ޅައިމަގުގައި ގަވައިދާ ޚިލާފަށް ރުއް ގަސް ނެގުމާއި ގުޅިގެން އެރަށުގެ ކައުންސިލް ޖޫރިމަނާ ކޮށްފި
10 ޖެނުއަރީ 2019 | ބުރާސްފަތި 02:18ޖޫރިމަނާކުރި އަދަދު ހާމައެއް ނުކުރޭ


ޅައިމަގު ބަނދަރުމަތި
ށ. ޅައިމަގުގައި ގަވައިދާ ޚިލާފަށް ރުއް ގަސް ނެގުމާ ގުޅިގެން ކައުންސިލް އިދާރާ ޖޫރިމަނާކޮށްފި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްސް އެޖެންސީ (އީޕީއޭ) އިން ބުނީ ޅައިމަގު ކައުންސިލް އިދާރާ ޖޫރިމަނާކުރީ ގަވައިދާ ހިލާފަަށް ރުއްގަސް ނަގާފައިވާތީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކަށް ބަދަލުނެގުމާ ގުޅޭ ގަވާއިދުގެ ދަށުން ކަމަށެވެ. ނަމަވެސް އެކައުންސިލް ޖޫރިމަނާކުރި އަދަދެއް އީޕީއޭ އިން ބުނެފައެއް ނުވެއެވެ. މީގެ އިތުރުން އީޕީއޭއިން ބުނީ ރުއް ގަސް ނެގުމަށް ހުއްދަ ދިން އަދަދަށް ވުރެ އިތުރަށް ރުއް ގަސް ނަގާފައިވާތީ އެ ރުއްތައް އަލުން އިންދުމަށް ޅައިމަގު ކައުންސިލަށް އަންގާފައިވާ ކަމަށެވެ. ޅައިމަގުން ގަވާއިދާ ހިލާފަށް ރުއް ގަސް ނަގާ މައްސަލަ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ވަނީ ބޮޑުވެފައެވެ. ނަމަވެސް އެކަން ކައުންސިލުން އެފަހަރު ވަނީ ދޮގުކޮށްފައެވެ.
ގަވައިދާ ހިލާފަށް ރަށްރަށުން ރުއް ގަސް ނަގައިގެން ރިސޯޓްތަކާއި، ރާއްޖޭން ބޭރަށް ގެންދާ މައްސަލަތައް ސޯޝަލް މީޑިއާގައި ފާހަގަކޮށް އެތައް ބަޔަކު ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.






