މިމުޖުތަމައުގައި ބާކީ ކުރެވިފައިވާ ބަޔަކު އެބަތިބި، އެމީހުންނަށް އަޅާލަންޖެހޭ: މައީދު
28 އެޕްރީލު 2020 | އަންގާރަ 11:10ހޭލުންތެރިކަން އިތުރުކުރުވަން ޖެހޭ


ރެޑް ކްރެސެންޓުގެ ޕްރޮގްރާމް އެންޑް ސާވިސަސް މެނޭޖަރު މައީދު ޒާހިރު
މިމުޖުތަމަޢުގައި ބާކީ ކުރެވިފައިވާ ބަޔަކު އެބަތިބި ކަމަށާއި، އެމީހުންނަށް އަޅާލަން ޖެހޭކަމަށް ރެޑް ކްރެސެންޓުގެ ޕްރޮގްރާމް އެންޑް ސަރވިސަސް މެނޭޖަރު މައީދު ޒާހިރު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19އާ ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ދިނުމަށް އަންގާރަ ދުވަހުގެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައީދު ވިދާޅުވީ ނަފުސާނީ ހޭލުންތެރިކަން އިތުރުވެފައި އޮތުވުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.
މައީދު ވިދާޅުވީ ކޮވިޑް-19އާ ގުޅޭ އިތުރު މަޢުލޫމާތާއި ރާއްޖެއިން މިކޭސް ފެންނަ މިންވަރު އިތުރުވާތީ މީހުންގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. ކޮވިޑް-19ގެ މިޙާލަތަށް ޢާންމުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި މައީދު ވިދާޅުވީ މަޢުލޫމާތު އިތުރު ކުރުމަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެކިއެކި މެސެޖްތައް ފޯރުކޮށްދެމުންދާ ކަމަށެވެ.
އިޖުތިމާޢީ އެކިއެކި ސަބަބުތަކާ ހުރެ ނުވަތަ އެނޫން ވެސް ގޮތްގޮތުން މުޖުތަމަޢުގައި ބާކީ ކުރެވިފައިވާ ބައެއް ތިބިކަން ފާހަގަކުރައްވައި މައީދު ވިދާޅުވީ އެމީހުންނަށް އަޅާލަން ޖެހޭކަމަށެވެ.
މައީދު ވިދާޅުވީ މިދަނޑިވަޅުގައި އެކަކު އަނެކަކަށް އެހީވެ އަޅާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މުޖުތަމަޢުގައި ވިލުންވެރިކަން އުފެއްދޭނީ އެއްބަޔަކު އަނެއްބަޔަކަށް އަޅާލެވިގެންކަން މައީދު ފާހަގަކުރެއްވިއެވެ.







