ނަތީޖާއެއް. ރައީސް ދެމީހުން އުމުރު އެނގޭ ގޮތަށް ވިދާޅުވުމުން ޝައްކުވި. ރައީސް ވިދާޅުވީ އެއީ 64 އަހަރުގެ އަންހެނަކާއި، 31 އަހަރުގެ އެމީހާ ދަރިފުޅު ޖަކަޓާގައި މިހާރު ފަރުވާ ދެމުންދާ ކަމަށް. އެކަމަކު ވެސް ޑޮކްޓަރުން ނުބުނާތީ ޔަގީން ނުވެފައި ތިބީ. އޭގެ ދެދުވަސް ފަހުން ޑޮކްޓަރުން އަހަރުމެން ކައިރީގައި ބުނީ.ސިތާ ތިޔާތުސަމީ
މިހިސާބުން ސިތާ ހުރީ ވާނުވާ ނޭނގޭ ހިސާބުގައެވެ. ނަމަވެސް 99 އިންސައްތަ ކޮވިޑް-19ށް ޕޮޒިޓިވްވިކަން އަމިއްލަ ނަފްސަށް ޤަބޫލުކޮށްގެންނެއެވެ. ނަތީޖާ ނުލިބިގެން ހިތްހަމަ ނުޖެހުނު ނަމަވެސް ޑޮކްޓަރުންނާއި، ނަރުހުން ދިން ފަރުވާއާ އަޅާލުމުން ވަރަށް ހިތްހަމަ ޖެހުނު ކަމަށް ސިތާ ބުނެއެވެ.
ނަމަވެސް ސިތާ އިތުރު ހިތްދަތިކަމެއް ލިބިގެން ދިޔައީ 2 މާރޗްގައި ރައީސް ޤައުމާ މުޚާތަބު ކުރައްވާ މާ ގިނައިރެއް ނުވަނީސް ސިތާގެ އިތުރުން އޭނާގެ މަންމަގެ ފޮޓޮއާއެކު މުޅި ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މެޑިކަލް ރިޕޯޓާއެކު އެތައް ދޮގު އެތައް މަޢުލޫމާތެއް ޢާންމުކުރިއެވެ. އެއީ ކޮވިޑް-19 އިންޑޮނޭޝިއާއަށް ގެނައި ދެމީހުން ކަމަށް ތުހުމަތުކޮށް ބޮޑެތި ކުށްވެރިން ގޮތަށް ސިފަކުރި ކަމަށް ސިތާ ބުނެއެވެ. މިކަމުގެ ސަބަބުން ޢާއިލާއަށް ވެސް އެތަކެއް ތަކުލީފެއް އުފުލަން ޖެހުނު ކަމަށާއި، ގިނަ ބައެއްގެ ބަދުބަސްތައް ބުނެ އެކަހެރިވިކަމަށް ސިތާ ބުނެއެވެ.
ބަލި މީހުންނަށް ބޭނުންވާނީ އަޅާލުމާ ލޯތްބެއެވެ. އެހެންނަމަވެސް އެހެން މީހުންގެ ފަރާތުން ހިތްވަރު ލިބުމުގެ ބަދަލުގައި ސިތާގެ އިތުރުން އޭނާގެ މަންމައަށް ލިބިގެން މިދިޔައީ އިތުރު ހިތްދަތި ކަމެކެވެ. ކޮވިޑް-19 ޖެހުނުކަން ސިއްރު ކުރި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދީ ސިތާ ބުނެފައިވަނީ ފުރަތަމަ ވައިރަސްއަށް ޕޮޒިޓިވްވިކަން ޝައްކުކުރެވުނީ ވެސް ކަރުގައި ރިއްސާފަ ކަރުތެރެ ހިކިފަ ހުރީމަ ކަމަށެެވެ. އަދި ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު އިތުރަށް ބަލި ބޮޑުވާން ފެށިކަަމަށެވެ. އަދި އޭރު އޭނާގެ މަންމަ ބަލިވެ އުޅޭ ކަމަށާއި، ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ޑޮކްޓަރަށް ދައްކަން ދިޔަ ކަމަށެވެ. އެ ހޮސްޕިޓަލުގައި ސިތާއަށް ފަރުވާ ދިނީ ޓައިފުސް އަށެވެ. އަދި އޭނާގެ މަންމައަށް ފަރުވާ ދިނީ ބްރޯންކޯ ނިއުމޯނިއާށެވެ. އޭރު ވެސް ކޮވިޑް-19ށް ޓެސްޓު ކުރުމަށް ސިތާ އެދުނު ނަމަވެސް ވަޞީލަތްތައް ނެތުމުން ގެއަށް ފޮނުވާލިއެވެ.
ބައްޔަށް މާބޮޑު ލުޔެއް ނުލިބެއެވެ. ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު އެނގިގެން ދިޔައީ ދެމައިން ދިޔަ ޑާންސް އިވެންޓަކަށް ދިޔަ ޖަޕާން އަންހެނަކު ކޮވިޑް-19ށް ޕޮޒިޓިވްވެ ފަރުވާ ދެމުންދާ ޚަބަރެވެ. މިޚަބަރާއެކު މިމައުލޫމާތު އެމީހުން ޑޮކްޓަރާ ހިއްސާކުރިއެވެ. އެހިސާބުން އިމަރޖެންސީގައި ސުލްތާނީ ސަރޮސޯ ހޮސްޕިޓަލަށް ގެންދިޔައެވެ.
މުޅި އާއިލާ އައިސޮލޭޝަންގައި ފަރުވާ ހޯދުމަށްފަހު ދޫކޮށްލީ މާރޗްމަހުގެ 13 ވަނަ ދުވަހުއެވެ. ފަރުވާއަށް ފަހު ދޫކޮށްލި ނަމަވެސް އެމީހުންގެ ދިރިއުޅުން މިހާރު ވަނީ ހީނުކުރާ ވަރަށް ބަދަލުވެފައެވެ. އެތައް ގޮތަކުން ނަފްސީ ބަލިމަޑުކަމަކަށް ވައްޓާލީ ކަމަށް އާއިލާއިން ސިފަކުރެއެވެ. ބަލިން މިއަދު އަރައިގެނެވުނު ކަމުގައި ވިޔަސް ގިނަ ބަޔަކު ބުނެފައިވާ ނުރުހުމުގެ ބަސްތަކުން އަދިވެސް އަރައިނުގަނެވެއެވެ. އަދި މިގޮތަށް އަމަލު ނުކުރުމަށް އެއާއިލާއިން ވަނީ ދުނިޔެއަށް ގޮވާލާފައެވެ. ހިތްވަރާ ލޯބި ދިނުމަށް އެދިފައިވާއިރު، ޒާތީ މައުލޫމާތުތައް ހިއްސާ ނުކުރުމަށް އާދޭހާއެކު އެދިފައިވެއެވެ.