އިމާރާތް ކުރަން ލިބުނު ފަންޑުގެ ފައިސާ ނުލިބުމަކީ ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން: އައިޔޫއެމް
1 ޖުލައި 2019 | ހޯމަ 09:33ތައުލީމީ ފެންވަރު ރަނގަޅުކުރުމަށް ގާނޫނުން ކުރަންޖެހޭ ކަންކަން ކުރަންޖެހޭ

ކޮމެޓީއަށް ވަޑައިގެންނެވި އައިޔޫއެމްގެ ބޭފުޅުންތައް
ބިމުގެ ދަތިކަން ހައްލުކުރުމަށް ބިން ލިބުނު ކަމަށާއި، އިމާރާތް ކުރަން ލިބުނު ފަންޑުގެ ފައިސާ އަދިވެސް ނުލިބިވާކަމީ މިއަދު ޔުނިވަރސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮން ޖެހުން ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ބުނެފިއެވެ.
ޔުނިވަރސިޓީން މިހެން ބުނެފައިވަނީ ޔުނިވަރސިޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާ ކުރަމުން އަންނަ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ.
ކޮމެޓީގައި ވާހަކަ ދައްކަވަމުން އައިޔޫމްގެ ލެކްޗަރ މުހައްމަދު ޒާހިރު ވިދާޅުވީ ގާނޫނެއް ހަދާ، ގާނޫނެއް އިސްލާހު ކުރުމަށް މަސައްކަތް ކުރާއިރު، ޔުނިވަރސިޓީގެ ހިންގުން ހަރުދަނާ ކުރުމާއި، ތައުލީމީ ފެންވަރު ރަނގަޅު ކުރުމަށް ގާނޫނުން ކުރަންޖެހޭ ކަންކަން ކުރަންޖެހޭ ކަމަށެވެ.
މިއަދު ތައުލީމީ ނިޒާމުގައި ކަޅު ބާޒާރަކާ ސިޔާސީ ބާޒާރެއް ހެދިފައިވާ ކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ ގާނޫނަށް އިސްލާހުތައް ހުށަހަޅާއިރު، ސިޔާސީ ބާޒާރު ދުއްވާލާ ދުނިޔޭގެ އެހެންގައުމުތަކުގައި ބަލައިގަންނަ ތައުލީމީ މުއައްސަސާއަކަށް ޔުނިވަރސިޓީ ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ ގޮތަކަށް ގާނޫނު އިސްލާހުވާންޖެހޭ ކަމަށެވެ.
ޒާހިރު ވިދާޅުވީ ޔުނިވަރސިޓީ ތަރައްގީ ކުރުމަށް އެކި ގޮންޖެހުންތައް ކުރިމަތިވާއިރު، މިއަދު ޔުނިވަރސިޓީއަށް ސިޔާސީ ގޮތުން ދަތިތައް ކުރިމަތިވެފައިވާއިރު، ބިމުގެ ޖާގައިގެ ގޮތުން ދަތިކަން ވެސް ކުރިމަތިވާ ކަމަށެވެ. އަދި ބިމެއް ހޯދާއިރު އެބިމުގައި އިމާރާތް ކުރުމަށް ބޭރުގެ ފަންޑު ހަމަޖެހުނު ނަމަވެސް ދިމާވި އެކި މައްސަލަތަކާ ހުރެ އެފަންޑު ޔުނިވަރސިޓީއަށް ލިބޭގޮތް ނުވިއެވެ. އަދި ވިދާޅުވީ ބޭނުންވާ ވާސިލަތްތައް ފަހިކަމާއެކު ލިބޭނެ ގޮތަށް ގާނޫނުތައް ބައްޓަން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އިސްލާމީ ޔުނިވަރސިޓީގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ކޮމެޓީއަށް ވަޑައިގެންނެވި އައިޔޫއެމްގެ ހުރިހާ ބޭފުޅުން ވެސް ތާއީދުކުރެއްވިއެވެ.
އައިޔޫއެމްގެ ވައިސް ޗާންސެލަރު އައިޝަތު ހަލީލާ އަބްދުލް ސައްތާރު ވިދާޅުވީ ޔުނިވަރސިޓީ ކައުންސިލުން ނިންމާ ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ އިސްދައުރެއް އަދާ ކުރާ ބޭފުޅުންނަކީ ޑެޕިއުޓީ ވައިސް ޗާންސެލަރުން ކަމަށާއި، ޑެޕިއުޓީ ވައިސް ޗާންސެލަރުން މަޖިލީހުގައި ހިމެނިއްޖެއްޔާ އެދާއިރާއަކާ ގުޅޭ ގޮތުން ނިންމުންތަކާއި ސިޔާސަތު ކަނޑައަޅުމަށް ކުރިއެރުންތައް ލިބޭނެ ކަމަށެވެ.
ރަޖިސްޓްރާ އަހުމަދު ރައުފް އަބްދުﷲ ވިދާޅުވީ އައިޔޫމްގައި ހިންގާ ކޯސްތައް އެހެން ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވާދިން ނަމަވެސް ވަރަށް ބޮޑު ތަފާތެއް ހުންނާނެ ކަމަށެވެ.
އެގޮތުން ޑިޕްލޮމަރ އިން ފެށިގެން ޕީއެޗްޑީ ޕްރޮގްރާމްއާ ހަމައަށް ކޮންމެ ދަރިވަރަކު ވެސް ކިޔަވަން މަޖުބޫރު މާއްދާތަކެއް ހުންނާނެ ކަމަށާއި، އެމާއްދާތައް ނުކިޔަވާ އެއްވެސް ދަރިވަރަކަށް ކުރިއަށް ނުދެވޭނެ ކަމަށެވެ. އެމާއްދާތަކާއި، އެމޮޑިއުލްތަކަކީ އެހެން ޔުނިވަރސީޓީތަކާއި ކޮލެޖްތަކުގައި ކިޔަވާ ނުދޭނެ މޮޑިއުލް ތަކެއް ކަމަށެވެ.
ބިލް ދިރާސާ ކުރުމަށް ފަހު ކޮމެޓީގެ ރިޕޯޓު މިމަހުގެ 9 ވަނަ ދުވަހު މަޖިލީހުގެ ތަޅުމަށް ފޮނުވަން ޖެހެއެވެ. އެހެންކަމުން އައިޔޫއެމްއިން ބިލަށް އެއްވެސް އިސްލާހެއް ހުށަހަޅަން ބޭނުންނަމަ ވީ އެންމެ އަވަހަށް ހުށަހެޅުމަށް ކޮމެޓީން ވަނީ އެދިފައެވެ. މީގެ އިތުރުން ޔުނިވަރސިޓީގެ އިސްލާހަށް އާންމުންގެ ހިޔާލު ހޯދުމަށް ވެސް ހުޅުވާލިއެވެ. އެފުރުސަތު އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.








