Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރާއްޖޭގެ ސިޔާސީ މަސްރަހު

އިދިކޮޅު ލީޑަރަކަށް ކާކު؟

ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ސިޔާސީ ގޮތުން ފެއިލްވެފައިވާ ބޭފުޅުން

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 20 އެޕްރީލު 2019 | ހޮނިހިރު 13:36
(ކ-ވ): ރީކޯ މޫސާ މަނިކް، އުމަރު ނަސީރު އަދި ޑރ. މުހައްމަދު ޖަމީލް އަހްމަދު

(ކ-ވ): ރީކޯ މޫސާ މަނިކް، އުމަރު ނަސީރު އަދި ޑރ. މުހައްމަދު ޖަމީލް އަހްމަދު

އިދިކޮޅު ޕާޓީއެއް ނެތި ޑިމޮކްރަސީއެއް ފުރިހަމައެއް ނުވާނެއެވެ. އިދިކޮޅު ލީޑަރެއް ނެތި ގައުމު ރަނގަޅު މަގަކުން ނުދާނެއެވެ. ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި އިދިކީލި ހިޔާލު ބޭނުންވެއެވެ. ކަންކަމަށް ފާޑުކިޔާނެ ހަރުދަނާ ބަޔަކު ތިބެންޖެހެއެވެ. އެހެން ނޫންނަމަ ކިތަންމެ ރަނގަޅަކަށް ހިނގާ ސަރުކާރެއްވެސް ހަމަމަގުން ނެއްޓުން އޮންނާނީ ވަރަށް ކައިރީގައެވެ. އިދިކޮޅުގައި ބަޔަކު ނެތި ކުރާ ވެރިކަންތަކާ މެދު ދުނިޔެ ދެކެނީވެސް ވަރަށް ނުބައި ނަޒަރަކުންނެވެ. އަދި އެއީ ހުދުމުހްތާރުކަމަށް ހުޅުވޭ ދޮރަކަށް ވެދެއެވެ.

ނިމިގެންދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބާ އެކު އިދިކޮޅު ޕާޓީތަކުގެ އަޑު މި ވަނީ ވަރަށް ބޮޑަށް ކެނޑިގެން ގޮސްފައެވެ. މުޅި މަޖިލީހުގައި ވެސް އިދިކޮޅަށް ލިބުނީ 10 ވަރަކަށް ގޮނޑިއެވެ. ނިސްބަތުން ބަލާ ނަމަ އެއީ 10 ވަރަކަށް ޕަސެންޓެވެ. އެ ނަތީޖާއާ އެކު އިދިކޮޅު ލީޑަރުންތައްވެސް ގެއްލިއްޖެއެވެ. މާ ގަދަ ބަސް ބުނެފައި އުޅުނު ފަރާތްތައް މިއަދު ތިބީ އެއް ބަޔަކު އަނެއް ބަޔަކަށް ފޫޅު ކެނޑުމުގައެވެ. ސަރުކާރު ޒިންމާދާރުކުރުވުމުގައި އަދާކުރަންޖެހޭ ފުރިހަމަ ދައުރު ފެނިގެނެއް ނުދެއެވެ. އަދި މިހާރު ސިޔާސީ ދާއިރާގައި ތިބި ސިޔާސީ ލީޑަރުންނަށް ރައްޔިތުން އިތުބާރު ނުކުރާކަން އިންތިހާބުގެ ނަތީޖާއިން އެ ވަނީ ސާބިތުވެފައެވެ. އެހެންކަމުން މިހާރު ދެން އެންމެ ބޮޑަށް ބަހުސްކުރެވޭ އެއް ކަމަކަށް ވެފައި އޮތީ އިދިކޮޅު ލީޑްކުރައްވާނީ ކޮން ބޭފުޅެއް ކަމާ މެދުގައެވެ. އެތައް ބަޔަކު ދަނީ އެ ޒިންމާ އުފުލުމަށް ޝައުގުވެރިކަންވެސް ފާޅުކުރަމުންނެވެ. އަނެއް ބަޔަކު އަމިއްލައަށް އެ ވާހަކަ ދައްކަން ނުކެރި އެހެން މީހުން ލައްވާ ސޯޝަލް މީޑިއާ އާއި އަދި ބައެއް މީޑިއަތައް މެދުވެރިކޮށްވެސް އެބަ މަސައްކަތް ކުރެއެވެ.

