ކުޅުދުއްފުށި ސިޓީއަކަށް ބަދަލުވެގެންދާއިރު، އަތޮޅުގެ ވެރިކަން ބަދަލުކުރުން އެންމެ ރަނގަޅީ ހަނިމާދޫ: މެންބަރު ޝަހުދީ
24 ޖެނުއަރީ 2019 | ބުރާސްފަތި 05:04ހަނިމާދޫގައި ވަސީލަތްތައް ގިނަ


ހދ. ކުޅުދުއްފުށި ކައުންސިލް އިދާރާ
ހދ. ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދާއިރު، އެއަތޮޅުގެ ވެރިކަން ބަދަލުކުރަން އެންމެ ރަނގަޅީ ހަނިމާދޫކަމަށް އެދާއިރާގެ މަޖިލިސް މެމްބަރު ހުސެއިން ޝަހުދީ ވިދާޅުވެއްޖެއެެވެ.
މެންބަރު ޝަހުދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބިގެންދިޔުމަކީ ތިލަދުންމައްޗަށް ލިބިގެންދާ ފަހުރެއް ކަމަށެވެ.
މެންބަރު ޝަހުދީ ވިދާޅުވީ އަތޮޅުގެ ވެރިކަން ކުރާ ރަށަކަށް ހަނިމާދޫ ވެގެން ދިއުމަކީ އެރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ. ތަރައްގީއާ، ވަސީލަތްތަކަށް ބަލާއިރު، އަތޮޅުވެރިކަން ބަދަލުކުރަން އޮތް އެންމެ ރަނގަޅު ޗޮއިސްއަކީ ހަނިމާދޫ ކަމަށް އޭނާ ވިދާޅުވިއެވެ.
ހދ އަތޮޅު ކައުންސިލުން ބުނީ ކުޅުދުއްފުށްޓަށް އަންނަ ފެބްރުއަރީމަހުގެ ތެރޭގައި ސިޓީއެއްގެ ދަރަޖަ ލިބޭނެ ކަމަށާއި، ސަރުކާރުން އެކަމުގެ ޔަގީންކަންދީފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށް ހުރި ގާނޫނީ ހުރަސްތައް ނައްތާލަން ރައީސް އޮފީހާއި ބަންޑާރަ ނައިބު އޮފީހުން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ދާދި އަވަހަށް މިމަސައްކަތް ނިމެނޭ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެއީ ސިޓީއެކެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް އަރާފައިވަނީ 2018 ވަނަ އަހަރެވެ. ނަމަވެސް އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުން ލަސްވެފައިވަނީ ގާނޫނީ ހުރަސްތަކެއް ހުރުމުންނެވެ.
މިއީ ރަށެއް ސިޓީއަކަށް ހަދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، ކުޅުދުއްފުށި ސިޓީއަކަށް ހެދުމަށްފަހު އެ އަތޮޅުގެ ވެރިކަން ކުރާ ރަށެއް ކަނޑައަޅަން ޖެހެ އެވެ.
އެގޮތުން ހދ ގެ އަތޮޅުވެރިކަން ހޯދަން އަތޮޅުގެ ގިނަ ރަށްތަކަކުން ޝައުގުވެރިކަން އަންނަނީ ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ނޮޅިވަރަމް، ނޮޅިވަރަންފަރު އަދި ކުރިނބީގެ ރައްޔިތުން ހިމެނެއެވެ.







