ނޯތް ހާބަރަށް ރަށްރަށުން ފޮނުވާ މުދާ ބަލާ ދިއުމަށް ވަކި އިންތިޒާމްތަކެއް ހަމަޖައްސަނީ!
30 އެޕްރީލު 2020 | ބުރާސްފަތި 16:26ބޯޓުފަހަރުން މުދާ ނެގުމަށް ޚާއްސަ އުސޫލެއް ނެތް

ހާބަރު ސަރަހައްދުގައި މީހުން އިޖްތިމާއީ ގައިދުރުކަން ނުބަހައްޓާ
ނޯތް ހާބަރަށް ރަށްރަށުން ފޮނުވާ މުދާ ބަލާ ދިއުމަށް ވަކި އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
ބުރާސްފަތި ދުވަހު ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވީ، ނޯތް ހާބަރަށް ބޯޓުފަހަރުން މުދާ ނެގުމަށް ޚާއްސަ އުސޫލެއް ނެތް ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި ޚާއްސަ އުސޫލެއް އެކުލަވާލައި އާންމު ކުރާނެ ކަަމަށް ވިސާމް ވިދާޅުވިއެވެ.
ވިސާމް ވިދާޅުވީ މިއުސޫލުގެ ތެރެއިން މުދާތައް އެހެން ފަރާތްތަކަށް ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
ވިސާމް ވިދާޅުވީ ނޯތް ހާބަރު ސަރަހައްދުގައި އުޅޭ މީހުން މަސައްކަތުގައި އުޅޭއިރު، ރައްކާތެރިކަމަށް ބަލަންޖެހޭ މިންވަރަށް ނުބަލާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މުދާ ބަލާ ދާ މީހުން ވެސް އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހޭ ވަރަށް އެކަން ނުކުރާ ކަމަށެވެ.
ނޯތް ހާބަރުގައި މީހުން ގިނަކަން ވެސް ފާހަގަކުރެވެއެވެ. ނަމަވެސް މާލޭގެ މިސަރަހައްދަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައިވާ އެއްސަރަހައްދު ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.