އިދިކޮޅު ލީޑުކުރެއްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ އާއި އިދިކޮޅު ކޮންގްރެސް ކޯލީޝަންގެ ކުރީގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކް ފަދަ ބޭބޭފުޅުން "ރިޕްލޭސް" ކުރެވޭ ފަދަ ބޭފުޅުންތޯއެވެ؟

އިދިކޮޅު ލީޑްކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރެއިން އުމަރު ނަސީރަކީ ސިޔާސީ މައިދާނުގައި ވަރަށް ބޮޑަށް ފެއިލްވެފައި ހުންނެވި ބޭފުޅެކެވެ. އެންމެ ފުރަތަމަ ރައީސް ކަމަށް ވާދަކުރެއްވި އިރު ނިސްބަތުން އާދައިގެ ރަށެއްގެ ކައުންސިލަރަކަށް ލިބޭ ވަރަށް ވެސް ވޯޓު ހޯއްދެވިފައެއް ނުވެއެވެ. އަދި އެއަށްފަހު ހައްދަވައިގެން އުޅުއްވި ޕާޓީއާ އެކު 3000 މީހުން ނުގެންގުޅެވި ޕާޓީ އަމިއްލައަށް ފައްތާލައްވާފައި ނުކުމެވަޑައިގެން އެމްޑީޕީ ފިޔަވައި ރާއްޖޭގެ ދެން އޮތް ބޮޑެތި ޕާޓީތަކުގައި ސިޔާސީ ކެރިއަރު ބައްޓަންކުރެއްވޭތޯ މަސައްކަތްތަކެއް ކުރެއްވިއެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުރީގެ ރައީސް ޔާމީނާ ވާދަކުރައްވައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އޭގެ ފަހުން ހޯމް މިނިސްޓަރު ކަމަށް ވަޑައިގެންނެވި ނަމަވެސް އެކަމުގައި ވެސް އުމަރަށް ކުރިމަތިވެވަޑައިގެންނެވީ ބޮޑެތި ގޮންޖެހުންތަކެވެ. އޭގެ ފަހުން 2018ގެ ރިޔާސީ އިންތިހާބަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް ފަހަތުގައި ނުކުންނާނެ މާގިނަ ބަޔަކު ނެތުމުން އެކަންވެސް ކުރައްވަން ކެރިވަޑައެއް ނުގެންނެވިއެވެ. ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންވި ނާކާމިޔާބީއަށްފަހު ސިޔާސީ ދާއިރާއިން މަންފާއެއް ހާސިލްވޭތޯ މަދަދުދޭ ބައެއް މީޑިއާތަކުގެ އެހީގައި ފަލަ ސުރުހީތަކުން ޖާގަ ހޯއްދަވަން އުޅުއްވި ނަމަވެސް ގިނަ ބަޔަކު އަދިވެސް ސިފަކުރާ ގޮތުން އުމަރަކީ އިދިކޮޅު ލީޑްކުރައްވަން ކުފޫ ހަމަވާ ބޭފުޅެއް ނޫނެވެ.

ޑރ. ޖަމީލްގެ ސިޔާސީ ކެރިއަރުގައިވެސް މާބޮޑު ކާމިޔާބީތަކެއް ފެންނާކަށް ނެތެވެ. ރައްޔިތުންގެ ވޯޓަކުން މިހާތަނަށް ކުރި ހޯއްދެވުނީ ވެސް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައެވެ. ނަމަވެސް އެއީ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ހިޔަނީގައި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ކާމިޔާބީގެ ކުޑަ މިންވަރެކެވެ. ނައިބު ރައީސްކަމުގައިވެސް އެމަނިކުފާނަށް ޖެހިވަޑައިގެންނެވި ދަތުރު ވަރަށް ހިއްޗެވެ. ބޮޑެތި ތުހުމަތުތަކަކާ އެކު އިނގިރޭސިވިލާތަށް އަރުވާލެއްވިގެން ހުއްނަވަނިކޮށް މަގާމުން ބޭރުކުރީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައިގެންނެވެ. އޭގެ ފަހުން އޭރު އޮތް އިދިކޮޅު ކޯލިޝަން ލީޑްކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ނަމަވެސް މީހުންނާ ގުޅިވަޑައިގެން ކަންކަން ކުރެއްވުމުގައި ޑރ. ޖަމީލަށް އާންމު ގޮތެއްގައި ކުރިމަތިވެވަޑައިގަންނަވާ މައްސަލަތަކާ ހުރެ އެކަންވެސް ނުކުރެއްވި އެންމެ ފަހުން އެ ފުރުސަތުވެސް ގެއްލުނީއެވެ.

