ކ. މާލެ
|
13 ޖޫން 2019 | ބުރާސްފަތި 18:54
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް
ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް
މަގޭ ރިޕޯޓް
އަދީބް ފިލަން އިންޑިޔާ އިން ފުރުސަތު ދީފާނެބާ؟
 
އަދީބް ބޭސް ފަރުވާއަށް ދަނީ އިންޑިޔާއަށް
 
އަދީބް ބޭސްފަރުވާއަށް އިންޑިޔާއަށް ފުރުވާލުމަށް ހަމަޖެހިފައިވަނީ 13 ވަނަ ދުވަހު
 
އަދީބްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި 7 މީހުންގެ ޓީމެއް ހަރަކާތްތެރިވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައި

ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ބޭސް ފަރުވާއަށް ފުރުވާލުމަށް ކަރެކްޝަނަލް ސާރވިސް އިން ނިންމުމާއި ގުޅިގެން، މުޅި ގައުމުގައި އެއްއަޑަކުން ދެކެވެމުން އަންނަ ވާހަކައަކީ، އަދީބް ދެން އެނބުރި ރާއްޖެއަށް ވަޑައިނުގަންނަވާނެ ކަމުގެ ވާހަކައެވެ. ބޭސް ފަރުވާއަށް ގައުމުން ބޭރަށް ފުރުވާލުން އެއީ އޭނާ އަށް ފިއްލަވަން ފުރުސަތު ފަހިކޮށް ދިނުން ކަމުގެ ވާހަކައެވެ. ކޮންމެއަކަސް އަދީބް ބޭސް ފަރުވާއަށް ފުރުވާލުމަށް ކަރެކްޝަންސް އިން ނިންމުމާއި ގުޅިގެން މި ނޫން ވާހަކައެއް މި ގައުމުގައި ނުދެކެވެއެވެ. މަޖިލީހުގެ ތަޅުމުގައި މި ވާހަކައެވެ. ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގައިވެސް މި ވާހަކައެވެ. ސައި ހޮޓާ ތަކާއި ފިނި މައިޒާންތަކުގައިވެސް އެ ވާހަކައެވެ. މި ވާހަކަ މި ދެކެވެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ކޮރަޕްޝަންތަކާއި، ލާ އިންސާނީ ޖަރީމާތަކުގައި ބައިވެރިވެފައިވާ، އަދި އެ ކަމާއި ގުޅުން ހުރި މައުލޫމާތު އިގޭ ފަރާތެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ފަރާތެކެއެވެ.

ރާއްޖޭގައި މިހާތަނަށް ސިޔާސީ ހައްޔަރީންގެ ގޮތުގައި ބޭސް ފަރުވާއަށް ދިޔަ އެއްވެސް މީހަކު ބޭސް ފަރުވާ ނިންމުމަށްފަހު އެނބުރި ގައުމަށް އައިތަނެއް ނުފެނެއެވެ. ބޮޑެތި ކުށްވެރިން ބޭސް ފަރުވާއަށް ގައުމުން ބޭރަށް ގޮސް ފިލައިގެން އަދިވެސް އެބައުޅެއެވެ. އެ މީހުން ގެނެވިފައެއް ނެތެއެވެ. އޭގެ އަލިގަދަ އެއް ހެއްކަކީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި ބައިވެރިވި ލުތުފީ 2010 ވަނަ އަހަރު ބޭސް ފަރުވާއަކަށް ލަންކާ އަށް ފޮނުވުމުން ފިލާފައިވުމެވެ. އޭނާ ބޭސްފަރުވާއަށް އޭރު ފޮނުވާފައިވަނީ ކަރެކްޝަންސްގެ އޮފިސަރުންނާއިއެކުއެވެ. މި ފަދަ ސަބަބުތަކާއި ހެދި، އަދީބްވެސް ބޭސްފަރުވާއަށް ފަހު އެނބުރި ގައުމަށް އައިސްދާނެ ކަމާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް މިވަނީ އުފެދިފައެވެ.

