Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލު އޮޑިޓް ރިޕޯރޓް

ޤައިދީންނަށް ހަރުކަށިކަން ނުދައްކައި ޖަލު އޮޑިޓްގައި ހުރި ކަންކަން ހައްލު ކުރައްވާ: މުހުތާޒް

ރިމާންޑް މީހުންނާއި އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ނުހިނގާކަމަށް ކަރެކްޝަންސް އިން ބުނޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖެނުއަރީ 2020 | އާދީއްތަ 13:10
ކޮމިޝަނަރު އޮފް ޕްރިޒަންސްއާއި ފުލުހުން ޤައިދީންތަކަކާއެކު

ކޮމިޝަނަރު އޮފް ޕްރިޒަންސްއާއި ފުލުހުން ޤައިދީންތަކަކާއެކު

ޤައިދީންނަށް ހަރުކަށިކަން ދެއްކުމުގެ ބަދަލުގައި ޖަލުތަކުގެ އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންކަން ހައްލުކުރުމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ގޮވާލައްވައިފިއެވެ.

އާދީއްތަ ދުވަހުގެ ވަގުތެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއެކު ކަރެކްޝަންސްގެ އޮފިސަރުން ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނާ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ ވައިރަލްވެފައެވެ. ނަމަވެސް ޖަލަށް ޒިޔާރަތް ކުރެއްވީ ރިމާންޑްގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް ކަމަށާއި، ރިމާންޑްގައި ތިބި މީހުންނާއި އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާކަމަށް ކަރެކްޝަންސް އިން ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ.

އޭގެ އިތުރުން، މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގި ރިމާންޑް މީހުންގެ ޝަކުވާއަކީ، ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުންދިޔުމާއި ބޭސް ފަރުވާގެ އިންތިޒާމުތައް އެމީހުން އެދޭ ގޮތަށް ކުރިޔަށް ނުގެންދިޔުން ކަމަށްވެސް ކަރެކްޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

އެކަމާ ގުޅޭގޮތުން މުހުތާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައިދީންނަކީ "ލަފާ" ބައެއް ނޫން ކަމަށާއި، އެ ފަރާތްތައް ޖަލުގައި ބަންދު ކުރެވިފައި ތިބީވެސް އެހެންވެގެން ކަމަށެވެ. އަދި ޖަލުތަކުގެ ފުރިހަމަ އޮޑިޓެއް ހައްދަވާފައިވާއިރު، ޖަލު އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންކަން ހައްލު ނުކުރެވި އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށް މުހުތާޒް ވިދާޅުވިއެވެ.

އެގޮތުން ޤައިދީންގެ ޝަކުވާއަކީ ބޭސް ފަރުވާގެ އިންތިޒާމުތައް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދިއުންކަމަށް ކަރެކްޝަންސްގެ ބަޔާނުގައިވެސް ބުނެފައިވާއިރު، ޤައިދީންނަށް އެކަށީގެންވާ ބޭސްފަރުވާގެ ނިޒާމެއް ޤާއިމުކޮށް، ޖަލު އޮޑިޓް ރިޕޯރޓް ހިއްސާ ކުރާތާ 1 މަސް ތެރޭގައި މިނިސްޓަރ އޮފް ހޯމް އެފެއާޒްއަށް އަންގަން ޖެހޭނެކަމަށް ޖަލު އޮޑިޓް ރިޕޯރޓްގައި ބަޔާންކޮށްފައިވާކަން މުހުތާޒް ވަނީ ފާހަގަކުރައްވާފައެވެ.

ޖަލުތަކުގައި ތިބޭ ޤައިދީން ސިއްހީ ޚިދުމަތް ލިބިގަތުމުގައި ދަތިތައް ހުރިކަމަށް ބުނެ އިހުތިޖާޖު ކުރަމުންދާއިރު، ޖަލުގައި ޤާއިމުވެފައި ހުންނަ މެޑިކަލް ސެންޓަރުން ލިބެންނެތް ފަރުވާއެއް ނަމަވެސް އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަކަށް ގެންގޮސްގެން ފޯރުކޮށްދެވޭނެ އިންތިޒާމް ޤާއިމު ކުރަން ޖެހޭނެކަމަށްވެސް ޖަލު އޮޑިޓް ރިޕޯރޓްގައި ފާހަގަ ކޮށްފައިވެއެވެ.

އޭގެ އިތުރުން، ސްޕެޝަލިޝްޓަކު ދޭ ޓެސްޓެއް ހެދުމަށްފަހު ޑޮކްޓަރަކަށް ނުދެއްކި ލަސްވާނަމަވެސް ޖަލުގައި ހުންނަ މެޑިކަލް އޮފިސަރު އެ ރިޕޯރޓްތައް ބަލައި ޤައިދީންނަށް ކިޔާދެވޭނެ އިންތިޒާމެއް ޤާއިމު ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ޑޮކްޓަރަށް ނުދެއްކި ގިނަ ދުވަސް ވާކަމަށް ބުނެ ޤައިދީން އިހުތިޖާޖު ކޮށްފައިވެއެވެ.

އޭގެ އިތުރުން، ޕޮލިސް ސަރވިސްގެ ދެ އޮފިސަރުން ޖަލަށް ޒިޔާރަތް ކުރައްވާފައިވަނީ ރިމާންޑްގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން މީހުން އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށް ކަރެކްޝަންސް އިން ބުނެފައިވާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން މުހުތާޒް ވިދާޅުވީ، ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ޤައިދީންގެ މެދުގައި ޖެހޭ އެފަދަ މައްސަލަތައް ޖަލުގެ ޑިސިޕްލިނަރީ ބޯޑަށް ހުށައަޅައިގެން ބަލައި ފިޔަވަޅުއަޅަން ޖެހޭނެކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި، އެފަދަ ހާލަތެއް ނަމަ ފުލުހުން ވަދެ ތަޙުޤީޤު ހިންގަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ފުލުސް އޮފިސަރުން މާފުށީ ޖަލަށް ދިޔައީ ކަރެކްޝަންސް އިން ގުޅައި، ކަރެކްޝަންސްގެ ބައްދަލުވުމެއްގައި ބައިވެރި ވުމަށް އެދުމުން ކަމަށާއި، މި ބައްދަލު ކުރެއްވުމުގައި ފުލުހުންގެ ތަޙުޤީޤު ހިންގުން އަވަސް ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އެދިވަޑައިގެންފައިވާ ކަމަށެވެ.

އަދި ގޮޅިތައް ބަލައި ފާސްކުރާ ގޮތް ފުލުހުން ބެލި ކަމަށާއި، ނަމަވެސް ގޮޅިތައް ބަލައި ފާސް ކުރުމުގައި "އޮޕަރޭޝަނަލީ" ބައިވެރިވެފައި ނުވާނެކަަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރާއްޖޭގެ މިހާރު ޕޮލިސީ ލެވެލްގައި ތިއްބެވި ގިނަ ފަރާތްތަކަކީ ޖަލުތަކުގެ ހާލަތު ވަރަށް ގާތުން ފެނިފައިވާ ފަރާތްތަކެއްކަން ފާހަގަކުރައްވައި މުހުތާޒް އިތުރަށް ވިދާޅުވީ، ޖަލުތަކުގެ ހާލަތު ގާތުން ފެނިފައިތިބި ފަރާތްތައް ތިބެ އެކަން ހައްލު ނުވެ ގިނަ ދުވަސްތަކެއް ވޭތުވެގެން ދިއުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.

ރާއްޖޭގެ ޖަލުތައް ފުރި، ޖަލުތަކަށް އެކަށީގެންވާ ވަރަށް ވުރެ ގިނައިން ޤައިދީން ބޭތިއްބުމުގެ މައްސަލަތައް ފެންމަތިވެފައިވާއިރު، ޖަލުތަކުގެ ހާލަތު ބެލުމަށް ފަހު ޖަލު އޮޑިޓް ރިޕޯޓެއް ނެރެފައިވެއެވެ. އެގޮތުން ޖަލުތަކުގައި މީހުން ބޭތިއްބުމަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް މީހުން ބަންދުގައި ބޭތިއްބުމާއި، އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް އެކަށީގެންވާ ވަރަށް ނެތުން ޖަލުން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ

ޖަލުތަކުގައި ޤައިދީންނަށް ބޮޑެތި މައްސަލަތައް ހުރިކަމާއި، އެގޮތުން ޖަލުތަކުން މީހުން މިނިވަންވެގެން ދިއުމާއި ޖަލުތަކަށް ދެވޭ ޚިދުމަތުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ. އެގޮތުން ޕެރޯލް އަދި ކްލެމެންސީ ދިނުމުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ގިނަ ބަޔަކު ތުހުމަތުކުރާއިރު، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި ޤައިދީން އަނބުރާ މުޖުތަމައަށް ނެރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި

12 މާރިޗު 2017
މާފުށީ ޖަލުގައި ހަމަނުޖެހުން، ގައިދީން ބަނޑުހައި ހޫނުކަމުގައި
10 މާރިޗު 2017

ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން

10 މާރިޗު 2017
ޖަލުން ފިލުމަށް އަދީބު މަސައްކަތްތެއް ނުކުރޭ، އެއީ ދޮގު ވާހަކައެއް: ވަކީލުން
01 މާރިޗު 2017

ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި

01 މާރިޗު 2017
ޖަލުގައި ބަންދުކުރިތާ 14 މަސް ފަހުން ޝުމްބާ ގޭބަންދަށް ބަދަލުކޮށްފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
12 ފެބުރުއަރީ 2017

ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި

12 ފެބުރުއަރީ 2017
ޕެންޝަން ނުދައްކައިގެން ހަތަރު ލައްކަ ރުފިޔާއިން ކުންފުންޏެއް ޖޫރިމަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު