ކ. މާލެ
|
30 މާރޗް 2020 | ހޯމަ 17:31
އިންޑިޔާ ފުލުހެއް ކޮރޯނާވައިރަސް ސިފަކޮށްދޭ ހެލްމެޓެއް އަޅައިގެން
އިންޑިޔާ ފުލުހެއް ކޮރޯނާވައިރަސް ސިފަކޮށްދޭ ހެލްމެޓެއް އަޅައިގެން
ސީ.އެން.އެން
ކޮވިޑް-19
އިންޑިޔާ ފުލުހެއް ކޮރޯނާވައިރަސް ސިފަކޮށްދޭ އާދަޔާ ޚިލާފު ހެލްމެޓާއެކު
 
މި ހެލްމެޓް ބޭނުންކުރުމުގެ ސަބަބުން މީހުން ހޭލުންތެރިވޭ
 
މުޅި އިންޑިޔާ ވަނީ 21 ދުވަހަށް ލޮކްޑައުންކޮށްފައި

ކޮވިޑް-19 އާ އެކު މުޅި އިންޑިޔާ ވަނީ ލޮކްޑައުންކޮށްފަ އެވެ. 1.3 ބިލިއަންގެ އާބާދީއެއް އޮންނަ އިންޑިޔާ ލޮކްޑައުން ކުރިނަމަވެސް އިންޑިޔާއަށްވެސް ދިމާވެފައިވަނީ ލޮކްޑައުންކޮށްފައިވާ އެހެން ގައުމުތަކުގައިވެސް ދިމާވާ މައްސަލަ އެވެ. ރައްޔިތުން ގޭގައި ނުތިބެ ބޭރަށް ނިކުންނަ މައްސަލައެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް ގޭގައި ތިބުމަކީ ކިހާ މުހިންމު ކަމެއްކަން މީހުންނަށް އަންގައިދިނުމަށް އަންނަނީ އެކިއެކި މަސައްކަތްތައް ކުރަމުންނެވެ.

ކޮރޯނާވައިރަސް އަކީ ކިހާ ނުރައްކާތެރި ވައިރަސް އެއް ކަމާއި ގޭގައި ތިބުމަކީ ކިހާ މުހިންމުކަމެއްކަން ރައްޔިތުންނަށް އަންގައިދިނުމަށް އިންޑިޔާގެ ޗެންނާއީގެ ޕޮލިސް އިންސްޕެކްޓަރ ރާޖޭޝް ބާބޫ ބޭނުންކުރަނީ ތަފާތު އުކުޅެކެވެ. ކޮރޯނާވައިރަސް ސިފަކޮށްދޭ ހެލްމެޓް އަޅައިގެން ދުއްވާ މީހުންނާއި ހިނގާ މީހުން ހުއްޓުވުމަށް ޗެކްޕޮއިންޓްތަކުގައި ރާޖޭޝް މަސައްކަތް ކުރަމުންދާއިރު ދުރުން ރާޖޭޝް ފެންނަ މީހަކަށް އޭނާ ސިފަވަނީ ބިރުވެރި މީހެއްގެ ގޮތުގަ އެވެ.

ހެލްމެޓް ވަނީ މައިކްރޮސްކޯޕުން މިވައިރަސް ފެންނަގޮތަށް ޑިޒައިންކޮށްފަ އެވެ. މައިގަނޑުގޮތެއްގައި ރަތްކުލަ ބޭނުންކޮށްފައިވާއިރު ދެން ބޭނުންކޮށްފައިވަނީ ބަލްބްތަކެވެ. ރާޖޭޝްގެ މިހެލްމެޓް ޑިޒައިން ކޮށްފައިވަނީ ޗެންނާއީގެ އަރޓް ކިންގްޑަމްކިޔާ އޯގަނައިޒޭޝަނެއް އުފައްދައިގެން މަސައްކަތްކުރާ ގޯތަމް އެވެ. ގޯތަމް ބުނާގޮތުން އޭނާއަށް މިޚިޔާލު އައީ މީހުންގެ މެދުގައި މިވައިރަސް އާއި ގުޅޭގޮތުން އެކަށީގެންވާ މައުލޫމާތު ނެތުމާއި ރައްކާތެރިވުމުގެ ގޮތުން ކުރަންޖެހޭ ކަންކަމުގެ މައުލޫމާތު ނެތުމުގެ ސަބަބުން މީހުން ހޭލުންތެރިކުރުވުމަށް ބޭނުންކުރާނެ އުކުޅެއްގެ ގޮތުގަ އެވެ.

