އީ ސިނގިރޭޓް މަނާ ކުރުމަށް ހަދަންޖެހޭ ދިރާސާތައް ހަދަނީ
29 އޮކްޓޯބަރު 2019 | އަންގާރަ 10:59ދިރާސާ ކުރަނީ އީސިނގިރޭޓު ރެގިއުލޭޓު ކުރަން ނުވަތަ އެއްކޮށް ބޭން ކުރުމާ މެދު


ހެލްތް މިނިސްޓްރީ
ރާއްޖޭގައި އީ ސިނގިރޭޓު ބޭނުންކުރުން މަނާކުރުމަށް ހަދަންޖެހޭ ދިރާސާތަކެއް ހަދަންމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
"ނެޝަނަލް ކޮންފަރެންސް އޮން ރީވަޓަލައިޒިންގ ޕަބްލިކް ހެލްތު: ވޯކިންގ ޓުގެދަރ ފޯރ އަ ހެލްދިއަރ ނޭޝަން"ގެ ނަމުގައި ބާއްވާ މަހާސިންތާއާ ބެހޭގޮތުން މައުލޫމާތުދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ ދުންފަތު އިސްތިއުމާލު ކުރާ މީހުން ދުންފަތުން ދުރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.
އެގޮތުން އީ ސިނގިރޭޓު ރެގިއުލޭޓު ކުރަން ނުވަތަ އެއްކޮށް ބޭން ކުރުމާ މެދު ވިސްނާ ދިރާސާތަކެއް ހަދަމުންދާ ކަމަށާއި، ދިރާސާއަށްފަހު މަހެއްހާ ދުވަހުގެ ތެރޭގައި ނަތީޖާ ފެންނާނެ ކަމަށެވެ.
އީ ސިނގިރޭޓުން ސިއްހަތަށް ކުރާ ގެއްލުމުގެ ސަބަބުން ގިނަ އަދަދެއްގެ ޒުވާނުން މަރުވަމުންދާ ކަމަށް ސިއްހީ މާހިރުން ދަނީ ބުނަމުންނެވެ. އަދި ބައެއް ގައުމުތަކުގައި މިހާރު އީ ސިނގިރޭޓު ބޭނުން ކުރުން ވަނީ މަނާކޮށްފައެވެ.









