ކޮރޯނާވައިރަސް ރާއްޖެއަށް އައުން ވަރަށް ގާތް، އަޅަންޖެހޭ ފިޔަވަޅުތައް މި އަންނަނީ އަޅަމުން: ރައީސް ސޯލިހު
5 މާރިޗު 2020 | ބުރާސްފަތި 18:2880 އަށްވުރެ ގިނަ ގައުމުތަކުން މިވަރައިސް ވަނީ ފެނިފައި


ކޮރޯނާވައިރަސްއިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބާއްދަލުވުމެއްގެ ތެރެއިން
މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާވައިރަސް ރާއްޖެއަށް އައުން ވަރަށް ގާތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އެމްޑީޕީން ދަރުބާރުގޭގައި ބުރާސްފަތި ދުވަހު ބޭއްވި ރ. އަތޮޅުގެ ކެމްޕޭން ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމާއި ރައްޔިތުންނަށްޓަކައި, ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މިހާރު އެހެން ކަމަމާ މެދުވެސް ވިސްނަން ޖެހޭ ކަމާށެވެ.
ރައީސް ސޯލިހު ވިދާޅުވީ މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮރޯނާވައިރަސް އޮތީ ރާއްޖެއާ ހަމައަށް އައުން ގާތުގައި ކަމަށާއި، 80 އަށްވުރެ ގިނަ ގައުމުތަކުން މިވަރައިސް ފެނިފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ނައިސް ނުދާނެއެކޭ ބުނެވެން ނެތް ކަމަށެވެ. އަދި އެ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކޮރޯނާވައިރަސް ހަލުހިމިނެއްގައި ފެތުރެމުންދާއިރު މިހާތަނަށް މިވަރައިސްއިން ރައްކާތެރިވުމަށް ރާއްޖެއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރައްވާ ފަރާތްތަކުން ކޮންމެހެންކުރަންޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް ލަސްކުރުން ނުވަތަ ނުކުރުމަކީ މިވަގުތު އެންމެ ރައްކާތެރިގޮތް ކަމަށާއި، ދަތުރުތައްނުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.








