ޖަލުތައް އޮޑިޓްކުރާ ކޮމިޝަނުން ރައީސް މައުމޫނާއި ބައްދަލުކުރައްވައިފި
6 ފެބުރުއަރީ 2019 | ބުދަ 19:47ޖަލުގައި ހޭދަކުރެއްވި 237 ދުވަހުގެ ތެރޭގައި ދިމާވި ކަންތައްތައް ހިއްސާކުރެއްވި

ޖަލުތައް އޮޑިޓް ކުރާ ކޮމިޝަންގެ މެންބަރުން ރައީސް މައުމޫންއާ ބައްދައްލުކުރެއްވުން
ޖަލުތަކުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ހޯމް މިނިސްޓްރީން އުފެއްދި، ޖަލުތައް އޮޑިޓް ކުރާ ކޮމިޝަންގެ މެންބަރުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮމިޝަންގެ މެމްބަރުންނާ އެކު ބޭއްވުނީ ވަރަށް ރަނގަޅު ބައްދަލުވުމެއް ކަމަށާއި ގާނޫނާއި ގަވާއިދާ ހިލާފަށް އެމަނިކުފާނު ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި 237 ދުވަހުގެ ތެރޭގައި ދިމާވި ކަންތައްތަކުގެ މައުލޫމާތު ކޮމިޝަނުގެ މެމްބަރުންނާ ހިއްސާކުރެއްވި ކަމަށެވެ.
އެމަނިކުފާނުގެ އިތުރުން، ޖަލުގައި ހޭދަކުރެއްވި އެހެން ގައިދީންނަށް ވެސް ބޭއިންސާފުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ ދުނިދޫ ޖަލާއި، މާފުށީ ޖަލުގައި މަސައްކަތް ކުރާ ޖޫނިއަރ މުއައްޒަފުން ރަނގަޅު ކަމަށާއި، ނަމަވެސް މަތީ ފަންތީގައި މަސައްކަތް ކުރާ ބޭފުޅުންގެ އަމަލުތައް ރަނގަޅު ނޫން ކަމަށެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 6 ވަނަ ދުވަހު ރައީސް މައުމޫން ހައްޔަރު ކުރީ ފަނޑިޔާރުންނަށް ރިޝްވަތު ދީގެ ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ. އަދި އެމަނިކުފާނު ބޭނުން ކުރެއްވި ފޯނު ފުލުހުންނަށް ނުދެއްވުމުން އަދުލުއިންސާފު ގާއިމްކުރުމަށް ހުރަސްއެޅުމުގެ ދައުވާ އުފުލާ، ޝަރީއަތަށް ސާބިތުވުމާއި ގުޅިގެން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ. ނަމަވެސް ސަރުކާރު ބަދަލުވުމުން ހައި ކޯޓުން ވަނީ ޙުކުމް ބާތިލް ކޮށްފައެވެ.
ޖަލުތައް އޮޑިޓް ކުރަން އުފައްދާފައިވާ ކޮމިޝަނުން އަންނަނީ ޖަލުގައި ހުކުމް ތަންފީޒުކޮށްފައިވާ ދައުލަތުގެ މަތީ މަގާމްތަށް ފުރުއްވާފައިވާ ފަރާތްތަކާއި ބައްދަލުކުރަމުންނެވެ.