ޝައްކެއްވެސް ނެތް ގޮތުގައި، އަދީބްއަށް ބޭސް ފަރުވާ ފޯރުކޮށްދިނުމަކީ ދައުލަތުން އޭނާ އަށް ފޯރުކޮށްދޭންޖެހޭ އިންސާނީ ހައްގެކެއެވެ. އޭނާ ބޭސްފަރުވާއަށް ފުރުވާލުމަށްވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ސަރުކާރުން ވަނީ ފަށާފައެވެ. ސަރުކާރުން ބުނެފައިވަނީ އަދީބް ފިލަން އެއްވެސް ފުރުސަތެއް ނުދޭނެ ކަމަށާއި، މިހާތަނަށް ކުއްވެރިއަކު ބޭސް ފަރުވާއަށް ފުރުވާލުމުގައި ތައްޔާރުނުވާ ވަރަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދީބް ފުރުވާލުމުގެ ކުރިން އެޑްވާންސް ޓީމެއް އިންޑިޔާއަށް ދާނެ ކަމަށާއި، އެމީހުން އަދީބް ބޭސްފަރުވާ ކުރާ އިންސްޓިޓިއުޓް އާއި، އަދީބް ހުންނަ ހޮޓެލް ޗެކްކުރާނެ ކަމަށެވެ. އަދީބްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި 7 މީހުންގެ ޓީމެއް އަދީބް އެނބުރި އަންނަންދެން އިންޑިޔާގެ ހަރަކާތްތެރިވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދި މި ކަމުގައި އިންޑިޔާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދީބް ބޭސްފަރުވާއަށް ފުރުވާލާއިރު، އަދީބްއަށް ދޫކޮށްފައިވަނީ 1 އަހަރުދުވަހުގެ ޓްރެވަލް ޑޮކިއުމެންޓެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އޭނާ ބޭސްފަރުވާއަށް ފުރުވާލާއިރު، އެހާ ދިގު މުއްދަތެއްގެ ޓްރެވަލް ޑޮކިއުމަންޓެއް ދޫކޮށްފައިވާތީ، އުފެދުނު ސުވާލުތަކަށް ޖަވާބު ދެމުން އިމިގްރޭޝަނުން ބުނެފައިވަނީ، އެއީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރެވޭނެ އެންމެ ކުރު މުއްދަތު ކަމަށެވެ. އެއީ މިހާތަނަށްވެސް އެކަން ކުރަމުން އަންނަ އުސޫލް ކަމަށެވެ. ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު ބަދަލުކުރާނަމަ، އެކަމަށް ވަރަށް ވަގުތު ނަގާނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދީބް ބޭސްފަރުވާ ކޮށްދޭން ޖެހޭ ކަމާއި،އަދި އެކަމަށް އޭނާ ރާއްޖޭން ބޭރަށް ފުރުވާލަންޖެހޭކަން އިނގޭއިރު، އިމިގްރޭޝަނުން އެއަށް ވުރެ ކުރު ޓްރެވަލް ޑޮކިއުމަންޓެއް ހަދާ،އެ ކަމަށް ތައްޔާރުވެފައި ނުވުމުން، ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދީބް ބޭސްފަރުވާ އަށް ފޮނުވުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އިންޑިޔާއަށެވެ. އަދި އަދީބް އިންޑިޔާއަށް ބޭސްފަރުވާއަށް ފޮނުވާލަން ސަރުކާރުން ހުއްދަ ދީފައިވަނީ،އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ގައުމަށް ވަޑައިގެންނެވިތާ 4 ދުވަސް ފަހުންނެވެ. އިންޑިޔާ އާއި ސަރުކާރުގެ ގުޅުމަށް ބަލާއިރު، ފެންނަނީ ވަރަށް ބަދަހި ގާތް ގުޅުމެއް ދެ ގައުމުގައި އުފެދިފައިވާ މަންޒަރެއެވެ. އެކަން ދޭހަވެގެންދަނީ އިންޑިޔާގެ ބޮޑު ވަޒީރު ދެ ވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވުމަށް ފަހު، ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ޙިޔާރުކުރެއްވީ ދިވެހިރާއްޖެއެވެ. ގައުމެއްގެ އިސްވެރިއަކަށް މިހާތަނަށް މި ފަސްގަނޑުން އަރުވާނެ އެންމެ މަތީ އިއްޒަތް އިންޑިޔާގެ ބޮޑު ވަޒީރަށް މި ސަރުކާރުން ވަނީ އަރުވާފައެވެ. އެހެންކަމުން އިންޑިޔާއިން އަދީބް ފިލަން ފުރުސަތު ދޭނެ ކަމަކަށް ނުބެލެވެއެވެ. އިންޑިޔާގައި ހުރެ އަދީބް ފިލައިގެން ދިއުމަކީ، މި ސަރުކާރުގެ ބޮޑު ފެއިލްއަކަށް ވެގެންދާނެ ކަމެއް ކަމަށްވާއިރު، އެފަދަ ކަމެއް ކުރުމުގައި އިންޑިޔާއިން އެހީތެރިވުމަކީ ވުމަށްވުރެ، ނުވުން ގާތް ކަމެކެއެވެ. އަދި އަދީބްގެ ބޭސްފަރުވާގެ ކަންތަކުގައި އިންޑިޔާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނައިރު، އިންޑިޔާ ސަރުކާރުން ދާނީ އަދީބްގެ ހުރިހާ މޫވްމެންޓްތައް ބަލަމުންނެވެ. އަދި އިންޑިޔާއިން އަދީބް ފިލުވުމަށް އެއްވެސް ޖާގައެއް ނުދޭނެއެވެ. އެއީ އިންޑިޔާގެ އެފަދަ އަމަލަކުން ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ގުޅުމަށް ބުރޫ އަރައިގެންދާނެތީއެވެ. އަދީބްއަށް ބޭސްފަރުވާއަށް ގޮސް ފިލަން ބޭނުން ނަމަ، ފިލަން އެންމެ އުދަގޫވާނީ އިންޑިޔާއިންނެވެ. އެހެންކަމުން މި ކަމުގައި ސަރުކާރުން އިންޑިޔާ ޚިޔާރުކޮށްފައިވަނީ ވަރަށް ވިސްނުންތެރިކަމާއި އެކުގައި ކަމަށް ބެލެވިދާނެއެވެ.