ފުރަތަމަ ފަހަރަށް ރައްޔިތުން އިންތިހާބުކުރާ މަގާމަކަށް ވަޑައިގަތުމަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ކުރިމަތިލެއްވިއެވެ. ނަމަވެސް އަމިއްލަ ރަށް ކަމަށްވާ ފުވައްމުލަކު ސިޓީގެ ބަދަލުގައި ވިލިމާލޭގެ ގޮނޑި ހޯއްދެވުމަށް ކުރެއްވި މަސައްކަތުގައި ކުރިމަތިވެވަޑައިގެންނެވީ ނައިބު ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅަކު ލަދުން އިސް އުފުލާލަންވެސް ނުކުރެވޭ ވަރުގެ ނަތީޖާއަކާއެވެ. ޑރ. ޖަމީލްގެ ސިޔާސީ ކެރިއަރު އެ ހިސާބުން ނިމުނީ ކަމަށް ބެލެވުނަސް އިދިކޮޅު ލީޑްކުރެއްވުމަށް ޝައުގުވެރިކަން ފާޅުކުރެއްވުމުން މީޑިއާތަކުން ކޮންމެވެސް ވަރެއްގެ ސަމާލު ކަމެއް އަދިވެސް ޑރ. ޖަމީލަށް ލިބިވަޑައިގަންނަވައެވެ. ނަމަވެސް އެމްޑީޕީ ފަދަ އަދި މަޖިލީހުގެ 65 މެންބަރުންގެ ބޮޑު ފްލީޓާ ވާދަކުރާ ވަރުގެ އިދިކޮޅު ޕާޓީއެއް ނުވަތަ ޕާޓީތަކެއް ލީޑްކުރެއްވޭ ވަރުގެ ބޭފުޅެއް ކަމަށް ގަބޫލުކުރެވޭ ވަރުގެ މާ ބޮޑު ހެއްކެއް ދެއްކެވޭކަށް ނެތެވެ.

ސިޔާސީ ގޮތުން ކާމިޔާބީތަކެއް ހޯއްދެވުމުގެ ނިޔަތުގައި މީގެ ކުރިން ވެސް ތަފާތު އެތައް ސްޓަންޓްތަކެއް ޖައްސަވާފައި ހުންނެވި ރީކޯ މޫސާ މަނިކަކީވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ސިޔާސީ ހިޔަންޏެކެވެ. ކުރިން އެމްޑީޕީގެ ޗެއާޕާސަންކަން ކުރެއްވިއެވެ. ނަމަވެސް އޭރު އެ ޕާޓީގައި ތިއްބެވި ސިޔާސީ ފަހުލަވާނުން މޫސަ އަށް ވުރެ ހަރުދަނާވެފައި ވިސްނުންފުޅު ތޫނުކަމުން މޫސަ އަބަދު ވެސް ފެންނަނީ އެމްޑީޕީގެ ހިޔަންޏެއްގެ ގޮތުގައެވެ. މޫސައަށް އޮތް ތާއީދެއް ނަމަ އޮތީ އެއީ ރީކޯ މޫސައަށް ވީމާ ނޫންކަން އެނގޭ ގިނަ ސަބަބުތައް އެބަހުއްޓެވެ. އެމްޑީޕީގެ ތެރެއިން ވެރިކަމާ ހަމައަށް ވަޑައިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް އެ ފުރުސަތު ލިބިވަޑައި ނުގެން އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންނެވި ނަމަވެސް އެ ޕާޓީގެ ތެރެއިންވެސް މޫސައަށް އެކަށީގެންވާ މަގެއް ކޮއްޓެވޭ ގޮތް ވަނީ ނުވެއެވެ. އާންމު ގޮތެއްގައި ދައްކަވާ ވާހަކަތަކުގައި ޖޯޝާއި ފޯރި ހުއްޓެއް ކަމަކު މޫސަ އަބަދު ވެސް ސިފަވެގެން ދަނީ ސިޔާސީ ހިޔަންޏެއްގެ ގޮތުގައެވެ. އިދިކޮޅު ލީޑްކުރެއްވުމުގައި ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވީ ނަމަވެސް މިފަދަ ދަނޑިވަޅެއްގައި މިހާރު އޮތް އިދިކޮޅުގެ އިތުބާރު ހޯދައި ލީޑްކުރައްވަން ފުރުސަތު ހޯއްދަވަން މޫސައަށް ވެސް ފަސޭހައެއް ނުވާނެއެވެ.

