ކ. މާލެ
|
27 އޭޕްރިލް 2019 | ހޮނިހިރު 12:30
އިންޑިއާގެ އާންމު އިންތިޚާބުގައި ކުރިން ވޯޓުލި ފިޔަވައްސެއްގައި ވޯޓުލާން ގޮސް ތިބި ބައެއް
އިންޑިއާގެ އާންމު އިންތިޚާބުގައި ކުރިން ވޯޓުލި ފިޔަވައްސެއްގައި ވޯޓުލާން ގޮސް ތިބި ބައެއް
މުހައްމަދު ޝަރުހާން
އިންޑިއާގެ އާންމު އިންތިޚާބު
އިންޑިއާގެ އާންމު އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުށްވެރިން
 
ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރޭގައި މީހުންމެރުމުގެ ދައުވާ ރައްދުވާ ފަރާތްތައްވެސް ހިމެނޭ

އިންޑިއާގައި މިހާރު ކުރިއަށްދާ އާންމު އިންތިޚާބުގައި ވާދަކުރާ ގިނަ އަދަދެއްގެ ކެނޑިޑޭޓުންނާއި ދެކޮޅަށް ޖިނާއީ މައްސަލަތައް ކުރިއަށްދާކަން އިންޑީއާގެ ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފިއެވެ.

ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްދާ މި އިންތިޚާބަކީ ދުނިޔޭގައި ބާއްވާ މިފަދަ އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގެ ތިން ފިޔަވަހި މިހާރު ނިމިފައިވާއިރު، ހަތަރުވަނަ ފިޔަވަހީގެ ވޯޓުލުން ކުރިއަށްދާނީ މި އޭޕްރިލް މަހުގެ 29 ވާ ހޯމަ ދުވަހުއެވެ. އެ ދުވަހު ވޯޓުލުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެކި ސްޓޭޓްތައް ހިމެނޭގޮތަށް 71 ދާއިރާ އަކާއި، ޖަންމު އަދި ކަޝްމީރުގެ ބައެއް ސަރަޙައްދުތަކުގައެވެ.

މި އިންތިޚާބުގައި މިހާތަނަށް އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރާ ފިޔަވައްސަކީ ކުރިއަށް އޮތް ހަތަރުވަނަ ފިޔަވަހި ކަމަށްވާއިރު، ހޯމަ ދުވަހުގެ އިންތިޚާބުގައި ޖުމްލަ 943 ކެނޑިޑޭޓުން ވާދަކުރެއެވެ. އިންޑިއާގެ އިންތިޚާބުތަކާއި ބެހޭ އިދާރާ، އީސީއައިއިން މި އިންތިޚާބަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން، އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކުށުގެ ރިކޯޑް އާންމުކުރުން ލާޒިމުކޮށް، އެކަމަށް ކޯޓު އަމުރެއް ނެރުމާއި ގުޅިގެން، އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެނޑިޑޭޓުން ވެސް ވަނީ އެމީހުންގެ ކުށުގެ ރިކޯޑް ހާމަކޮށްފައެވެ.

އެގޮތުން މި އިންތިޚާބުގެ ފުރަތަމަ ފިޔަވަހީގައި ވާދަކުރި 17 އިންސައްތަ ކެނޑިޑޭޓުންގެ ޖިނާއީ ކުށުގެ ރިކޯޑް އޮތްއިރު، ދެވަނަ ފިޔަވަހީގައި ވާދަކުރި 16 އިންސައްތަ ކެނޑިޑޭޓުންގެ ޖިނާއީ ކުށުގެ ރިކޯޑް އޮތްކަން ވަނީ ހާމަވެފައެވެ. މި އިންސައްތަ ތިންވަނަ ފިޔަވަހީގައި 21 އިންސައްތައަށް އުފުލިގެންދިޔައިރު ކުރިއަށް އޮތް ހަތަރުވަނަ ފިޔަވައްސަކީ މި އިންތިޚާބުގައި އެންމެ ގިނަ ކުށްވެރިން ވާދަކުރާ ފިޔަވައްސެވެ. އެގޮތުން އެ ފިޔަވަހީގައި ވާދަކުރާ 943 ކެނޑިޑޭޓުންގެ ތެރެއިން 928 ކެނޑިޑޭޓެއްގެ ކުށުގެ ރިކޯޑް މިހާރު ހާމަކޮށްފައިވާއިރު، އޭގެ ތެރެއިން 23 އިންސައްތައަކީ ކުށްވެރިންކަން ވަނީ ހާމަވެފައެވެ. އެއީ 928 ކެނޑިޑޭޓުންގެ ތެރެއިން 210 ކެނޑިޑޭޓުންނެވެ. އަދި މީގެ ތެރެއިން 158 ކެނޑިޑޭޓުންނަކީ އެމީހުންނާއި ދެކޮޅަށް ޖިނާއީ ބޮޑެތި މައްސަލަތައް ކުރިއަށްދާ ފަރާތްތަކެވެ.

މީގެ ތެރެއިން 12 ކެނޑިޑޭޓަކާއި ދެކޮޅަށް ކުރިއަށްދާ މައްސަލަތައް އެމީހުންގެ މައްޗަށް މިހާރު ސާބިތު ވެފައިވާއިރު، 5 ކެނޑިޑޭޓަކާއި ދެކޮޅަށް މީހުން މެރުމުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި މީހުން މަރަން އުޅުމުގެ ދައުވާ 24 ކެނޑިޑޭޓަކާއި ދެކޮޅަށް އުފުލާފައިވާއިރު، މީހުން ވަގަށް ނެގުމުގެ ދައުވާ ރައްދުވާ ހަތަރު ކެނޑިޑޭޓަކު ވެސް ހިމެނެއެވެ.

