ކ. މާލެ
|
2 ޖޫން 2017 | ހުކުރު 19:40
ބްރެޒިލްގައި ހުންނަ އުމަރު ބިން އަލް ޚައްތާބު މިސްކިތުގެ މަންޒަރެއް
ބްރެޒިލްގައި ހުންނަ އުމަރު ބިން އަލް ޚައްތާބު މިސްކިތުގެ މަންޒަރެއް
ރޮއިޓަރސް
އިސްލާމީ ޝަހުސިއްޔަތު
ޕްރޮފައިލް: އުމަރު ބިން އަލް ޚައްތާބު – އިސްލާމީ ދުނިޔެ ދުށް ނަމޫނާ ލީޑަރެއް
 
އަމިއްލަފުޅަށް ގޭގެއަށް ޒިޔާރަތް ކުރައްވާ މީހުންގެ ހާލު ބެއްލެވި
 
ސަފީރުން އައްޔަން ކުރެއްވި
 
ދައުލަތުގެ މާލީ ނިޒާމް އުފެއްދެވި
 
އިސްލާމީ ދައުލަތް ފުޅާ ކުރެއްވި

އުމަރު ބިން އަލް ޚައްތާބަކީ މުސްލިމުންގެ ދެވަނަ ޚަލީފާއެވެ. އުމަރު ބިން އަލް ޚައްތާބު މުސްލިމުންގެ މެދުގައި މަގްބޫލް ޝަހުސިއްޔަތަކަށް ވެވަޑައިގަތީ ހަމައެކަނި އެކަލޭގެފާނުގެ ދީންވެރިކަމާ ތަވާޟުއު ވެރިކަމުގެ ސަބަބުން އެކަންޏެއްނޫނެވެ. އޭގެ އިތުރުން  ހިންގުންތެރި ނަމޫނާ ލީޑަރެއްގެ ގޮތުގައި އިސްލާމީ ތާރީޚްގައި އެކަލޭގެފާނުގެ ނަންފުޅު ލިޔެވިފައިވެއެވެ.

އެކަލޭގެފާނުގެ ހަށިކޮޅާ ސޫރައާ ބެހޭ ގޮތުން ލިޔެވިފައިވާ ލިޔުންތަކަށް ބަލާއިރު އުމަރުގެފާނަކީ އިސްކޮޅުން ދިގު ހަށިކޮޅު ވަރުގަދަ ބޭފުޅެކެވެ.

އިސްލާމް ދީނަށް ރުޖޫއަވެ ވަޑައިގަތުމުގެ ކުރިން އެއީ މުސްލިމުން ނުހަނު ޖެހިލުންވި ވަރުގަދަ ފަހުލަވާނެކެވެ. އުމަރުގެފާނު އިސްލާމް ދީން ގަބޫލު ކުރެއްވީ ކީރިތި ރަސޫލާ އިސްލާމް ދީނަށް ގޮވާލެއްވިތާ ހަ ވަނަ އަހަރުގެ ތެރޭގައެވެ. އިސްލާމްދީން ގަބޫލު ކުރެއްވި 40 ވަނަ ބޭކަލަކީ އުމަރުގެފާނެވެ. އިސްލާމްދީން ގަބޫލު ކުރެއްވުމަށްފަހު ކީރިތި ރަސޫލާއަށް އެންމެ ބޮޑަށް މަދަދުވެރިވެވަޑައިގެންނެވި އެކުވެރިންގެ ތެރޭގައި އެކަލޭގެފާނު ހިމެނިވަޑައިގަތެވެ.

އުމަރުގެފާނުގެ ނަންފުޅާ އެކުއެކީ އެކަލޭގެފާނަށް ނިސްބަތް ކޮށް ކިޔާ އުޅުނީ އަލް ފާރޫގެވެ. އުމަރުގެފާނުގެ ނަންފުޅު މަޝްހޫރުވެގެން ގޮސްފައިވަނީ ހެޔޮކަމާ ނުބައި ކަމާ ވަކިކުރާ ފަރާތުގެ ގޮތުގައެވެ.

