ކ. މާލެ
|
15 ޖެނުއަރީ 2019 | އަންގާރަ 17:25
ރައީސް ނަޝީދު ވަނީ ހިންނަވަރަށް ވަޑައިގެން ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ދާ ގޮތް ބައްލަވާލައްވާފައި
ރައީސް ނަޝީދު ވަނީ ހިންނަވަރަށް ވަޑައިގެން ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ދާ ގޮތް ބައްލަވާލައްވާފައި
މުހައްމަދު ޝަރުހާން
ހިންނަވަރު ޕްރައިމަރީ
ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
ހިންނަވަރުގައި މަޖިލިސް ޕްރައިމަރީއެއް ބާއްވާ މިއީ ފުރަތަމަ ފަހަރު
ހިންނަވަރު ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދުމަށް ހަތަރު ކެންޑިޑޭޓަކު ވާދަކުރޭ
ފާއިތުވި 25 އަހަރު އެ ގޮނޑީގައި އިންނެވީ މިހާރުގެ ރައީސް ސޯލިހް

މި ދާއިރާ ހާއްސަވާ އެތައް ސަބަބުތަކެއް އެބަހުއްޓެވެ. އަބަދު ވެސް ވާދަވެރި އެހެން ނަމަވެސް ފާއިތުވި 25 ވަރަކަށް އަހަރު ނުވަތަ ޖެހިޖެހިގެން ފަސް ދައުރުގައި އެއް ބޭފުޅަކު އެ ގޮނޑި ދިފާއުކުރެއްމަކީ ވެސް މި ދާއިރާގެ ހާއްސަ ކަމެކެވެ. އެއީ ރަންގޮނޑިއެވެ. މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ ފާއިތުވި 25 އަހަރު އެ ގޮނޑީގައި އިންނެވި ބޭފުޅާއެވެ. އެ ގޮނޑި ހާއްސަ ވަނީ އެއީ ވެރިޔަކު އުފެއްދި ގޮނޑިއަކަށް ވާތީއެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފަހު ހިންނަވަރު ދާއިރާގެ ގޮނޑިއަށް ވަޑައިގަންނަވާނެ ބޭފުޅަކަށް ވާނީ ކާކުތޯ ބެލުމަށް ގިނަ ބަޔަކު ތިބީ ކެތް މަދުވެފައެވެ. ނަތީޖާއަކަށް ވެފައި ވަނީ އެމްޑީޕީން ޕްރައިމަރީއަށް ހުޅުވާލުމާ އެކު ހިންނަވަރު ދާއިރާގެ ޓިކެޓް ހޯދުމަށް ވެސް ގިނަ ބަޔަކު ޝައުގުވެރިވުމެވެ. އެ ގޮތުން އަންނަ ހުކުރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ހިންނަވަރު ދާއިރާގެ އެމްޑީޕީގެ ޓިކެޓް ހޯދުމަށް ހަތަރު ބޭފުޅަކު ވާދަކުރައްވައެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަކީ ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް އެންމެ ފައްކާ ސިޔާސީ ޕާޓީގެ ގޮތުގައި ފާހަގަކުރެވޭ ޕާޓީއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕާޓީގެ ޕްރައިމަރީއަށް އެމްޑީޕީން ތައްޔާރު ވަމުން އަންނައިރު، މި ޕްރައިމަރީ ޕާޓީއަށް ވެގެން މި ދަނީ އެތަށް ގޮތަކުން ފާހަގަކުރެވޭ ޕްރައިމަރީއަކަށެވެ. ހުރިހާ ދާއިރާއަކުން ޕްރައިމަރީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ދަނީ އަވަދިނެތި ކެމްޕޭންގެ މަސައްކަތް ކުރަމުންނެވެ. 

ހިންނަވަރު ދާއިރާއަކީ ރައީސްގެ ދާއިރާއަށް ވުމުގެ އިތުރުން އެ ދާއިރާ ހާއްސަވާ އަނެއް ސަބަބަކީ މިއީ ހިންނަވަރުގައި މަޖިލީހަށް ވާދަކުރުމަށް ޕްރައިމަރީއެއް ބާއްވާ ފުރަތަމަ ފަހަރަށް ވުމެވެ. މިހާތަނަށް އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހުއާ ވާދަކުރަން ޕާޓީ ތެރެއިން އެއްވެސް ކެންޑިޑޭޓަކު ނިކުމެފައެއް ނުވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިންނަވަރު ދާއިރާ ތަމްސީލްކުރުމަށް އެމްޑީޕީން ވާދަކުރާނެ ފަރާތެއް ހޮވަން ހިންނަވަރަށް ޖެހިފައިވާއިރު، ޕްރައިމަރީއަކީ އެހެން ދާއިރާތަކާއި ބަލާފައި ހިންނަވަރަށް އާ ކަމަކަށް ވިޔަސް ޕްރައިމަރީގެ ކެމްޕޭން ފޯރި ހިންނަވަރުގައި ވަރަށް ގަދައެވެ. ސްޓޭޖް ޝޯތަކާއި ސައިކަލް ބުރުތަކާއި ކަންމަތީ ޖަލްސާތަކުގެ ފޯރި ވަނީ ގަދަވެފައެވެ. 

ހިންނަވަރު ރައްޔިތުން ފާހަގަކުރާ ގޮތުގައި ޕްރައިމަރީއަކުން ކެންޑިޑޭޓަކު ހޮވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އަދި މިއީ މީގެ ކުރިންވެސް ކުރަންޖެހިފައި އޮތް ކަމެއްގެ ގޮތުގައި ހިންނަވަރު ރައްޔިތުން ވަނީ ފާހަގަކޮށްފައެވެ.

" މިއީ މީގެ ކުރިން ވެސް ކުރަން ޖެހިފައި އޮތް ކަމެއް. މިއީ ވަރަށް ރަނގަޅު ކަމެއް،" ހިންނަވަރުގެ ރައްޔިތަކު ބުންޏެވެ.

ޕްރައިމަރީއަކަށް ގިނަ ބަޔަކު ތާއީދުކުރި ނަމަވެސް އޭގެ ސަބަބުން ޕާޓީ ތެރޭގައި ބޮޑެތި މައްސަލަތައް ޖެހޭކަން ވެސް ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ. ހާއްސަކޮށް ހިންނަވަރުގައި އަލަށް މަޖިލީހުގެ ޕްރައިމަރީއެއް ބާއްވާތީ ވެސް އާ ތަޖުރިބާތަކެއް ވަނީ ކުރަންޖެހިފައެވެ. 

ޕްރައިމަރީގައި ހަތަރު ކެންޑިޑޭޓުން ވާދަކުރާއިރު، ކެންޑިޑޭޓުންނާއި އެ ފަރާތްތަކުގެ ސަޕޯޓަރުންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ތެރޭގައި ދެމުންދާ ބަހުގެ ހަމަލާތަކުން ވެސް ޕާޓީގެ އެތެރޭގެ ގުޅުމަށް ބުރޫއަރަމުންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރިއެވެ.

"ޕްރައިމަރީއަކުން ނިކުންނަ ނަތީޖާތައް ގޯސްވެދާނެ ފަސް މީހަކު ބައިވެރިވަންޏާ. އެ ފަސް މީހުންގެ ތެރޭގައި ހަމަނުޖެހުމެއް އުފެދިއްޖެޔާމު އެކަކު އަނެކަކަށް ނުފޫޒުގެ ބޭނުންކުރަން ޖެހިއްޖެޔާމު ބޮޑެތި ގެއްލުންތަކެއް ވެސް  ޕާޓީތަކަށް ކުރިމަތިވެދާނެ،" ހިންނަވަރުގެ ރައްޔިތަކު ހިޔާލު ފާޅުކުރިއެވެ. 

