އުސާމާގެ ދަރިފުޅާ ބެހޭ މައުލޫމާތު ފޯރުކޮށްދީފި ނަމަ އެއް މިލިއަން ޑޮލަރު!
ޓެރަރިސްޓް ޖަމާއަތްތަކަށް ހަމްޒާ ފަންޑު ކުރަމުންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރޭ


ހަމްޒާ ބިން ލާދިން
އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިން އާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެއް މިލިއަން އެމެރިކާ ޑޮލަރު ދޭނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ބުނިފެއެވެ.
ހަމްޒާ އަކީ އުސާމާގެ ތިންވަނަ އަންހެނުން ހައިރިއާ ސަބަރަށް ލިބުނު ދަރިއެކެވެ. ސްޓޭޓް ޑިޕާޓްމެންޓުން ބުނާ ގޮތުން ހަމްޒާގެ އުމުރަކީ 30 އަހަރެވެ. އެމެރިކާ ސިފައިން 2011 ވަނަ އަހަރު އުސާމާ ބިންލާދިން މަރާލިއިރު އެގޭގެ ތެރެއިން ހަމްޒާގެ ހިލަމެއް ވެފައި ނުވާކަމަށް ސްޓޭޓް ޑިޕާޓްމެންޓުން ބުންޏެވެ. ސްޓޭޓް ޑިޕާންމެންޓަށް ލިބިފައިވާ މައުލޫމާތު ބުނާ ގޮތުން ހަމްޒާ މިހާރު ދިރިއުޅޭ ކަމަށް ލަފާ ކުރެވެނީ އަފްޣާން - ޕާކިސްތާން ބޯޑަރު ދެމެދުގައެވެ.
އެމެރިކާއިން ހަމްޒާ ހޯދަން ބޭނުންވެގެން އުޅެނީ، ޓެރަރިސްޓް ޖަމައާތްތަކާއި ގުޅުން ބާއްވައި ފަންޑު ކުރަމުން ދާތީ އެވެ. ހާއްސަކޮށް ސީރިޔާގެ ހަނގުރާމަވެރިންގެ ޖަމާއަތްތަކާއި އޭނާއާގުޅުން އޮންނަ ކަމަށް އެމެރިކާއިން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތުން ހަމްޒާ ދިރިއުޅޭ ތަނާއި އޭނާ ހުރި ތަނެއްގެ މައުލޫމާތު ސްޓޭޓް ޑިޕާޓްމެންޓަށް ފޯރުކޮށްދިން މީހަކަށް އެއް މިލިއަން ޑޮލަރު ދޭން ހަަމަޖެހިފައިވާ ކަމަށެވެ.
އެމެރިކާއިން ތުހުމަތު ކުރާ ގޮތުން، ހަމްޒާ ހަރުކަށި ޖަމާއަތްތަކާއި ގުޅިގެން ބައްޕަ އުސާމާގެ މަރުގެ ބަދަލުގައި އެމެރިކާ އަށް ހަމަލާ ދީފާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ސީރިއާގައި ހަރަކާތްތެރިވަމުންދާ ހަނގުރާމަވެރިން އެކަތިގަޑަކަށްވާން 2015 ވަނަ އަހަރު ހަމްޒާ ނެރުނު އޯޑިއޯއެއްގައި ވަނީ ބުނެފައެވެ.
''ކްރައުން ޕްރިންސް އޮފް ޖިހާދު''ގެ ނަމުން ނަން ދީފައިވާ ހަމްޒާ ޕާކިސްތާނު، ޢަފްޣާނިސްތާން، ސީރިޔާ ނުވަތަ އިރާނުގައި މިހާރު ދިރިއުޅެމުންދާ ކަމަށް ލަފާކުރެވޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް، މި ގައުމުތަކުގެ ތެރެއިން ސީދަ ކޮން ގައުމެއް ކަން މިހާތަނަށް އެނގިފައެއް ނުވެއެވެ.
އިނގިރޭސިވިލާތުގެ ''ދަ ގާޑިއަން'' ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުން ހަމްޒާ ކައިވެނި ކޮށްގެން އުޅެނީ، 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ޓްރޭޑް ސެންޓަރަށް ދިން ޓެރަރިސްޓް ހަމަލާގައި ފްލައިޓް ހައިޖެކްކުރި މިސްރުގެ މުހައްމަދު އަތާގެ ދަރިއަކާއެވެ. ނަމަވެސް ހަމްޒާގެ ބޭބެ އުމަރު ބިން އަބްދުﷲ ވަނީ އެވަހާކަތައް ދޮގުކޮށްފައެވެ.





