ދުނިޔެ ދެކޭ، ކޮންމެ ޢާންމު ބަލިމަޑުކަމަކުން، ލައްކަ ވާހަކަތައް ކިޔައިދެއެވެ. އަދި އެ ބަލިމަޑުކަމެއް ނުވަތަ ވަބާއެއްގެ ތެރެއިން ލައިފައި، މުޅިން އައު ދުނިޔެއަކަށް، އިންސާނުން ނެރެދެއެވެ. މިއީ މާޒީން ދެކެފައިވި މިފަދަ ކޮންމެ އިންސާނީ ކާރިސާއަކުން ދެއްކި ޙަގީގަތެވެ. އެހެންކަމަށްވާނަމަ، މިއަދު އިންސާނިއްޔަތަށް މި އައި، "ކޯވިޑް19"ގެ ކާރިސާ ނުވަތަ ވަބާއިން، ކިޔައިދެމުން ގެންދަނީ ކޮން ވާހަކަތަކެއް ހެއްޔެވެ؟ ފެންނާން އޮތް ބާރުގަދަ "އިމޭޖް" ނުވަތަ މަންޒަރަކީ ކޮބައި ހެއްޔެވެ؟ އަދި މި ކާރިސާގެ ތެރެއިން، އިންސާނިއްޔަތު، ދެން، ދެކެން އޮތީ، ކޮން ދުނިޔެއެއް ހެއްޔެވެ؟
ސެޓެލައިޓުގެ އެހީގައި، ދައްކައިލި ބާރުގަދަ އިމޭޖަކީ، އިއްޔެ، ވިހަ ދުމުން ބަރުވެފައި އޮތް، ޗައިނާއާއި އިޓަލީވިލާތުގެ "އިންޑަސްޓްރިއަލް އޭރިއާ"ގެ މިއަދުގެ މަންޒަރެވެ. އިންޑިއާގެ އާ ދިއްލީގެ ޖައްވު ސާފުވެފައި އޮތް މަންޒަރެވެ. މި މަންޒަރުތަކުން ހެކިވާ ހަގީގަތަކީ، ދުނިޔޭގައި އިންޑަސްޓްރިއަލް ސިނާޢަތުގެ ޙަޔާތެއް ފެށިގެން އައުމާއި ހަމައިން، މިހާތަނަށް ފެނިފައި ނުވާހާ މިންވަރަށް، އެތަންތާނގެ ޖައްވު، މިއަދު ސާފުވެފައި އޮތް މަންޒަރެވެ. އިއްޔެ ޖައްވު އޮތީ، ސީ.އޯ.2 ގެ ވިހަ ގެންދަބުޅިން ތަޣައްޔަރު ވެފައެވެ. ކާރުޚާނާތަކާއި މަތިންދާ ބޯޓުތަކާއި، އެއްގަމު އުޅަނދުފަހަރާއި، ޑީސަލް ބޭނުންކޮށްގެން ހަކަތަ އުފައްދާ އިންޖީނުތަކުގެ ދުންހޮޅިތަކުން ނިކުންނަމުންދިޔަހާ ވިހަ ގޭހާއި ދުމުގެ އަސަރު، މިއަދު މުޅިންހެން މިވަނީ ފިލައިގޮހެވެ. އެހެންކަމުން މި ކިޔައިދެނީ، ކޮންމެވެސް ބޮޑު ވާހަކަ ތަކެކެވެ.
ކާރުޚާނާތައް ބަންދުކޮށް، އިންސާނުން ގެއަށް ވަނުމާއެކު، ޖައްވުން ދައްކާލި މަންޒަރުން، އިންޒާރެއް ނުދޭ ހެއްޔެވެ؟ އަހަރެމެން ޖައްވު ތަޣައްޔަރު ކޮށްފިއޭ ނުބުނޭ ހެއްޔެވެ؟ ދުނިޔެއަށް ނުކަތާ ވަރަށް، އަހަރެމެންގެ ފުށުން، ދުނިޔެ ހޫނުކޮށްފިއޭ! ނުބުނޭ ހެއްޔެވެ؟ މިއީ، މިދެންނެވި "އިމޭޖު" ތަކުން، ދީފައިވި، އިންޒާރެވެ. ކިޔައިދޭ ވާހަކަތަކެވެ.
ފެންނާން އޮތް މާނަވީ ދެވަނަ އިމޭޖަކީ، އިޓަލީ ވިލާތުގެ ރައްޔިތުން ބެލްކަނީގައި، މިއުޒިކު ކުޅޭ މަންޒަރެވެ. އެއީ އިޓަލީ ވިލާތުގެ ޙަޟާރަތު އުފެދުނީއްސުރެ، އަދާ ހަމައަށްވެސް، ދުނިޔެ ދެކެފައިވި މަންޒަރެއް ނޫނެވެ. އެމީހުންނަކީ ދުނިޔެވީ ޙަޔާތުގެ ކޮންމެ އުފަލެއް، ޙާސިލް ކުރަމުން އައި ބައެކެވެ. އެހެންކަމުން، ތަސްވީރުތައް އެ ކިޔައިދެނީ ލައްކަ ވާހަކައެވެ.
