ޑިމާންޑް ބޮޑުވެފައިވާއިރު، އައިޖީއެމްއެޗްގައި އޮތީ އެންމެ 5 އެމްބިއުލާންސް
2 މެއި 2020 | ހޮނިހިރު 12:55ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުކުރަން


ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) ގައި މިހާރު އޮތީ އެންމެ ފަސް އެމްބިއުލާންސް ކަމަށާއި، ޑިމާންޑް ވަރަށް ބޮޑު ކަމަށް ހޮސްޕިޓަލްގެ މެޑިކަލް ޑައިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ނަޒީމް ވިދާޅުވީ ބަލި މީހަކު ގެންދިއުމަށް އެމްބިއުލެންސްއަށް އެދުމުން ނުފޮނުވާ ނުހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެޗްޕީއޭއަށް ގުޅުމަށް އައިޖީއެމްއެޗުން ނުބުނާނެ ކަމަށެވެ.
ނަމަވެސް ކޮވިޑް-19ގެ މިދަނޑިވަޅުގައި އެމްބިއުލާންސްގެ ޑިމާންޑް ބޮޑުވެފައިވާ ކަމަށާއި، ބޭނުން ކުރަމުންދަނީ 5 އެމްބިއުލާންސްކަމަށް ވާތީ ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.
އެމްބިއުލާންސަށް އެރުވޭ ކޮންމެ ބަލި މީހަކީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހެއްގެ ގޮތުގައި ބަލައިގެން ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅާކަން ފާހަގަކުރައްވައި ޑރ. ނަޒީމް ވިދާޅުވީ އުފުލާ ބަލިމީހުންގެ ޞިއްޙީ ޙާލު ކަށަވަރުނުކުރެވޭނެތީ، ކޮންމެ ދަތުރަކަށްފަހު މުޅި އެމްބިއުލަންސް ޑިސްއިންފެކްޓް ކުރާ ކަމަށެވެ. އަދި މިއީ ވަގުތުތަކެއް ނަގާކަމެއް ކަމަށް ޑރ. ވިދާޅުވިއެވެ.
ޑރ. ނަޒީމް ވިދާޅުވީ މިހާރަށްވުރެ އެމްބިއުލާންސްގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށް މިހާރަށް ވުރެ އަވަހަށް ރެސްޕޮންޑު ކުރެވޭނެ ގޮތްތަކެެއް ބަލަމުން އަންނަ ކަމަށެވެ.







