ކޮވިޑް-19: އަނަންތަރަ ދިގު ރިސޯޓުން އަނެއްކާ ވެސް ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ
15 މާރިޗު 2020 | އާދީއްތަ 05:39ކޮވިޑް-19 އަށް 11 މީހަކު މިވަނީ ޕޮޒިޓިވްވެފައި


އަނަންތަރަ ދިގު ރިސޯޓު
އަނަންތަރަ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެއްޖެވެ.
ހެލްތު ޕްރޮކްޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަނަންތަރަ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިފަރާތަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެކެވެ.
އަލަށް މިފެނުނު ކޭސްއާއެކު ރާއްޖެއިން މިހާރު ކޮވިޑް-19 އަށް 11 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި މި ހާލަތު އިއުލާންކުރުމަށް ފަހު، ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި، އާންމުން އެއްވެ އުޅޭ ޕާކް ފަދަ ތަންތަން، ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފުތާއަށް ބަންދުކުރަން ވަނީ ނިންމާފައެވެ.
އޭގެ އިތުރުން ގެސްޓްހައުސްތަކަށް އަންނަ ގެސްޓުން ޗެކްއިން ވުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ. އަދި ރިސޯޓްތަކާއި ސަފާރީތަކުން އެކްސްކަރޝަންއަށް ރަށްރަށަށް ދިއުން މަނާކޮށްފައެވެ.