މި ބިމުގައި ފެށުނު، އިންސާނީ ޙަޔާތުގައި އިހުއުޅުނު އިންސާނުންނަކީ، ދަނޑުގޮވާން ކޮށްގެން އުޅުނު ބައެކެވެ. އެމީހުންގެ މުހުތާދުތައް ފުއްދީ އެ ވެށީގެ ތެރެއިންނެވެ. އެމީހުން މުސްތަގުބަލުގެ ޗާޓު ކުރެހީވެސް އެމީހުންނަށް އޮތް "ރިސޯސް" އަކީވެސް، ވެށި ކަމުގައި ދެކިގެންނެވެ. އެމީހުންކުރެހި މުސްތަގުބަލުގެ ޗާޓުން، އެމީހުންނެރެ ބޭރުކޮށްލީ، ފަހުގެ ޖީލު އީޖާދުކުރި އާ ދުނިޔެއެވެ. އެހައިތަނުން ގެއްލިގެން ދިޔައީ އިންސާނާގެ މުސްތަގުބަލުގެ ފެހި ޗާޓު އެކަންޏެއް ނޫނެވެ. އިންސާނާގެ ސަގާފަތާއި އަވަށްޓެރިކަމުގެ ގުޅުންތަކާއި، އިންސާނީ އަގުތައްވެސް މެއެވެ.
ކޮރޯނާ ވައިރަށް ބިރުން، މީސްތަކުން ގޭގެއަށްވަދެ، ބޮނދައިތިބި މި ޙާލަތުގައި، އަނެއްކައިވެސް ދައްކާލަނީ، ތަފާތު މަންޒަރެކެވެ! އެމެރިކާއާއި، އިނގިރޭސިވިލާތާއި، ސްޕޭނާއި، އިޓަލީވިލާތާއި، އިންޑިއާއާއި، ޖަރުމަންވިލާތުގެ ރައްޔިތުން، ބެލްކަނިތަކަށް ނިކުންނަމުންދާ މަންޒަރެވެ.
މިހައިތަނުން، އެބައެއްގެ މި އެކަނިވެރި ޙަޔާތުގައި، ޙާލު ދެކެންވެސް، ލޯ ދެކެންވެސް ތިބީ، އަވަށްޓެރިންކަން ޔަގީންވިއެވެ. އެންމެ ގާތް ބަޔަކީ މިއީކަން ގަބޫލުކޮށްފިއެވެ. ހިނިތުންވުމެއްވެސް، އެހީތެރިކަމެއްވެސް ،ފޯރުކޮށްދޭންތިބީ އަވަށްޓެރިންނެވެ. ޚާއްސަކޮށް ބެލްކަނިތަކުގައި ހިނގަމުންއެދާ އުފަންދުވަސް ފާހަގަކުރުންފަދަ ކަންކަމުގައި ބައިވެރިވެ، އަތްތިލަބަޑީގެ އަޑު އިއްވާލަދޭން ތިބީވެސް އަވަށްޓެރިންކަން ކަށަވަރު ވެއްޖެއެވެ. ކޮންމެއަކަސް މި ފެންނަނީ، އިއްޔެ، އިންސާނީ ހަޔާތާއި އަލްވަދާޢު ކިޔައިފައިވި، އަވަށްޓެރިކަމުގެ ގުޅުން އައު ޙަޔާތަކަށް ނޭވާލާ މަންޒަރެވެ.

ކޯވިޑު19ގެ މި ޙާލަތަކީ، އިންސާނުން އިޖުތިމާއީ ގައިދުރުކަމުގެ އެކަނިވެރިކަން، އިންތިހާއަށް އިޙުސާސްކުރާ ވަގުތެކެވެ. މިހާތަނަށް އިންސާނުންގެ ތެރޭގައި އޮތް، ޢާންމު ބައްދަލުވުންތައް، މިއަދު އިންސާނާ އެކަނިކޮށްފައި ހިނގާއްޖެއެވެ. އިންސާނުން ސީދާސީދާ ދައްކައިއުޅު ވާހަކަ ނުވަތަ "ޓޯކް"، ގެއްލިއްޖެއެވެ. މިފަދަ ބައްދަލުވުން ތަކެއް، މިއަދަކު ނެތެވެ.
