ވަކިރަށެއްގެ މީހަކަށް ވީތީ ވަކިތަނަކުން ބޯހިޔާވަހިކަން ލިބޭނެ ކަމަށް ބަޔާންކުރާ ޤާނޫނެއް ނެތް: ރައީސް ނަޝީދު
ރައީސް ނަޝީދު ވިދާޅުވީ މިމައުލޫގައި ދެކެވޭ ވާހަކަތައް އަބަދުވެސް ހުންނާނީ ވަރަށް ނާޒުކުކޮށްކަމަށް


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ވަކި ރަށެއްގެ ރައްޔިތަކަށްވީތީވެ, ވަކިތަނަކުން ގޯތި ނުވަތަ ބޯހިޔާވަހިކަން ލިބޭގޮތަށް އޮންނަކަމަށް ބަޔާންކުރާ އެއްވެސް ޤާނޫނެއްވެސް އަދި ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއްވެސް ނޯންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ މާލޭގައި ބޯހިޔާވަހިކަމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާ ހުށަހަޅާފައިވާ ޤަރާރުގައި ރިޔާސަތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިމައުޟޫގައި ދެކެވޭ ވާހަކަތައް އަބަދުވެސް ހުންނާނީ ވަރަށް ނާޒުކުކޮށްކަމަށެވެ. ނަޝީދު ވިދާޅުވީ ބޯހިޔާވަހިކަން ލިބެންޖެހޭނީ ޝަރުތުހަމަވާ މީހުންނަށް ކަމަށާއި، އެޝަރުތުތަކަކީ އެމީހެއްގެ ހުރި ހާލަތު ޚާއްސަގޮތެއްގައި އެމީހެއް ބިންވެރިވެފައިވާ މިންވަރު ނުވަތަ ބޯހިޔާވަހިކަން ލިބިފައިވާ މިންވަރު ކަމަށެވެ.
މިސާލެއްގެ ގޮތުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންގެ ވަރަށް ބޮޑު އިންސައްތައެއް މިއަދު ދިއްދޫގައި ގޯތި ދިނުމަށް ހުޅުވާލިއަސް، ތޮއްޑޫގައި ގޯތިދޭން ހުޅުވާލިއަސް އަދި ކުޅުދުއްފުށީގައި ގޯތިދޭން ހުޅުވާލިއަސް ހައްޤުވާނެ ކަމަށެވެ. ނަމަވެސް ހިތާމައަކީ އެރަށްރަށުގެ ކައުންސިލްތަކަކުން އެ ފުރުސަތު ނުދެއްވުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. މާލޭގެ 7000 ފްލެޓަށް ހުޅުވާލެވުނުއިރު ހުޅުވާލެވުނީ ހުރިހާ ފަރާތަކަށް ފުރުސަތު ދެވިގެން ކަމަށް ނަޝީދު ވިދާޅުވިއެވެ.
މެމްބަރުން މި ޤަރާރަށް ކުރައްވަމުން ގެންދެވި ބަހުސްތަކަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ވަނީ މިޤަރާރަށް ބަހުސްކުރަމުންދާއިރު ވިސްނަންވީ އެއް ކަމަކީ އެދާއިރާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރެއްގެ ރަށެއްގައި އަޅާ ފްލެޓަށް މާލޭގައި ދިރިއުޅޭ ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ޝަރުތުހަމަވާނެ ކަމަށް ދެކެވަޑައިގަންނަވަންތޯ ކަމަށެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ އެއް ރަށާއި އަނެއް ރަށާއި އަޅުވައި ކުޑާމީސްކޮށް ނުވަތަ ޒުވާބު އުފެދޭގޮތަށް ވާހަކަ ދެއްކުމަކީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މުޅި ރާއްޖެއަށް ގެއްލުން ބޮޑުވާނެކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ވަސީލަތްތައް މަދުމިންވަރަކަށް ހަމަނުޖެހުން އުފެދުން ގާތްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މާލޭގައި ބޯހިޔާވަހިކަމުގެ ދަތިކަން އުފެދި މާލޭގައި ދިރިއުޅޭ ދިރިއުޅެން އެދޭ އެންމެންނަށްވެސް ދަތިވަމުންދިޔަ މިންވަރަކަށް މި ހަމަނުޖެހުން ފުންވަމުންދާނެ ކަަމަށް ނަޝީދު ވިދާޅުވި އެވެ.
މިފަހަކަށް އައިސް މާލޭގައި އަޅާ ފްލެޓްތައް ރަށްރަށުގެ ރައްޔިތުންނަށް ދޭތީ އެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި އެކަމާއި ގުޅިގެން އެވާހަކަތައް ދައްކާ ފަރާތްތަކަށް އަމާޒުވާ ފާޑުކިޔުންތައްވެސް ވަނީ އިތުރުވެގެން ގޮސްފަ އެވެ.