މީގެ އިތުރުން 21 ކެނޑިޑޭޓަކަށް ގެވެށި އަނިޔާ އާއި އަންހެނުންގެ ޤަދަރު ގެއްލުވާލުމާއި، އަންހެނުން ހާނިއްކައަށް ހުށަހެޅުމުގެ ދައުވާ ރައްދުވާއިރު، 16 ކެނޑިޑޭޓެއްގެ މައްޗަށް ވަނީ ހޭޓް ސްޕީޗް، ނުވަތަ ނަފްރަތު އުފެދޭ ފަދަ ވާހަކަ ދެއްކުމުގެ ދައުވާ އުފުލާފައެވެ.

ހަތަރުވަނަ ފިޔަވަހީގައި ވާދަކުރާ ކުށުގެ ރިކޯޑް އޮތް ކެނޑިޑޭޓުންގެ ކެނޑިޑަސީގެ ހައިސިއްޔަތަށް ބަލާއިރު، ވެރިކަން ކުރާ ބަހާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ 57 ކެނޑިޑޭޓުންގެ ތެރެއިން 25 ކެނޑިޑޭޓުންނަކީ ކުށުގެ ރިކޯޑް އޮތް މީހުންނެވެ. އިދިކޮޅު ކޮންގްރެސް ޕާޓީގެ 57 ކެނޑިޑޭޓުންގެ ތެރެއިން 18 ކެނޑިޑޭޓުންނަކީ ކުށުގެ ރިކޯޑް އޮތް މީހުންނެވެ. އަދި އިންޑިއާގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީ ކަމުގައިވާ، އިދިކޮޅު ބަހޫޖަން ސަމާޖް ޕާޓީ (ބީއެސްޕީ) ގެ 54 ކެނޑިޑޭޓުންގެ ތެރެއިން 11 ކެނޑިޑޭޓުންގެ ކުށުގެ ރިކޯޑް އޮތްއިރު، މިހާރު އޮތް ބީޖޭޕީގެ ސަރުކާރަށް ތާއީދުކުރާ ޝިވްސޭނާގެ 21 ކެނޑިޑޭޓުންގެ ތެރެއިން 12 ކެނޑިޑޭޓުންނަކީ ކުށުގެ ރިކޯޑް އޮތް މީހުންނެވެ.

މީގެ އިތުރުން އިންތިޚާބުގެ ހަތަރުވަނަ ބުރުގައި އަމިއްލަގޮތުން ވާދަކުރާ 345 ކެނޑިޑޭޓުންގެ ތެރެއިން 60 ކެނޑިޑޭޓުންނަކީ ކުށުގެ ރިކޯޑް އޮތް މީހުންނެވެ.

ހޯމަ ދުވަހު އިންތިޚާބުގެ 4 ވަނަ ފިޔަވަހީގައި ވޯޓުލާ 71 ދާއިރާގެ ތެރެއިން 37 ދާއިރާއަކީ 'ރެޑް އެލަރޓް ދާއިރާ' ތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ދާއިރާތަކެވެ. އެ ދާއިރާތަކަކީ އެ ދާއިރާތަކުން ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން މަދުވެގެން ތިން ކެނޑިޑޭޓުންގެ ކުށުގެ ރިކޯޑް އޮތް ދާއިރާތަކެވެ.

މި އިންތިޚާބުގެ ފަސްވަނަ ފިޔަވަހި އަންނަ މޭމަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ހަވަނަ ފިޔަވަހި ބާއްވަން ތާވަލު ކޮށްފައިވަނީ އަންނަ މޭމަހުގެ 12 ވަނަ ދުވަހުއެވެ. އަދި އިންތިޚާބުގެ ފަހު ފިޔަވަހި ބާއްވާނީ މޭމަހުގެ 19 ވަނަ ދުވަހުއެވެ. އިންތިޚާބުގެ ވޯޓު ގުނައި، ނަތީޖާ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ މޭމަހުގެ 23 ވަނަ ދުވަހުއެވެ.

އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ނުވަތަ ލޯކް ސަބްހާގައި 545 މެންބަރުން ހިމެނޭއިރު، މީގެ ތެރެއިން 543 މެންބަރުންނަކީ އިންތިޚާބުކުރާ މެންބަރުންނެވެ. އަނެއް ދެ މެންބަރުންނަކީ އިންތިޚާބުގެ ނަތީޖާ ނުކުންނަ ގޮތުން ޤާނޫނުހަދާ މަޖިލީހުގައި އެންގްލޯ އިންޑިއަނުން ތަމްޞީލުކުރެވޭ މިންވަރު ދަށް ކަމަށް އިންޑިއާގެ ރައީސްއަށް ފެނިވަޑައިގެންފިނަމަ އެމަނިކުފާނު އައްޔަނު ކުރައްވާ ދެ މެންބަރުންނެވެ. އިންޑިއާގެ ސަރުކާރު އުފެއްދުމުގެ ފުރުޞަތު ލިބިގެންދަނީ މި އިންތިޚާބުގައި އެންމެ މަދުވެގެން 272 ގޮނޑި ކާމިޔާބުކުރާ ޕާޓީއަކަށް ނުވަތަ ކޯލިޝަނަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް