ރަށްރަށުގެ ކައިރީގައި ގޮތް ނޭނގޭ މީހުން ޑިންގީގައި ހަރަކާތްތެރިވާ ނަމަ ރިޕޯޓު ކޮށްދިނުމަށް އެދިއްޖެ
30 އެޕްރީލު 2020 | ބުރާސްފަތި 09:21ޑިންގީތަކުގައި ގޮސް ކުރާ ކުށްތައް ގިނަ


ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރަށްރަށާއި، ރިސޯޓުތައް ކައިރިއަށް ގޮތް ނޭނގޭ މީހުން ޑިންގީގައި ހަރަކާތްތެރިވާ ނަމަ ރިޕޯޓު ކޮށްދިނުމަށް ފުލުހުން އެދިފިއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޔާޒު ވިދާޅުވީ ފަހަކަށް އައިސް ހިންގާފައިވާ ބައެއް ކުށްތަކަށް ބަލާއިރު، ކުދި ޑިންގީތަކުގައި ގޮސް ރަށްރަށަށް އަރައި ބައެއް ކަހަލަ ވައްކަންތައް ވެސް ކޮށްފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ބައެއް ތަންތަނުގައި އަލިފާން ރޯކުރުމަށް ވެސް މިކަހަލަ ޑިންގީތަކުގައި ގޮސްފައި ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އަދި މިކަމާ ގުޅިގެން ރައްކާތެރިވުމުގެ ބައެއް ފިޔަވަޅުތައް ފުލުހުން އަޅާފައިވާކަން ރިޔާޒު ފާހަގަކުރެއްވިއެވެ.
ރިޔާޒު ވިދާޅުވީ ގޮތް ނޭނގޭ މީހުން ރޭގަނޑު ދަންވަރުގެ ވަގުތު ޑިންގީތަކުގައި ރަށްރަށުގެ ކައިރީގައި އުޅޭ މަންޒަރު ފެންނަ ކަމުގައިވާ ނަމަ ލަސް ނުކޮށް ފުލުހުންނަށް ރިޕޯޓު ކޮށްދިނުމަށް އެދޭ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މިބާވަތުގެ ހުރިހާ ކުދިކުދި ޑިންގީ ފަދަ އުޅަނދުތަކަކީ ރަޖިސްޓްރީ ކޮށްފައި ހުންނަ އެއްޗެހި ނޫން ކަމަށެވެ.
އެހެންކަމުން ރަށުގެ ބަޔަކު ނޫން ނުވަތަ ނުދަންނަ ބަޔަކު މިގޮތަށް އައިސްފައި ރަށުގައި ހުންނަ އުޅަނދުތަކަށް ނޫނީ ރަށުގެ ވައިޓަލް އިންފްރާސްޓަކްޗަރއަށް ގޮތުގައި ބެލެވޭ ތަންތަނާ ކައިރިއަށް އައިސްފައި މިގޮތަށް އުޅޭ ކަމަށްވާނަމަ އެމައުލޫމާތު ހިއްސާ ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިއީ ހުރިހާ ރައްޔިތުންގެ ސަލާމަތާ ރަައްކާތެރިކަމާ ގުޅިފައިވާ ކަމެއްކަން ރިޔާޒު ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ޚާއްސަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ މާލެ ސަރަހައްދުގެ ކަނޑު ޚާއްސަ ގޮތެއްގައި ބަލަހައްޓަމުންދާ ކަަމަށެވެ.