އޭގެ ބަދަލުގައި، ދުނިޔެ އިންސާނުން ގޮވައިގެން އައިސްފައި މި އޮތީ، އިޖުތިމާޢީ ވިއުގައިގައި ނޫނީ ބައްދަލުވެވެން ނެތް ވަލަކަށެވެ. މިތާނގައި އޮތީ "ޑިޖިޓަލް ކަލްޗަރ" އެކެވެ. ބައްދަލުވުންތައް ބާއްވަން އޮތީ، އިޖުތިމާއީ ވިއުގައެވެ. ޖަލްސާތައް ބޭއްވެނީ "ޓެލެ ކޮންފަރެންސް"ގެ އެހީގައެވެ. "ޒޫމް"ގެ އެހީގައެވެ. ކިޔަވައިދެނީވެސް، އިންޓަރނެޓުގެ އެހީގައެވެ.
މިތާނގައި އިންސާނާއަށް އޮތީ، އިންޓަރނެޓުގެ އެހީގައި މަސައްކަތްކުރާން އޮތް "ހޯމް" އޮފީހެވެ. އިންސާނާގެ އިހުގެ ސަގާފީވެށިން ނެރެ، ބޭރުކޮށްލި ކޮރޯނާ ވައިރަހަކީ، އިންސާނާގެ މައްޗަށް މިއަދު ރަސްކަން ހިނގާ ވައިރަހެވެ. އެ ވައިރަހުގެ ރަހީނުންނަށްވެ، އިންސާނުން މިވަނީ "ކޮރޯނާ ކިންގްޑަމް"ގެ ގައިދީންނަށް ވެފައެވެ.
ކޮރޯނާވައިރަސް މިވަނީ، އިންސާނުންގެ ތެރޭގައި އިއްޔެ ހިނގަހިނގާ އޮތް، "ކޮންސްޕިރަސީ ތިއަރީ"އަކީ، މިއަދު ބަޙުސްކުރަން ބޭނުންވާ މައުޟޫއެއް ނޫންކަން ބުނެދީފައެވެ. ޚުދު ކޮރޯނާ ވައިރަހަކީ، "ބަޔޮލޮޖިކަލް ވެޕަން"އެއް ނޫންކަން، ސައެންސުގެ ހެކިތަކުގެ އަލީގައި އިންސާނުން މި ވަނީ، ބަލައިގެންފައެވެ. ހަމައެހެންމެ މި ޙާލަތުގައި ސިޔާސީ ޕާޓީތަކުގެ އަޑުތަކާ ދައްކާހާ ޙުއްޖަތްތަކަކީ، "ކޮރޯނާ ކިންގްޑަމް" ގައި ތިބި، މީހުން އަހައިއުޅޭ އަޑެއް ނޫނެވެ. އެމީހުން އެއަށްވުރެ ބޮޑަށް އިންތިޒާރު ކުރަނީ، މި ޙާލަތުން ނިކުމެވެން އޮތް ދޮރު، ދައްކައިދޭނެ ފަރާތަކަށެވެ. އެއީ، ވެކްސިނަކާއި ހަމައަށް، ދެވެންދެންވެސް، ގައިދުރުކަމުގައި ތިބެގެން ވާން އޮތް ގުރުބާނީއެކެވެ. މުޅި އިންސާނިއްޔަތު އޮތީ، އެކަހެވެރިވެ ތިބެން، އެއްބާރުލުން ދީގެންނެވެ. ޙާލަތުން އަރައިގަނެވެން އޮތް ވެކްސިނާ ހަމައަށް ވާސިލުވާން އޮތް މަގަށް ނިކުންނަން އެދިގެންނެވެ.
އެންމެ ފުރަތަމަ، "ވޯލް ސްޓްރީޓު ޖާނަލް" ގެ ސުރުޚީއަށް، ކޮރޯނާ ވައިރަހުގެ ވާހަކަ ޒިޔާރަތްކުރީ، މިއަހަރުގެ ޖެނުއަރީ 8ވަނަ ދުވަހުއެވެ. އޭގެ ދެ ދުވަސްފަހުން ވޯލްޑްސްޓްރީޓު ޖާނަލްވަނީ، މި ވައިރަހުގެ "ސީކުއެންސް" ދެނެގެންފިކަން ހާމަކޮށްފައެވެ. ޑަބްލިއު އެޗް އޯގެ މާސްޓަރ ލިސްޓުން ދައްކާ ގޮތުގައި، މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި 60 ފަރާތަކުން، މި ވައިރަހަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ފަށައިފިއެވެ. އޭގެ ތެރެއިން ދެ ފަރާތަކުން މިހާރުވަނީ، "ހިއުމަންޓްރަޔަލްސް" އާއި ހަމައަށް ވާސިލްވެފައެވެ. އިންސާނުންނަށް މި ވެކްސިން ދީގެން އަޖުމަބަލަން ފަށައިފައެވެ.
މިހައިތަނުން ލިބޭ އުންމީދަކީ، މީގެ 18 ވަރަކަށް މަހުގެ ރާސްތާ އަކަށްފަހު، "ކޮރޯނާ ކިންގްޑަމް"ގެ ގައިދުން، އިންސާނުންނަށް ނިކުމެވިދާނެ ކަމެވެ. އެއީ ކޮންމެހެން ދުނިޔޭގެ މުޅި އާބާދީއަށް ވެކްސިން ދީގެންނެއް ނޫނެވެ. އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ފޯރިޔަސް، އަމާންކަން ތިލަވާން ފަށާނެއަތީއެވެ.
ކޮންމެ ބަލިމަޑުކަމެއްގެ ތެރެއިން، އިންސާނިއްޔަތަށް، ފުރަތަމަ ކުރިމަތިވަނީ ޓެސްޓެކެވެ. އިންސާނުންނަށް ގޯހުން ކުރެވިފައިވާ ކަންކަމާއި ރަނގަޅަށް ކުރެވިފައިވާ ކަންކަން، މި ޙާލަތުގައި ދެނެގަނެއެވެ. މާދަމާއަށް ކޮންމެހެން ކުރާންޖެހިފައި އޮތް، ނަމަވެސް ދޫކޮށްލެވުނު ކަންކަންވެސް އަސަރާއެކު، ބަލައިގަނެވޭ ޙާލަތަކީ މިއެވެ.
ކޮންމެއަކަސް "ކޮވިޑް ކިންގްޑަމް" ގައި، އިންސާނުން އެކަހެރިވާން ޖެހުނު ވަގުތު، ކާބޯތަކެއްޗަށް ދަތިވާންފެށިއެވެ. ޕަބްލިކް ހެލްތު އިންފްރާންސްޓްރަކްޗަރަށް، ގައުމުތަކުން އިހުމާލުވެވިފައި އޮތް މިންވަރު އިޙުސާސް ވެއްޖެއެވެ. އަތުން ދޫވެފައި އޮތް "މެޑިކަލްކެއަރ" އާއި "ޕްރިވެންޝަން" ޕޮލިސީ، އަލުން ލިޔާން ޖެހިއްޖެކަން ޔަގީންވެއްޖެއެވެ. އަތުން ތަޣައްޔަރުކުރި ޖައްވު، ހަމަލޮލަށް ފެނިއްޖެއެވެ. ދުނިޔެއަށް އޮބިނޯންނަހާ ވަރަށް ހޫނުކުރެވިއްޖެކަން ޔަގީންވެއްޖެއެވެ!
އެހެންކަމުން، "ކޮވިޑު19"އަކީ، މާދަމާގެ ދަރިންނަށް އޮތް ދުނިޔޭގެ މުސްތަގުބަލުން ފޮނުވި، "މެމޯ"އެއް، ހިފައިގެން އައި، "މެސެންޖަރެއް"ކަން ޔަގީން ވެއްޖެއެވެ. އެ މެމޯގައި ލިޔެފައިހުރީ މިދެންނެވި އިންޒާރުތަކާއި، އަތުން ދޫވެފައިހުރި ސިޔާސަތު ތަކުގެ ވާހަކަ ތަކެވެ. އެހެން ކަމުން މީސްތަކުން، ދެން ނިކުން އޮތީ ފެހި ދަނޑުތަކަށެވެ. މޭވާއާއި ގޮވާން ލިބޭ ދުނިޔެއަކަށެވެ. ކްލީން އެނަރޖީ ނުވަތަ ގްރީން އެނަރޖީއަށް ބަރޯސާވާ ދުނިޔެއަކަށެވެ. އެބައެއްގެ ވެއްޓަށް ބިނާކޮށް ރާވާހިންގާ އިގްތިސާދީ ސިޔާސަތެއް އޮތް ދުނިޔެއަކަށެވެ. އަވަށްޓެރިކަން ބަލައިގަންނަ ދުނިޔެއަކަށެވެ. އޭރު ގްލޯބަލް އެޖެންޑާގެ ކުރީގައި އޮންނާނީ، އިގްތިސާދީ ހީނަރުކަމުން އަރައިގަތުމާއި،" ޖިނޯމިކްޓެކްނޮލޮޖީ" އާއި "އެޕިޑިމިއޮލޮޖީ"ގެ އާ ޙަޔާތެއްގެ ފެށުމެވެ. އެއީ މެސެންޖަރު ގެނައި މެމޯގައި ހުރި ވާހަކަ ތަކެއް ނޫން ހެއްޔެވެ؟