ހިންނަވަރު ރައްޔިތުންނަށް އެރަށުގެ ކައުންސިލުން އީދު ހަދިޔާ ބަހައިފި
30 މެއި 2019 | ބުރާސްފަތި 18:07ކޮންމެ ގޭބިސީއަކަށް 5 ކިލޯގެ ބާސްމަތީ ހަނޑޫ ބަސްތާއަކާއި ދެ ކުކުޅު


އީދު ހަދިޔާ ބެހުމުގެ ތެރެއިން
ޅ. ހިންނަވަރު ރައްޔިތުންނަށް އެރަށުގެ ކައުންސިލުން އީދު ހަދިޔާ ބަހައިފިއެވެ.
އެރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ އިބްރާހިމް ރާއްޖެއެމްވީއަށް ވިދާޅުވީ ރޯދަމަހަށް ޚާއްސަކޮށް ރައްޔިތުންނަށް ހަދިޔާ ބެހުމަށް މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ދިމާވި ބައެއް މައްސަލަތަކާ ހުރެ އެކަން ނުވީ ކަމަށެވެ.
އެގޮތުން ފިތުރުއީދަށް ޚާއްސަކޮށް ރައްޔިތުންނަށް ހަދިޔާ ދިނުމަށް ނިންމީ ކަމަށް އަބްދުﷲ ވިދާޅުވިއެވެ. ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް ބަހަނީ 5 ކިލޯގެ ބާސްމަތީ ހަނޑުލާއި، 1200 ކިލޯގްރާމްގެ ދެ ކުކުޅެވެ.
އަބްދުﷲ ވިދާޅުވީ ކައުންސިލްގެ ބަޖެޓުން މިފަދަ ކަމެއް ކުރި މިއީ ފުރަތަމަ ފަހަރު ކަމަށާއި، ގާތްގަނޑަކަށް މި މަސައްކަތަށް އެއްލައްކަ ފަންސާސްހާސް ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ.
ހިންނަވަރުގެ ރައްޔިތުންނަށް އީދު ހަދިޔާ ބެހުމަށް ނިންމީ 5 ކައުންސިލަރުންގެ ބައްދަލުވުމެއްގައި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ހަދިޔާ ބަހަން ފެށީ ބުރާސްފަތި ދުވަހުއެވެ. އީދު ދުވަހުގެ ކުރިން ހުރިހާ ގެއަކަށް ހަދިޔާ ބަހާ ނިންމާލެވޭނެ ކަމަށް ކައުންސިލުން ބުންޏެވެ.
ރޯދަ މަހާ ދިމާކޮށް ވެސް ވަރަށް ގިނަ ކައުންސިލްތަކުން ވަނީ އެ ރަށްރަށުގެ ރައްޔިތުންނަށް ހަދިޔާ ދީފައެވެ. އެ ގޮތުން ބައެއް ރަށްރަށުގައި ކަރަންޓް ބިލް މައާފްކުރުމާއި ރޯދަ އަށް ބޭނުންވާ މަސްދަޅު ކަހަލަ ތަކެތި ވެސް ބަހާފައި ވެއެވެ.









