ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ޝިފާނާ!
20 ޖެނުއަރީ 2020 | ހޯމަ 07:21ޝިފާނާ މީގެ ކުރިން ވެސް އެމިނިސްޓްރީގައި މަސައްކަތް ކުރެއްވި


މިނިސްޓަރު ޝާހިދުގެ އަރިހުގައި، ޕީއެސްގެ މަގާމަށް އައްޔަން ކުރެއްވި ޝިފާނާ
ފޮރިން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކުރައްވައިފިއެވެ.
ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޤާމަށް ޢައްޔަނުކުރެއްވީ ޖެންޑަރ މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީ މަޤާމުގައި ކުރިން ހުންނެވި އައިމިނަތު ޝިފާނާއެވެ.
ޝިފާނާއަށް މަރުޙަބާ ދަންނަވާ މިނިސްޓަރު ޝާހިދު ވިދާޅުވީ މީގެ ކުރިން ޝިފާނާ މިނިސްޓްރީގައި ގާތްގަނޑަކަށް 11 އަހަރު ޚިދުމަތް ކުރައްވާފައިވާ ކަމަށެވެ. އެންމެ އާދައިގެ ޓްރެއިނީއެއްގެ ވަޒީފައިން ފެށި ނަމަވެސް މިނިސްޓްރީގެ ޑެޕިއުޓީގެ ޑިރެކްޓަރާ ހަމައަށް ވަޒީފާ ޢަދާކުރައްވާފައިވާ ކަމަށާއި، 11 އަހަރު ޚިދުމަތް ކުރައްވާފައިވާއިރު، މިނިސްޓްރީ ހިނގާ ގޮތް މިނިސްޓްރީގެ ޘޤާފަތާއި، އާދަކާދައާއި، ވައްޓަފާޅި ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ މިނިސްޓްރީގެ ކުރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އައިމިނަތު ޢަބްދުﷲ ދީދީގެ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާ ކުރައްވާފައެވެ.
ފޮރިން މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޢައްޔަނުކުރެއްވި ޝިފާނާއަކީ މެނޭޖްމެންޓުގެ ދާއިރާއިން ބެޗެލަރސް ޑިގްރީ އަދި މާސްޓަރސް ޑިގްރީ ޙާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ސަރުކާރުގެ އެކިއެކި އިދާރާތަކާއި ހިންގުމުގެ އިސްފަންތީގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަޤާމުވެސް ގާތްގަނޑަކަށް ދެއަހަރު އަދާކޮށްފައިވާއިރު، އޮޑިޓަރ ޖެނަރަލް އޮފީހުގެ ވެސް އިސް މަޤާމުތަކެއް ފުރުއްވިއެވެ.
ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތުގެ ތެރޭގައި މިނިސްޓަރުގެ ލަފައާ އިރުޝާދުގެ ދަށުން މިނިސްޓްރީގެ ކަންތައްތައް ހިންގާ ބަލަހައްޓަންޖެހެއެވެ. މިނިސްޓްރީގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައްޔިތުން މަޖިލީހަށް ޖަވާބުދާރީވާންޖެހޭ ކަންތައްތަކުގައި މިނިސްޓަރަށް އެހީތެރިވެދިނުމާއި، ވަޒީފާ އަދާކުރާ ދައިރާގެ އެންމެހާ ސިވިލް ސަރވިސް މުއައްޒަފުންގެ ކަންތައް އިސްވެ ބެލެހެއްޓުމަކީ ވެސް ޕަރމަނަންޓް ސެކްރެޓަރީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.







