ކ. މާލެ
|
3 ޖޫން 2017 | ހޮނިހިރު 12:46
ގިނަ ފަރާތްތަކަކުން ދަނީ ރައީސް ޓްރަމްޕަށް ފާޑުކިޔަމުން
ގިނަ ފަރާތްތަކަކުން ދަނީ ރައީސް ޓްރަމްޕަށް ފާޑުކިޔަމުން
ގޫގުލް
ޕެރިސް އެގްރީމެންޓް
"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" – ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔެ ކެކެނީ!
 
ގިނަ ފަރާތްތަކަކުން ދަނީ ރައީސް ޓްރަމްޕަށް ފާޑުކިޔަމުން
 
ރައީސް މެކްރޯން ވަނީ އެމެރިކާގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ
 
އެމެރިކާއިން ވަނީ ޕެރިސް އެގްރިމެންޓުން ބޭރުވާން ނިންމާފަ

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކުން ޕެރިހުގައިވި އެއްބަސްވުމުން ބޭރުވާން ނިންމި ނިންމުމަކީ ހަޤީޤަތުގައި އެމެރިކާއިން ނިންމި ނިންމުމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.

ޕެރިސް އެގްރިމެންޓުން ވަކިވާން ނިންމިކަން ބުރާސްފަތި ދުވަހުގެރޭ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިޢުލާނު ކުރެއްވުމާ އެކު އެކަމާ ދެކޮޅަށް ފުރަތަމަވެސް ތެދުވީ – ޓްރަމްޕްގެ އެހެން ނިންމުންތަކެކޭ ވެސް އެއްފަދައިން – އެމެރިކާގެ ރައްޔިތުންނެވެ. އެހެންކަމުން މިއީ ހަޤީޤަތުގައި އެމެރިކާގެ ނިންމުމަކަށް ވުރެ ބޮޑަށް ރައީސް ޓްރަމްޕްގެ ނިންމެވުމެކޭ ބުނުމުގެ ޖާގަ އެބައޮތެވެ.

އެމެރިކާގެ ރައްޔިތުންގެ ފަހަތުން ދެން ޕެރިސް އެގްރިމެންޓްގެ ދިފާއުގައި ނުކުތީ ބޮޑެތި ޤައުމުތަކެވެ. ޚާއްސަކޮށް ފްރާންސާއި ޖަރުމަނު ފަދަ ވިލާތުގެ ޤައުމުތަކެވެ. ތަނކޮޅެއް އުނދަގުލުން މި އެއްބސްވުމަށް އާނބަސް ބުނި ޗައިނާ ފަދަ ޤައުމުތަކެވެ. ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އަމުދުން މި ނިންމުން ކަމަކު ނުދިޔައެވެ.

ރައީސް ޓްރަމްޕްގެ ނިންމެވުމާ އެކު ދުނިޔޭގެ އެކި ހިސާބުތަކުން މީހުން އެމީހުންގެ ޝަކުވާތަކާއި އިހުސާސްތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލިއެވެ. އެއްބަޔަކު ރުޅިވެރި މެސެޖުތަކުގެ ގޮތުގައެވެ. އަނެއް ބަޔަކު ކުރެހުންތަކާއި، ޖޯކުޖެހުމުގެ ތެރެއިންނެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިން ޝުއޫރު ފާޅުކުރެއްވީ ޕޯޑިއަމްތަކާއި ރަސްމީ ބަޔާންތައް މެދުވެރިކުރައްވައެވެ.

މި މައްސަލައިގައި އެންމެ ބޮޑަށް ފާޑުވިދާޅުވެ މިހާތަނަށް ވާހަކަ ދެއްކެވި ވެރިއަކީ ފްރާންސްގެ ރައީސްކަމަށް ދާދި ފަހުން ވަޑައިގަތް އެމަނުއެލް މެކްރޯނެވެ. ހުކުރު ދުވަހުގެރޭ ދެއްވި ތަޤުރީރެއްގައި މެކްރޯން ވަނީ ރައީސް ޓްރަމްޕްގެ ނިންމެވުމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ހަމައެކަނި ޓްވިޓަރ މެދުވެރިކޮށް ވެސް 1.7 މިލިއަން މީހުން ބެލި، ރައީސް މެކްރޯންގެ ތަޤުރީރުން ސޯޝަލް މީޑިއާގެ ސަމާލުކަން އެންމެ ބޮޑަށް ހޯދީ ތަޤުރީރު ނިންމަވާލައްވަމުން މެކްރޯން ވިދާޅުވި ޖުމްލައެވެ.

އެމަނިކުފާނުގެ ތަޤުރީރު ނިންމަވާލެއްވީ ވަރަށް ރީތި، ފަށުވި އިބާރާތުން ރައީސް ޑޮނާލްޑް ޓްރަމްޕަށް ޖޯކު ޖައްސަވަމުންނެވެ. އެމަނިކުފާނު ވިދާޅުވިއެވެ.

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން"

ރައީސް މެކްރޯންގެ މި ޖުމްލައަކީ ދުނިޔޭގެ ގިނަ ބަޔަކަށް އާ ޖުމްލައަކަށް ނުވާނެއެވެ. މިއީ އެމެރިކާގެ ރައީސްކަމަށް ވަޑައިގަތުމަށް ކެމްޕެއިން ކުރެއްވިއިރު ޑޮނާލްޑް ޓްރަމްޕް ބޭނުންކުރެއްވި ޝިއާރު، "މޭކް އެމެރިކާ ގްރޭޓް އަގެއިން"ގެ ބައެއް ބަސްތައް ހާލަތާއި މުނާސަބު ގޮތަށް ބަދަލުކޮށްފައިވާ ޖުމްލައެކެވެ.

"މޭކް އަވަރ ޕްލެނެޓް ގްރޭޓް އަގެއިން" އަކީ ރައީސް މެކްރޯން ދުނިޔެއަށް ދެއްވި މެސެޖެކެވެ. ސީދާ ރައީސް ޓްރަމްޕަށް އެއްލެވި ބަހެއްމެއެވެ. އެމަނިކުފާނުގެ މެސެޖަކީ އެކުގައި ދުނިޔެ ސަލާމަތް ކުރުމަށް މަސައްކަތް ކުރުމެވެ. ވަކިވަކި ޤައުމުތަކުގެ – ޚާއްސަކޮށް މާލީ ފައިދާއަށްވުރެ ދުނިޔެއާ މެދު ވިސްނުމެވެ.

ޕެރިސް އެގްރިމެންޓުން ވަކިވާން ނިންމުމާ ގުޅިގެން، ރައީސް ޓްރަމްޕަށް ރައީސް މެކްރޯންގެ އިތުރުންވެސް އެކި ފަރާތްތަކުގެ ރުޅިވެރިކަމާއި، ފާޑު ކިޔުމާ vanI ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. ކުރިން ވެސް ބަޔާންކުރެވުނު ފަދައިން މީގެ ތެރޭގައި ޖޯކު ޖެހުމުގެ ތެރެއިންނާއި، އާޓް، އަދި މަދަނީ ބަސްނޭހުން މެދުވެރިކޮށް ދީފައި ހުރި މެސެޖުތައް ގިނައެވެ.

ރައީސް ޓްރަމްޕްގެ ނިންމެވުމާ އެކު އެމެރިކާގެ ލީޑަރުންނާއި މުއައްސަސާތަކުގެ ފަރާތުން ފެނިގެންދިޔަ އެކި ކަންކަން ފާހަގަކޮށްލުން މުހިއްމެވެ.

ޕެރިސް އެގްރިމެންޓް އިން ވަކިވަމުން، ހުއްޖަތެއްގެ ގޮތުގައި އެމްއައިޓީން ކޮށްފައިވާ ދިރާސާއެއް އެމަނިކުފާނު ދައްކަވާފައިވާއިރު، އެ ޔުނިވަރސިޓީން ވަނީ އެ ދިރާސާގެ ނަތީޖާ ރައީސް ޓްރަމްޕަށް ފަހުމު ވެވަޑައިގަތީ މުޅިން ގޯސްކޮށް ކަމަށެވެ.

އެމެރިކާގެ ބިގް އެޕަލް، ނުވަތަ ނިއު ޔޯކް ސިޓީއަށްވެސް ރައީސް ޓްރަމްޕްގެ ނިންމެވުން ކަމަކު ނުދިޔައެވެ. ޕެރިސް އެގްރިމެންޓުން ވަކިވާކަން ރައީސް ޓްރަމްޕް އިޢުލާނު ކުރެއްވުމުން، ނިއު ޔޯކުގެ މޭޔަރު ވަނީ އެ ސިޓީގައި ޕެރިސް އެގްރިމެންޓުގައިވާ މާއްދާތައް ތަންފީޒު ކުރުމަށް ރަސްމީ ޤަރާރެއް ފާސްކުރައްވާފައެވެ.

އަދި މިކަން މިގޮތަށް ކުރަން ނިންމެވީ ހަމައެކަނި ނިއު ޔޯކުގެ މޭޔަރެއް ވެސް ނޫނެވެ. އެމެރިކާގެ އެކި ސްޓޭޓްތަކުގެ މޭޔަރުން ވެސް ވަނީ ޕެރިސް އެގްރިމެންޓްގެ އަސާސުތައް ދަމަހައްޓަން ވަޢުދުވެވަޑައިގެންފައެވެ.

ޕެރިސް އެގްރިމެންޓްއިން ވަކިވާކަން އިޢުލާނު ކުރައްވަމުން، ރައީސް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވެރިކަމަށް އިންތިޚާބު ކުރީ ޕިޓްސްބަރގްގެ ރައްޔިތުން ކަމަށާއި، ޕެރިހުގެ ރައްޔިތުން ނޫން ކަމަށް ވިދާޅުވިއެވެ. ނަމަވެސް ޕިޓްސްބަރގްގެ ފަރާތުން ވެސް ފެނިގެން ދިޔައީ ރައީސް ޓްރަމްޕްގެ ނިންމެވުމާ ދެކޮޅުވެރިކަމެވެ.

ރައީސް ޓްރަމްޕްގެ ނިންމެވުމަށް ދެކޮޅު ހެއްދެވުމުގެގޮތުން، ވިޔަފާރިވެރިޔާ، އަދި ސިޔާސީ ލީޑަރު މައިކަލް ބްލޫމްބަރގް ވަނީ ޕެރިސް އެގްރިމެންޓްގެ ދަށުން އެމެރިކާއިން ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތަށް ހަދިޔާ ކުރަންޖެހޭ 15 މިލިއަން ޑޮލަރު އަމިއްލައަށް ހަދިޔާ ކުރައްވާނެކަން އިއުލާންކުރައްވާފައެވެ.

 

 

މި ނިންމުމުގެ ސަބަބުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ބޮޑު އަސަރުތަކެއް ކުރާނެ ކަމަށް ޤަބޫލުކުރެވޭއިރު، ރާއްޖޭގައި ހުންނަ ޔޫއެންޑީޕީގެ އޮފީހުން ވަނީ ރާއްޖޭގެ ތިމާވެށީގެ ހާލަތު ވަރަށް ރީއްޗަށް ފެނިގެންދާ ފޮޓޯއަކާ އެކު ޕެރިސް އެގްރީމެންޓްގެ މުހިއްމުކަމުގެ ވާހަކަ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ބައެއް ކުރެހުންތެރިން ވަނީ އެފަރާތްތަކުން ރައީސް ޓްރަމްޕްގެ ނިންމެވުމާ ގުޅޭގޮތުން ދެކޭގޮތް، ކުރެހުންތައް މެދުވެރިކޮށް ދައްކާލާފައެވެ.

 

 

ރައީސް ޓްރަމްޕްގެ ނިންމެވުމާ ދެކޮޅު ހެދުމުގެ ގޮތުން، ބަރލިންގައި ހުންނަ އެމެރިކާ އެމްބަސީ ހުންނަ އިމާރާތަށް ގްރީންޕީސް ޖަމާޢަތުން ވަނީ ފާހަގަކޮށްލެވޭ ފަދަ ޕްރޮޖެކްޝަނެއް އަޅުވާފައެވެ.

ޕެރިސް އެގްރިމެންޓުން ވަކިވާން ނިންމި މައްސަލައިގައި ރައީސް ޓްރަމްޕާއި އެމަނިކުފާނުގެ ސަރުކާރު ހޫނުފެނަށް ވެއްޓިފައިވާއިރު، އެމަނިކުފާނު ވަނީ އެމެރިކާއަށް ގެއްލުން ނުވާނެ ފަދަ އެހެން އެއްބަސްވުމެއް ވާން އެމެރިކާގެ ސަރުކާރު ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ. 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
އައްޑޫ ސިޓީ ކައުންސިލްގެ މެންބަރުން ބަދުނާމުކުރުމުގެ ނިޔަތުގައި ހަބަރުފަތުރާފައިވާތީ އެކަން ކުށްވެރިކޮށްފި