ކުރީގެ ރައީސް ޔާމިނާއި އަބްދުއްރަހީމާއި ނިހާން ފަދަ ޕީޕީއެމްގެ ނަގާކިޔާ ފަރާތްތަކުގެ ސިޔާސީ ހަޔާތް ގާތްގަނޑަކަށް ކަފުންވަމުންދާ މި ދަނޑިވަޅުގައި އިދިކޮޅު ލީޑްކުރައްވަން ދެން އެންމެ ރަނގަޅު ބޭފުޅަކީ މިހާރު އޮތް ސަރުކާރުގެ ވަރަށް ވަރުގަދަ ބައިވެރިއެއް ކަމަށް ވެގެން އުޅޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ގަބޫލުކުރާ ބަޔަކުވެސް އެބަ ތިއްބެވެ. ނަމަވެސް ސިޔާސީ މައިދާނުގައި "ގޭމް ޗޭންޖަރ" އެއްގެ ގޮތުގައި މީގެ ކުރިން ބެލެވެމުން އައި ގާސިމުގެ ސިޔާސީ ހަޔާތުގައިވެސް މާ ބޮޑު ބުރަދަނެއް ނެތްކަން ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން އެނގެއެވެ. ޖޭޕީއަށް މާ ބޮޑު ކާމިޔާބީއެއް ނުލިބުމުން ގާސިމްގެ ސިޔާސީ ބާރުވެރިކަން ވެސް މިހާރު މާ ބޮޑަށް ނެތްކަން އެ ވަނީ ހާމަވެފައެވެ. އަނެއްކޮޅުން ސަރުކާރަށް ކިތަންމެ ފާޑެއް ކިޔެއް ކަމަކު ސަރުކާރު ދޫކޮށް ނުކުމެވަޑައިގެން އިދިކޮޅު ލީޑަރަކަށް ވުމުގެ ހިތްވަރު ގާސިމްގެ ކިބައިގައި ހުންނާނެތޯވެސް އެއީ ސުވާލެކެވެ.

އިދިކޮޅު ލީޑަރެއްގެ ގޮތުގައި ދެން ހުންނަވާނީ ކޮންމެ ބޭފުޅެއްތޯ ކުރެވޭ ސުވާލަށް އަދި ވަނީ އެކަށީގެންވާ ޖަވާބެއް ނުލިބިފައެވެ. ކުރިން ފާހަގަކުރި ބޭބޭފުޅުންގެ އިތުރުން މިފަހަރުގެ އިންތިހާބުގައި ގުރައިދޫ ދާއިރާ ކާމިޔާބުކުރައްވައި މަޖިލީހަށް އަލަށް ވަޑައިގެންނެވި ގައްސާން މައުމޫނާ ބެހޭ ގޮތުން ވެސް ބައެއް ފަރާތްތަކުން ގެންދަނީ އުންމީދުތަކެއް ކުރަމުންނެވެ. ސިޔާސީ މަގާމުތަކެއް ފުރުއްވިއެއްކަމަކު ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ލީޑާޝިޕްގެ ކުޑަ މިންވަރެއް ވެސް ގައްސާންގެ ކިބައިން މިހާތަނަށް ފެނިފައެއް ނުވެއެވެ. އެހެންކަމުން ވަރުގަދަ އިދިކޮޅު ޕާޓީއެއް ލީޑްކުރެއްވުމުގެ ގާބިލްކަން އޭނާގެ ކިބައިގައިވެސް ހުރެދާނެ ކަމާ މެދު އުފުދޭ ސުވާލު ވެސް ވަކި ކުޑައެއް ނޫނެވެ. އެ ފުރުސަތު ހޯއްދަވާ ނަމަ ކުރައްވަންޖެހޭ ދަތުރު ދިގެއެވެ. އަދި އުނދަގުލެވެ. ކޮންމެއަކަސް މި ސުވާލަށް ރަނގަޅު ޖަވާބެއް ލިބެން އަންނަނީ 19 ވަނަ މަޖިލީސް ހުވާކޮށް ޖަލްސާތައް ފަށައިގަތުމުންނެވެ. އަދި ކަންކަން ވެގެންދާ ގޮތުން ސަރުކާރު ޖަވާބުދާރީކުރުވުމުގައި އާ އަޑެއް އުފަންވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ މޭަގަން އަކީ ކާކު؟

ޕްރިންސް ހެރީ ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ މޭަގަން އަކީ ކާކު؟

30 ނޮވެމްބަރު 2017
ސްލޮބަޑާން ޕްރަލްޖަކް އަކީ ކާކު؟

ސްލޮބަޑާން ޕްރަލްޖަކް އަކީ ކާކު؟

30 ނޮވެމްބަރު 2017
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017
ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

ޕީޕީއެމަށް ހުއްދަ، އިދިކޮޅު ފަރާތްތަކަށް މަނާ!

29 ސެޕްޓެމްބަރު 2017
އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

އިދިކޮޅު އެއްވެސް މެމްބަރަކަށް ރާއްޖޭން ބޭރަށް ނުފުރޭ ގޮތަށް ހިފެހެއްޓުން!

06 އޯގަސްޓު 2017

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު