ކުރީގެ ރައީސް ޔާމީނަށް ހައްގު އަދަބު ނުދެވޭހާ ހިނދަކު އަދުލްއިންސާފު ގާއިމެއް ނުކުރެވޭނެ: މެމްބަރު ޝަހީމް
18 ޖޫން 2019 | އަންގާރަ 10:53ތަހުގީގު ކުރަންޖެހޭ ކޮންމެ މައްސަލައަކީ ޔާމިންއާ ގުޅުން ހުރި މައްސަލަ


ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލް ޝަހީމް އަބްދުލް ހަކީމް
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ މިގައުމަށް ހިޔާނަތްތެރިވެފައި ހުރި ހާއިނެއް ކަމަށާއި، އެމަނިކުފާނަށް ހައްގު އަދަބު ނުދެވޭހާ ހިނދަކު އަދުލްއިންސާފު ވެސް ގާއިމް ނުކުރެވޭނެ ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުލް ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހު ބޭއްވި ރައްޔިތުން މަޖިލިސް ޖަލްސާގައި މެމްބަރު ޝަހީމް ވިދާޅުވީ ތަހުގީގުކުރަން ޖެހޭ ކޮންމެ މައްސަލައަކީ ޔާމިންއާ ގުޅުހުންހުރި މައްސަލަތައް ކަމަށާއި، ޔާމީން ޝަރީއަތުގެ މަޖިލީހަށް ގެނެސް ހައްގު އަދަބު ނުދެވޭހާ ހިނދަކު ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.
ނައިބު ރައީސުންނަކީ ރައީސް އަންގަވާ ގޮތަށް މަސައްކަތްތައް ކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި މެމްބަރު ޝަހީމް ވިދާޅުވީ ނައިބު ރައީސްއަކާ ހިސާބުން ހިޔާނާތުގެ އެންމެހާ ކަންކަން ނިންމާލެވެން ނެތް ކަމަށެވެ. މިރާއްޖެ މި ހިސާބަށް ދިއުމުގެ އެންމެ ބޮޑު އެއް މޭސްތިރިއަކީ ޔާމީނާއި އެމަނިކުފާނުގެ އަނބިކަބަލުން ފާތުމަތު އިބްރާހިމް ކަމަށެވެ.
މިއަދާ ހަމައަށް ރާއްޖެއަށް އަލަށް ޗާޕުކުރެވުނު 1000ރ. ގެ ނޫޓްތައް ވީތަނެއް ނޭނގޭ ކަމަށާއި، އެއިން ނޫޓެއް މީހަކަށް ލިބުމީ މާވަހަރެއް ލިބުން ފަދަ ކަމެއް ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.
ރާއްޖެ އިސްލާހުގެ މަގަށް ގެނުމަށް ގިނަ މަސައްކަތްތައް ކުރާކަން ފާހަގަކުރައްވައި މެމްބަރު ޝަހީމް ވިދާޅުވީ ޔާމީން އަކީ މިގައުމަށް ހިޔާނަތްތެރިވެފައި ހުރި ހާއިނެއް ކަމަށާއި، އެމަނިކުފާނަށް ހައްގު އަދަބު ލިބެންޖެހޭ ކަމަށެވެ. އަދި ޔާމީންގެ އަރިހުގައި މަސައްކަތް ކުރި ބޭފުޅުން ވެސް މިހިޔާނާތުގައި ހިމެނޭ ކަމަށާއި، މި މީހުން އިންސާފު ކުރިމައްޗަށް ގެންނަންޖެހޭ ކަމަށެވެ.
މީގެ އިތުރުން މެމްބަރު ޝަހީމް ވިދާޅުވީ އެއްބައިވަންތަކަން ނަގާލައި އަދުލްގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ހިތުގަ ބިރުވެރިކަން އުފައްދާ އިތުބާރު ގެއްލުވާލުމުގައި ޔާމީނާއި އެމަނިކުފާނުގެ ޓީމް މެމްބަރުން ހިމެނޭ ކަމަށެވެ.
މެމްބަރު ޝަހީމް ވިދާޅުވީ މަޖިލީހުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް މިއަދަށް ވުރެ މާއުފާވެރި ދުވަހެއް ހޯދައިދިނުމަށް ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.









