ކައުންސިލްތަކަށް ސޮވެރިން ގެރެންޓީ ދީގެން ޕްރޮޖެކްޓްތައް ހިންގާނެ އުސޫލެއް ކަނޑައަޅަނީ
ކައުންސިލްތަކަށް ސޮވެރިން ގެރެންޓީ ދީގެން ހިންގޭނެ ޕްރޮޖެކްޓްތަކުގެ އުސޫލެއް ކަނޑައަޅާ ވަރަށް އަވަހަށް ގެޒެޓް ކުރާނެ


އިރުވައި ކޮންފެރެންސްގައި ފިނޭންސް މިނިސްޓަރ ވާހަކަ ދައްކަވަނީ
ސަރުކާރުގެ އެކި ކުންފުނިތަކަށް ސޮވެރިން ގެރެންޓީ ދީގެން މަޝްރޫޢުތަކުގެ މަސައްކަތް ކުރާގޮތަށް ކައުންސިލްތަކަށްވެސް ސޮވެރިން ގެރެންޓީ ދީގެން މަސައްކަތް ކުރަން ޤަސްތުކުރައްވާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ހދ. ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ކޮންފެރެންސްގައި ކޮންފެރެންސްގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކަށް ސޮވެރިން ގެރެންޓީ ދީގެން ހިންގޭނެ މަޝްރޫޢުތަކުގެ އުޞޫލެއް ކަނޑައަޅާ ވަރަށް އަވަހަށް ގެޒެޓް ކުރާނެ ކަމަށެވެ. ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހާއެކު މިހާރު ކޮންމެ ކައުންސިލަކުންވެސް މުޅި އަހަރުތެރޭގައި ހިންގާނެ ކަންކަމުގެ މައްޗަށް ބިނާކޮށް ބަޖެޓު އެކުލަވާލާ އެ ބަޖެޓު ފާސްކުރުމަށްފަހު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ކައުންސިލްތަކުން ބަޖެޓު ހަދާއިރު ޢަމާޒަކަށް ވެގެންދާންވާނީ ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ފުދުންތެރި މިންގަނޑެއްގައި ކައުންސިލަށް ލިބޭ ޢާމްދަނީ އާއި ޚަރަދުތައް ހަމަޖެއްސުމަށް ކަމަށެވެ.
ކައުންސިލްތައް ބަޖެޓު ހަދާއިރު ކޮންމެ އަހަރަކުވެސް ކައުންސިލްތަކުން ހަދަންޖެހޭނީ 3 އަހަރު ދުވަހުގެ މެދު ރާސްތާ ބަޖެޓެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ކައުންސިލްތަކުގެ ޖުމުލަ ބަޖެޓުގައި ދައުލަތުން ދޭ ހިލޭ އެހީ ކައުންސިލްތަކަށް ލިބޭ އިތުރު ޢާމްދަނީ ޓްރަސްޓް ފަންޑުތަކުގެ ޢާމްދަނީ އަދި މިބަ އިތަކުން ކުރާ ޚަރަދު ވަކިވަކިން ބަލަހައްޓަން ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ޕީއެސްއައިޕީގެ 5 މިލިއަން ދަށުގެ މަޝްރޫޢުތައް އެއީ ރަށު ކައުންސިލްތަކަށް ދޭ މަޝްރޫޢުތައް ކަމަށެވެ. އަދި 15 މިލިއަން ދަށުގެ މަޝްރޫޢުތައް ދިނުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިއަންނަ އާ ބަދަލާއެކު ކައުންސިލްތަކަށް ޒިންމާތަކާއި މަސްއޫލިއްޔަތު ބޮޑުވެގެންދާނެ ކަމަށާއި، އެއާއެކު އެކަންކަމަށް ކައުންސިލު ޒިންމާދާރުވެސް ކުރުވާނެ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ކައުންސިލްތަކުގެ ބަޖެޓުގައިވާ ކަންކަން ކަނޑައެޅިފައިވާ ތާރީޚު ތަކަށް ފުރިހަމަ ކުރަންވާނެ ކަމަށެވެ. އަދި މިކަންކަމަކީ މިހާރުވެސް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ ކަމެއްކަމަށާއި، އެހެންކަމުން ކައުންސިލްތަކުންވެސް މިކަންކަން ޤަވާއިދުން ކުރަންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