މީހުން އުޅެނީ އެހާ ސާފުތާހިރުކޮށެއް ނޫން. އަނެއްކޮޅުން ސަރުކާރުން މިވަނީ ހުރިހާ އެންމެންނަށްވެސް ގޭގައި ތިބެން އަންގާފައި. އެކަމަކު އަހަރުމެންނަށް މިފެންނަނީ މީހުން ބޭރުން ތެރޭގައި އުޅޭތަން. އަނެއްކޮޅުން މީހުން ތިބެނީ ވައިރަސްއިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެއްވެސް ނޫން.
ގޯތަމް
ފުލުސް މީހާ ކޮރޯނާވައިރަސް ސިފަކޮށްދޭ ހެލްމެޓް އަޅައިގެން

ގޯތަމަށް ގަބޫލުކުރެވެނީ މީހުން ސީރިއަސްކޮށް މިކަން ނުނަގަނީ ވައިރަސް އަކީ އިންސާނުންގެ ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސް އަކަށްވުމުންނެވެ. އެހެންކަމުން ގޯތަމް ނިންމީ ބޭރަށް ނިކުމެ އުޅޭ މީހުންނާ ދިމާލަށް އެވައިރަސް އަަންނަކަމުގެ އިހުސާސްކުރުވުމަށް ހެލްމެޓެއް ހެދުމަށެވެ. އޭރަށް މީހުން ބިރު ގަންނާނެކަމަށް ގޯތަމް ދެކެއެވެ.

އެހެންކަމުން ގޯތަމް ދިޔައީ އެންމެ ކައިރީގައި ހުރި ފުލުސް ސްޓޭޝަނަށެވެ. މީހުން ބޭރުގައި އުޅޭތީ ފުލުހުންގެ މަސައްކަތްތަކަށް ބުރަވެފައިވާއިރު މިފަދަ ކަމެއްކޮށްފިނަމަ ފުލުހުންގެ މަސައްކަތަށް ލުއިކަމެއް އަންނާކެމަށް ގޯތަމް ބުނެއެވެ. އެހެންކަމުން ފުލުހުންގެ އެއްބާރުލުން ލިބޭނެކަމުގެ ސިގްނަލް ލިބުމާއެކު ގޯތަމް އޭނާގެ މަސައްކަތް ފެށިއެވެ.

ހުރިހާ ފިހާރަތަކެއް ބަންދުކޮށްފައި ހުރުމުން ހެލްމެޓްގައި ކޮރޯނާވައިރަސް ސިފަ ޖެއްސުމަށް ގޯތަމް ބޭނުންކުރީ ނިއުސްޕާޕަރާއި ޓިޝޫ އެވެ. އެއަށްފަހު ރާޖޭޝް އަށް ހެލްމެޓް ދިނުމުން ރާޖޭޝް އެހެލްމެޓަށް ވަރަށް ގަޔާވިކަމަށް ގޯތަން ބުންޏެވެ.

މިހެލްމެޓް އަޅައިގެން ރާޖޭޝް އަންނަނީ މަގުމަތީގައި ދުއްވާ ސައިކަލާއި ކާރު ހުއްޓުވަމުންނެވެ. ވަކިން ޚާއްސަކޮށް މާސްކު ނާޅާނަމަ އޭނާ އެބަޔަކު ހުއްޓުވައެވެ. އަދި އިޖުތިމާޢީ ގައިދުރުވުމަކީ ކިހާމުހިންމު ކަމެއްކަމާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކޮންމެހެން ނިކުންނަންޖެހިގެން ނޫނީ ބޭރަށް ނިކުމެ ނޫޅުމަށް އޭނާ މީހުންނަށް ނަސޭހަތްދެ އެވެ.

މިހެލްމެޓް އަޅައިގެން ހުރެ ރާޖޭޝް ކުރަމުންދާ މަސައްކަތްތައް ކާމިޔާބޭ ބުނުމުގެ ފުރުސަތު އެބައޮތެވެ. ރާޖޭޝް ބުނާގޮތުން އޭނާ ވާހަކަދައްކާ ގިނަ މީހުން ގޭގައި ތިބުމަށް އެއްބަސްވެއެވެ. އަދި ވައިރަސް އާއި ގުޅޭގޮތުން ދޭ މައުލޫމާތުތަކަށް އޭނާއަށް ޝުކުރުއަދާކުރެ އެވެ.

އިންޑިޔާގައި މިހާތަނަށް މިވައިރަސް ހާހަކަށްވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު 27 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން މުޅި އިންޑިޔާ ލޮކްޑައުން ކޮށްފައިވާއިރު އާންމުންނަށް ދިމާވަމުންދާ ދަތިތަކަށް އިންޑިޔާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ވަނީ ރައްޔިތުންގެ ކިބައިން މަޢާފަށްވެސް އެދިވަޑައިގެންފަ އެވެ. ކޮންމެ މަހަކު ދެއްވާ ރޭޑިއޯ ޚިތާބުގައި ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ މިފިޔަވަޅު އެޅުމުން ގިނަ ބަޔަކަށް ވަރަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވާނެކަން އެނގިވަޑައިގަންނަވާކަމަށާއި ނަމަވެސް މުޅި ގައުމު ލޮކްޑައުން ކުރަންޖެހުނީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެނޫންގޮތެއް ނެތުމުން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް
30 މާރޗް 2020 | ހޯމަ 21:04
ސާމީ
ބަލަ ކާބޯތަކެތި ޗައިނާ ސަރުކާރުން ރައްޔިތުންނަށް ގެންގޮސްދިންހެން ގެނގޮސްދޭނަމަ ނުނުކުންނާނެ ދިވެހިންވެސް ބޭރަށް.