ކޮވިޑް-19: ކޮންމެ ހާލަތެއްގައި ވެސް އެކްޝަން ނެގޭވަރަށް ފުލުހުން އޮތީ ތައްޔާރަށް!
27 މާރިޗު 2020 | ހުކުރު 07:36މިހާރު ވެސް 04 ޓީމް ސްޓޭންޑްބައިގަ އެބަތިބި


ކޮވިޑް-19އާ ގުޅިގެން ބޭއްވި ޑްރިލްއެއްގެ ތެރެއިން
ކޮވިޑް-19 ކޮންޓްރޯލްކޮށް ރައްޔިތުންނަށް ރައްކާތެރިވެއްޓެއް ގާއިމްކޮށްދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށާއި، ކޮންމެ ހާލަތެއްގައި ވެސް އެކްޝަން ނެގޭ ވަރަށް މޯލްޑިވްސް ޕޮލިސް ސަރވިސް އޮތީ ތައްޔާރަށް ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ޚާއްސަ ކަވަރޭޖްގައި ސަބްއިންސްޕެކްޓަރ ޕޮލިސް މުހައްމަދު ރިފްއަތު ނަސީމް ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި ފުލުހުންގެ މުއައްސަސާ އޮތީ ތައްޔާރަށް ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހާލަތަށް ރިޔާއަތްކޮށް ރިފްއަތު ވިދާޅުވީ މިހާރުގެ ފުލުހުންގެ ތެރޭގައި ކޮވިޑް-19ގެ މަސައްކަތްތައް ކުރުމަށް ޚާއްސަ ޓީމްގައި ސްޓޭންޑް ބައިގަ 04 ޓީމް ތިބޭނެ ކަމަށެވެ. ހާލަތަށް ރިޔާއަތް ފުލުހުންގެ ޓީމުން އެކްޝަން ނަގާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.
މީގެ އިތުރުން ރިފްއަތު ވިދާޅުވީ އެޗްޕީއޭގެ ޓީމާއެކު، ކޮވިޑް-19ގެ އަށް ޝައްކުކުރެވޭ މީހުންގެ ސާންޕަލްތައް ނެގުމުގެ ރާއްޖޭގެ އެކި ދިމަދިމާލަށް ދަތުރުކުރަޖެހޭ ކަމަށާއި، ކޮންމެ ދުވަހަކު ވެސް ގާތްގަނޑަކަށް 4 ނުވަތަ 2 ކޭސް ރިޕޯޓުކުރާ ކަމަށެވެ.
ރިފްއަތު ވިދާޅުވީ މިހާތަނަށް ސާންޕަލް ނެގުމަށް ދެކޮޅު އެއްވެސް މީހަކު ދެކޮޅު ހެދިކަމުގެ ރިޕޯޓު ލިބިފައިވާ ނުވާ ކަމަށެވެ. ދެކޮޅު ހެދި ނަމަވެސް އުސޫލުގެ ތެރެއިން ފުލުހުން މަސައްކަތް ކުރާނެ ކަމަށް ރިފްއަތު ވިދާޅުވިއެވެ.
ފުލުހުންގެ ޓީމަކީ ކަމާ ވެގެން މަސައްކަތް ކުރާ ޓީމެއްކަން ފާހަގަކުރައްވައި ރިފްއަތު ވިދާޅުވީ ގައުމާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.