އުމަރުގެފާނަކީ އެކަލޭގެފާނުގެ މިޒާޖުގައި ހިތްޕުޅުތިރި ބޭކަލެކެވެ. އަބަދުވެސް ހުންނަވަނީ އުއްމަތުގެ ވެރިމީހާގެ ހައިސިއްޔަތުން އުފުއްލަވަން ޖެހިވަޑައިގަންނަވާ ޒިންމާގެ ބޮޑުކަމާމެދު ފިކުރު ކުރެއްވުން މަތީގައެވެ. ރޭގަނޑު ގިނިކަންޏާ ނުކުންނަވާ މުސްލިމުންގެ ހާލު ބައްލަވާ ހެއްދެވިއެވެ. އުމަރުގެފާނު މިކަން މިހެން ކުރެއްވުމާ ހަމައަށް ވެރިމީހާ އެކަނި ނުކުމެ ގޭގެއަށް ވަދެ ނިކަމެތިންގެ ހާލު އަހުވާލު އޮޅުންފިލުވާ ހެދުމަކީ އަރަބިންގެ ތެރޭގައި އޮތް ކަމެއް ނޫނެވެ. އުމަރުގެފާނުގެ ފަހުންވެސް އެކަން އެގޮތައް ހިނގާފައި ނުވާކަމަށް ލިޔުންތެރިން ފާހަގަ ކުރެއެވެ.

އުމަރުގެފާނަކީ އޯގާތެރިކަން އިންތިހާއަށް ދެއްކެވި ލީޑަރެކެވެ. އެކަލޭގެފާނުގެ އޯގާތެރިކަމަކީ އިންސާނުންނާ ހަމައިން ނިމުނު ކަމެއް ނޫނެވެ. ޖަނަވާރުންނަށް ވެސް އިންސާނުންނެކޭ އެއްފަދައިން އެކަލޭގެފާނުގެ އޯގާތެރިކަން ދެއްކެވިއެވެ. ޖަނަވާރުންނަށް އޯގާތެރިވެ ވަޑައިގަތީ އެއީ ވެސް މާތްﷲ ޚަލްގް ކުރެއްވި މަޚްލޫގުންކަން ގަބޫލުފުޅު ކުރައްވާ އެގޮތުގެ މަތީން ވަރުގަދަ އަގީދާއެއްގައި ހުންނެވުން ކަމަށްވެއެވެ.

ޖަނަވާރުންނަށް އެކަލޭގެފާނު ބެހެއްޓެވި އޯގާތެރިކަން ހާމަކުރުމުގެ ގޮތުން އުމަރުގެފާނު ވިދާޅުވެފައިވާ ވާހަކަފުޅެއްގެ ގޮތުގައި ލިޔުންތަކުގައި ފާހަގަވެފައިވާ އެއް ވާހަކަފުޅެއްގެ ގޮތުގައި އޮންނަނީ "ޔޫފްރެޓީސް ކޯރުގެ އައްސޭރިފަށުގައި ތިމަން ކަލޭގެފާނުގެ ބެލުމުގެ ދަށުގައިވާ ކަންބަޅިއެއް ގެއްލިގެން ގޮސް މަރުވެއްޖެ ނަމަ، މަހުޝަރު ދުވަހު ތިމަންކަލޭގެފާނާ އެކަމާ ގުޅޭ ގޮތުން މާތް ﷲ ސުވާލު ކުރައްވާނެ ކަމަށް ގަބޫލު ކުރައްވަމުއެވެ"

އުމަރުގެފާނުގެ ވެރިކަމުގައި އިސްލާމީ ދައުލަތް ފުޅާވެ، އީރާނާއި ސީރިއާ އަދި މިސްރާ ހަމައަށް އިސްލާމީ އުއްމަތް ފެތުރިގެން ދިޔައެވެ. އެކަލޭގެފާނަކީ އިސްލާމީ އުއްމަތް ދައުލަތެއްގެ ގޮތުގައި ބައްޓަން ކުރެއްވި މޭސްތިރިޔާގެ ގޮތުގައި މަޝްހޫރުވި ފަރާތެވެ. ފުޅާވެގެން ދިޔަ ބޮޑު އިސްލާމީ ދައުލަތް އެކަތިގަނޑެއްގެ ގޮތުގައި ހިފެހެއްޓެވުމަށް ވަރަށް ފުރިހަމައަށް އިންތިޒާމްތައް އެކަލޭގެފާނު ކުރައްވަމުން ގެންދެވިއެވެ.

އިދާރީ ހިންގުމުގެ ނިޒާމް ވަރުގަދަ ކުރެއްވުމުގެ ގޮތުން ދައުލަތްތައް ސްޓޭޓްތަކަށް ބައްސަވާ ގަވަރުނަރުން އެކަލޭގެފާނު އައްޔަން ކުރެއްވިއެވެ. އަދި އެގޮތުން އައްޔަން ކުރެއްވި ގަވަރުނަރުންގެ ދައުރަކީ ދެ އަހަރު ކަމުގައި ހަމަޖެއްސެވިއެވެ. އުމަރުގެފާނު ވިދާޅުވި ކަމަށްވަނީ އެއަށްވުރެ ދައުރު ދިގުވެއްޖެނަމަ، ވެރިކަމުގެ ބާރުތަކުގެ މައްޗަށް ޣާފިލުވެ ވެރިން ވެރިކަމުގެ މައްޗަށް ގަދަވެގެންފާނެ ކަމަށެވެ.

އުމަރުގެފާނު ހާސިލް ކުރެއްވި ބައެއް ކަންކަމަށް ބަލާއިރު، އިސްލާމީ ކަލަންޑަރު ނުވަތަ ހިޖުރީ ތާރީޚްގެ ކަލަންޑަރު އުފެއްދެވިއެވެ. އެ ތާރީޚް ފެށިގެން އަންނަނީ ރަސޫލާ މައްކާ ދޫކުރައްވާ މަދީނާ އަށް ހިޖުރަ ކުރެއްވި އަހަރުން ފެށިގެންނެވެ. ބައިތުލްމާލު ނުވަތަ މާލީ ކަންކަމާބެހޭ އިދާރާ އުފެއްދެވިއެވެ. މިއީ މުސްލިމުންގެ ދައުލަތުގައި ފުރަތަމަ ފަހަރަށް މާލީ ކަންކަމާބެހޭ ގޮތުން އިންތިޒާމްތައް ކުރެވިގެން ދިއުމެވެ. އުމަރުގެފާނު އުފެއްދެވި ބައިތުލްމާލުން ބަލަހައްޓަމުން ގެންދިޔައީ ޓެކްސްގެ ކަންކަމާ ރައްޔިތުންނަށް ޒަކާތް ބެހުން ފަދަ ކަންކަމެވެ. އުމަރުގެފާނުގެ ވެރިކަމުގެ ދަށުގައި ތިބި ޔަހޫދީންނާއި ނަސާރާއިންގެ ތެރެއިން ނިކަމެތިންނަށް ދައުލަތުން ފާއިސާގެ އިނާޔަތް ދެއްވަމުން ގެންދެވިއެވެ.

އުމަރުގެފާނުގެ ވެރިކަމުގައި ފަރުދީ ހަމަހަމަކަމާއި އަދި ފަރުދީ މިނިވަންކަމަށް އިހްތިރާމް ކުރެއްވިއެވެ. އިސްލާމީ ދައުލަތުގެ ތެރޭގައި ހިމެނުނު މުސްލިމުންނާއި ޣައިރު މުސްލިމުންނާ ދެމެދުވެސް ތަފާތު ކުރެއްވުމެއް ނުގެންގުޅުއްވައެވެ. އަމްރު ބިން އާސް މިސްރަށް ސަފީރު ކަމު ފޮނުއްވާފައި ހުންނެވި އިރު އެމަނިކުފާނުގެ ދަރިކަލުން ނަސާރާދީނުގެ މީހަކަށް ވަރަށް ބޮޑު ހާނީއްކަ އެއް ކޮށް ހެދި ޚަބަރު އުމަރުގެފާނަށް ލިބިވަޑައިގެން، އެކަމާ ކޯފާ އިސްކުރައްވާ އަމްރުގެ ދަރިކަލުންނަށް އާއްމުންގެ ކުރިމަތީގައި އަދަބު ދިނުމަށް އެންގެވިއެވެ. އަދި އަމްރާއި ދަރިކަލުންނަށް މުޚާތަބް ކުރައްވާ ވިދާޅުވި ކަމަށްވަނީ އިންސާނުން އަޅުންނަށް ބަދަލު ކުރީ ކޮން އިރަކުން ފެށިގެން ހެއްޔެވެ؟ ކޮންމެ އިންސާނަކުވެސް މައިމީހާގެ ބަނޑުން އުފަންވަނީ މިނިވަނެއްގެ ގޮތުގައެވެ."

އުމަރުގެފާނު އަވަހާރަވީ އަބޫ ލޫލޫ އަލް މަޖޫސީ ނަމަކަށް ކިޔާ ފާރިސީ އަޅަކު އެކަލޭގެފާނު ފަތިސް ނަމާދު އިމާމުވެ ކުރައްވަން ހުންނަވަނިކޮށް ދިން ހަމަލާއެއްގެ ސަބަބުންނެވެ. އެކަލޭގެފާނު ދުނިޔެ ދޫކުރެއްވީ މިހަމަލާގެ ޒަޚަމްތަކުގައި ދުނިޔޭގައި ތިން ދުވަހު އޮންނެވުމަށްފަހުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
25%
0%
8%
0%
0%
67%
ކޮމެންޓް