އިންޑިޔާއަށް ބޭސްފަރުވާ އަށް ވަޑައިގެން އަދީބް ފިއްލެވުމާއި ގުޅޭ ގޮތުން 1 ކުން 10 އެއްގެ ސްކޭލެއް ނަމަ ، ނަންގަވާނީ 10 ވަނަ ސްކޭލް ކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ. އަދީބްއަށް ނުފިއްލެވޭނެ ކަމުގެ، ޔަގީންކަން ފުލުހުންގެ އިދާރާ އާއި، ހޯމް މިނިސްޓްރީ އާއި ކަރެކްޝަނަލް ސާރވިސްގައި އެބައޮތެއެވެ. ކޮންމެއަކަސް ތި ބޭފުޅުން ތި ދެއްވި ޔަގީން ކަމަށް އިތުބާރުކޮށްގެން ، ރައްޔިތުން އެ ތިބީ ފާރަލައިގެން ބަލަބަލައެވެ. ރައްޔިތުން ބޭނުންވަނީ އަދީބް ބޭސްފަރުވާ ނިމުމުން، އެނބުރި ގައުމަށް ގެނައުމެވެ. އަދި އަދީބާއި މެދު ކުރެވޭ ތުހުމަތުތަކައް އިންސާފުވެރި ޝަރީއަތެއް މި ގައުމުގައި ހިންގުމެވެ. މި ކަމުގައި އެއްވެސް މުއައްސަސާއަކުން އިހްމާލްވެއްޖެނަމަ، އެއީ މުޅި ސަރުކާރުގެ "ފެއިލް"އެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް