ކޮވިޑް-19: އޭޑީބީއިން ރާއްޖެއަށް ފަސް ލައްކަ ޑޮލަރު ދޭން ނިންމައިފި
30 މާރިޗު 2020 | ހޯމަ 03:31މިމަހު ކުރީކޮޅު ވެސް އޭޑީބީއިން ވަނީ އެއް ލައްކަ ޑޮލަރު ދޫކޮށްފައި

މިނިސްޓަރު އަމީން(ކ)، އޭޑީބީގެ ރައީސް ޓަކަހިކޯ ނަކާއޯ(ވ) -
ކޮވިޑް-19 އާ ގުޅިގެން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެއަށް ފަސް ލައްކަ ޑޮލަރު ދޭން ނިންމައިފިއެވެ.
މިއީ 7.7 މިލިއަން ރުފިޔާގެ އެހީއެކެވެ.
ކޮވިޑް-19އާ ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އޭޑީބީގެ ފަރާތުން ރާއްޖެއަށް ފަސްލައްކަ ޑޮލަރުގެ ގްރާންޓް އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ޑިޒާސްޓަރ ރެސްޕޮންސް ފަންޑުން ލިބޭ ފައިސާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19 ކޮންޓްރޯލްކޮށް ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން ދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ބައެއް ގައުމުތަކުން އެހީވަމުންދާއިރު، މިމަހު ކުރީކޮޅު ވެސް އޭޑީބީއިން ވަނީ އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ދޫކޮށްފައެވެ.
މީގެ އިތުރުން ވަރލްޑް ބޭންކުން ވެސް ރާއްޖެ އަށް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައެވެ.
ކޮވިޑް-19 އާ ގުޅިގެން އޭޑީބީން ވަނީ އެ ބޭންކުގެ މެންބަރު ޤައުމުތަކައް އެހީވުމަށް 6.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމަށް ނިންމާފައެވެ.