ހިންނަވަރު ރައްޔިތުންނަށް ޕްރައިމަރީއަކީ އެންމެ ފަރިތަ އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް ހިންނަވަރު ރައްޔިތުން ތިބީ ހިންނަވަރު ދާއިރާއަށް އެންމެ ރަނގަޅު ކެންޑިޑޭޓަކު ހޮވަން ތައްޔާރަށް ކަމަށް ހިންނަވަރުގެ ރައްޔިތުންވަނީ ބުނެފައެވެ.

މީގެ ހަތަރު މަސް ކުރިން ރަށުގެ ދަރިއަކު ރާއްޖޭގެ ވެރިކަމުގެ ގޮނޑިއަށް ގެނައުމަށް އެމްޑީޕީ ސަޕޯޓަރުން ގުޅިގެން އެކުގައި ފޯރިގަދަ މަސައްކަތްތަކެއް ކުރި ނަމަވެސް މިއަދު ހިންނަވަރުގައި އެމްޑީޕީ ވަނީ ހަތަރު ބަޔަށް ބައިވެފައެވެ. އޭގެ އިތުރުން ވެރިކަން ބަދަލުވުމާ އެކު ފެތުނު ޕީޕީއެމްގެ އޮޑިން ފުންމާލައިގެން އައި އެތައް ބަޔަކު ވެސް މިއަދު ތިބީ މި ހަތަރު ބައި މީހުންގެ ތެރޭގައެވެ. އެހެންކަމުން ހިޔާލު ތަފާތުވުންތައް ކުޑަކުރަން ބަޔަކު ކިތަންމެ މަސައްކަތްތަކެއް ކުރި ނަމަވެސް ފާލުން ނެއްޓިގެންދާކަން ފާހަގަކޮށްލެވެއެވެ. 

ހިންނަވަރުގައި އޮތް ކެމްޕެއިން ހަރަކާތެއްގެ ތެރެއިން ސައިކަލް ބުރު

ހިންނަވަރު ރައްޔިތުންނަކީ ރާއްޖެއަށް އައި ޑިމޮކްރަސީގެ ވަރަށް އިސް ރޯލެއް އަދާކޮށްފައިވާ ބައެކެވެ. ޑިމޮކްރަސީ އާއި ރައްޓެހި، ޑިމޮކްރަސީއަށް ފަރިތަ ބައެކެއެވެ. ޕްރައިމަރީ ނިންމުމަށް ފަހު ދެން އޮތް މަސައްކަތަކީ މާ ބޮޑު މަސައްކަތެއް ކަން ހިންނަވަރު ރައްޔިތުންނަށް އެނގެއެވެ. ޕްރައިމަރީއަށް ފަހު ތިމާ ތާއީދުކުރާ ޕާޓީގެ ގޮނޑި ހޯދައިދޭން އެކުގައި މަސައްކަތް ކުރަންޖެހޭނެ ކަން ހިންނަވަރުގެ ރައްޔިތުންނަށް ވިސްނެއެވެ. 

"ދެން އޮތީ މާ ބޮޑު ބުރަ މަސައްކަތެއް. ތާއީދުކުރާ ޕާޓީއަށް ގޮނޑި ހޯދައިދޭން އެކުގައި މަސައްކަތް ކުރަންޖެހޭނެ. އެކަން އެންމެން ވެސް ދަނޭ،" ހިންނަވަރުގެ ރައްޔިތަކު ބުންޏެވެ.

ޕްރައިމަރީގެ ފޯރި ހިންތިހާއަށް ގަދަވެފައިވާ އިރު ވާދަވެރިކަމުގެ ތެރޭގައި ހިޔާލު ތަފާތުވުންތައް ވެސް ހުންނާނެކަން ވިސްނަންޖެހެއެވެ. ބައެއް މީހުން ދެކޭ ގޮތުގައި ޕާޓީގެ މުޅި ލީޑާޝިޕް އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އާއިލާ ވަކި ފަޅިއަކަށް ވަނީ އަރާފައެވެ. އެއްބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ ވަކި ކެންޑިޑޭޓަކަށް ތަބަކަށް ލާފައި ޓިކެޓް ދިނުން ފަދަ ކަމެކެވެ. ޑިމޮކްރަސީގައި ކޮންމެ މީހަކަށް ހިޔާލު ފާޅުކުރުމުގެ ފުރުސަތު އޮތް އިރު އެއީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. 

ރައީސް ސޯލިހްގެ އާއިލާގެ ގިނަ ބޭފުޅުން ވަކި ކެންޑިޑޭޓަކަށް ފާޅުގައި ކެމްޕެއިން ކޮށްދިނުމާއި ޕާޓީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އާއި ޕާޓީގެ އިސް ގިނަ ބޭފުޅުންތަކެއް ފާޅުގައި ހިންނަވަރުގެ ވަކި ކެންޑިޑޭޓަކަށް ތާއިދުކުރުމާ ދެކޮޅަށް އެއްބަޔަކު ދަނީ ހިންނަވަރުގައި ޝުއޫރު ފާޅުކުރަމުންނެވެ. ރައީސް ނަޝީދު ހުކުރު ދުވަހު ހިންނަވަރަށް ވަޑައިގެންނެވުމުން އެކަމުގެ ހިތްހަމަނުޖެހުންތައް ފެނިގެން ދިޔަކަން ފާހަގަކުރެވެއެވެ. އެ ގޮތުން ރައީސް ނަޝީދު އަމިއްލަ ދަތުރުފުޅެއްގައި ވަޑައިގަންނަވާތީ ޕާޓީގެ މެންބަރުން ހާއްސަކޮށް ޕްރައިމަރީގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންނާއި ސަޕޯޓަރުން މަރުހަބާ ދެންނެވުމަށް ދައުވަތު ދިން ނަމަވެސް އެކަން އެ ގޮތަށް ފެނިގެން ގޮސްފައެއް ނުވެއެވެ.

ރައީސް ނަޝީދު ހިންނަވަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

އޭގެ އިތުރުން އެމްޑީޕީގެ ހަރަކާތްތަކުގައި އެރަށުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ބައްދަލުކުރުމަށް ޕާޓީގެ އޮފީސް ހުޅުވައިދިނުމަށް ބަޔަކު ދެކޮޅު ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ވިއްސާރަ ވެއްޖެ ހާލަތެއްގައި ރައީސް ނަޝީދުގެ އިވެންޓް ޕާޓީގެ ހަރުގޭގައި ބޭއްވުމަށް ޕާޓީގެ މައި އޮފީހުން އެދިގެން ދާއިރާގެ ނައިބު ރައީސް އެގޮތަށް ނިންމެވުމުންވެސް އެތައް ހިތްހަމަނުޖެހުމެއް ފާޅުކުރިކަން ފާހަގަކޮށްލެވެއެވެ.

އަދި ހުކުރު ދުވަހުގެ ރޭ އޮތް ކެމްޕެއިން އިވެންޓްގައި ރައީސް ނަޝީދު ރަށާ ބެހޭ ގޮތުންނާއި އަތޮޅާ ބެހޭ ގޮތުން ދައްކަވާ ވާހަކަ އަޑުއެހުމަށް އެ ތަނަށް ދިޔުމަށް ރައީސް ނަޝީދުގެ ނަމުގައި ދައުވަތު ދެއްވި ނަމަވެސް ވާދަވެރި ކެންޑިޑޭޓުންނާއި ސަޕޯޓަރުން ގޮސްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ތަނަށް އުނދަގޫވާ ގޮތަށް ރައީސް ނަޝީދު ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް ޖެއްސުން ކުރުމުގެ ގޮތުން ބާރަށް ލަވަޖެހުން ފަދަ ނޭއްގާނީ ބައެއް މަންޒަރުތައް ހިންނަވަރުން ފެނިގެން ދިޔަކަން ބައެއް މީހުން ފާހަކުރިއެވެ. 

ހިންނަވަރުން ވާހަކަ ދެއްކި މީހަކު ބުނީ އެގޮތަށް އެކަންވީ އެހެން ކެންޑިޑޭޓުން ދައުވަތު ދީފައި ވަނިކޮށް އެއް ކެންޑިޑޭޓެއްގެ ކެމްޕެއިން ދެ ހަރަކާތެއްގައި ރައީސް ނަޝީދާއި ޕާޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވަޑައިގަތުމުންނެވެ. 

ހިންނަވަރަށް ހިތުގައި ހާއްސަ ޖާގައެއް ދެއްވާފައިވާ ކަމަށް މީގެ ކުރިން ވިދާޅުވި ރައީސް ނަޝީދަށް ވެސް ހިންނަވަރުން ފެނުނު ބައެއް މަންޒަރުތަކުން އަސަރުކުރިކަން ފާހަގަކޮށްލެވެއެވެ. އޭގެ ނަތީޖާއަކަށްވީ މި އިންތިހާބުގައި މީގެ ކުރިން ދުވަހަކު ވެސް ރައީސް ނަޝީދު ފާޅުގައި ވަކި ކެންޑިޑޭޓަކަށް ކެމްޕެއިން ކޮށްދީފައި ނުވި ނަމަވެސް ހިންވަރުގައި ވަކި ކެންޑިޑޭޓަކާ އެކު ދޮރުން ދޮރަށް ހިންގަވައި ފާޅުގައި ކެމްޕެއިން ކޮށްދެއްވި ކަމެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް އެކަން ހާމަކުރެއްވުމުގައި ހިންނަވަރުގެ ހާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް ދޭހަވެގެން ދެއެވެ. 

ރައީސް ނަޝީދު ހިންނަވަރުގައި ދޮރުން ދޮރަށް ހިންގަވަނީ

ހިތްހަމަނުޖެހުންތަކާއި ހިޔާލު ތަފާތުވުންތަކާއި ބަހުގެ ހޫނު ހަމަލާތައް އިތުރުވެފައި ވީނަމަވެސް ހިންނަވަރުގެ ގިނަ ބަޔަކު އުންމީދުކޮށްގެން ތިބީ ހުކުރު ދުވަހަށް ފަހު އަލުން އެންމެން އެކަތިގަނޑަކަށް ވާނެ ކަމަށެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ބަލިވާ ތިން ކެންޑިޑޭޓުން އަނެއް ކެންޑިޑޭޓްގެ ފަހަތަށް އަރާނެ ކަމަށެވެ.

އެހެންކަމުން ދޮހޮއްކޮބެގެ ލަވައެއްގައި "އަދާވާތްތެރި ވިޔަސް ވާންވީ ހިތަށް ކުޅަދާނަ މިންވަރަކުން" ނޭ ބުނާ ފަދައިން ޕްރައިމަރީގެ ތެރޭގައި ވެސް ކައިރި ނުވެވޭ ވަރަށް ދުރު ނުވުމަކީ މުހިންމު ކަމެއް ކަން ވިސްނައި ދިނުމަށް ވެސް ގިނަ ބަޔަކު ދަނީ މަސައްކަތްކުރަމުންނެވެ. އެފަރާތްތަކުން ދެކޭ ގޮތުގައި ޕްރައިމަރީގެ ކޯޅުންގަނޑުގެ ފައިދާ ނަގަން ދުރުގައި ހެވިފައި ބަޔަކު ތިބިކަން ވިސްނައި ރަންގޮނޑި ދިފާއުކުރުމަށް ކުރަންޖެހޭ މަސައްކަތް އަދި މާ ބޮޑެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
15 ޖެނުއަރީ 2019 | އަންގާރަ 13:22
ހިންނަވަރު
ރައީސްގެ ދަތުރަކީ ޖީހާންގެ ދައުވަތަކަށް ކުރި ދަތުރެއްކަން ރާއްޖެ ޓީވީންވެސް ލައިވް އިވެޓުގަ ބުނި. ހަބަރުގަ އޮތީ ރައީސްގެ ދަތުރެކޭ. ރައީސާ ދެކޮޅަށް ލަވަައެއް ނުޖަހާ. އަނެއް ކެނޑިޑޭޓުގެ އިވެންޓުގެ އަޑު އިވުން އެއީ ކުށެއް ނޫން.