ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އަދި އިކޮޅު ލީޑަރު މުހައްމަދު ނަޝިދާ ހުރި އެންމެބޮޑު ތަފާތަކީ ހަރާމެއް ހަލާލެއް ނުބަލާ އެމީހެއްގެ ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާ ކުރާ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.
އިންތި އެގޮތަށް ވިދާޅުވީ ބުދަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އިންތި ވިދާޅުވީ ދިވެހި ރައްޔިތުންނާއި ރައީސް މުހައްމަދު ނަޝީދަކީ ހަލާލެއް ހަރާމެއް ބެލުމެއްނެތި މުދަލާއި ފައިސާ ބޭނުންވާ ބޭފުޅުންނޫން ކަމަށެވެ. ނަމަވެސް ރައީސް ޔާމީން ވައްކަން ނުކުރައްވަމޭ ވިދާޅުވިއިރު، ވައްކަމަކީ އިންސާނާގެ ތޮބީއަތުގައި ހުންނަ ކަމެއް ކަމަށް ވިދާޅުވެފައިވާތީ އިންތި ވިދާޅުވީ އެއީ އިންސާނީ އަދި ދުނިޔެ ގަބޫލު ކުރާ ހަމައެއް ނޫން ކަމަށެވެ.
"އަނބިމީހާވެސް ރައްޔިތުންގެ މުދަލާއި ފައިސާ ކާއިރު، ހަލާލެއް ހަރާމެއް ބަލަން ނުޖެހޭނެ ކަމުގެ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ ބޭފުޅެއް ތިޔަ ބޭފުޅާއަކީ. ހަމައެހެންމެ ހިޔާނާތާއި ވައްކަމަކީ އިންސާނީ ތޮބީއަތުގައިވާ ކަމެއް ކަމުގެ މައްޗަށް ބިނާވެގެންވާ ބޭފުޅެއް ތިޔަ ބޭފުޅާއަކީ. ފުރަތަމައިނުންވެސް ބާޠިލް، މުޑުދާރު، ހަރާމް ފަލްސަފާއެއްގެ މައްޗަށް ތިޔަބޭފުޅާ ބިނާވެގެން ތިޔަވަނީ. އެހެންވީމާ ތިޔައީ އުއްމީދެއް ނެތް މީހަކީ. ދިވެހި ރައްޔިތުންނަށް އަދި ތިޔަބޭފުޅާގެ އަމިއްލަ ނަފްސައްވެސް އުއްމީދެއް ނެތް ބޭފުޅަކީ ތިޔައީ. އެއާ ހިލާފަށް އުއްމީދުއޮތް ދިރުމެއްވާ ބެފުޅަކީ ތިމާގެ ހަލާލު މަސައްކަތުންނޭ ތިމާގެ ހަޔާތް ބިނާ ކުރަންޖެހޭނީ ވިދާޅުވާ ބޭފުޅުން ނުވަތަ އެފަދަ ފަލްސަފާގެ މައްޗަށް ބިނާވެގެންވާ މީހުން. ރައީސް މުހައްމަދު ނަޝީދަކީ މި ބަސްފުޅު ތަކުރާރުކޮށް ކޮންމެ ތަގްރީރެއްގައި ވިދާޅުވަމުން ގެންދަވާ ބޭފުޅެއް،" އިންތި ވިދާޅު ވިއެވެ.
އިންތި ވިދާޅުވީ މުޅި އެމްޑީޕީ އެނބުރެނީ ރައީސް ނަޝީދުގެ ފަހަތްޕުޅުންނޭ ރައީސް ޔާމީން އަމިއްލަ ފުޅަށް އެއްބަސްވެވަޑައިގަންވާފައިވާ ކަމަށެވެ. އަދި ރައީސް ޔާމީނާއި ރައީސް ނަޝީދާ އޮތް ތަފާތަކީ ބިރުދެއްކުންނެތި، ޖަލުގެ ކުޑަގޮޅި ދެއްކުމެއްނެތި، ފައިސާ ހަޑިމުޑުދާރު ކޮރަޕްޝަނުގެ ތެރޭގައި ޝާމިލްވެވަޑައި ނުގަންނަވާ، މުޅި އެމްޑީޕީ އިއްތިފާގުވާ ދިވެހި ރައްޔިތުންގެ އެންމެބޮޑު ތާއީދު އޮތް ބޭފުޅަކަށް ރައީސް ނަޝީދު ވުން ކަމަށެވެ.
އެއާ ހިލާފަށް ރައީސް ޔާމީނަކީ ރައްޔިތުންގެ ތާއީދުގެ އިތުރުން އެމަނިކުފާނުގެ އަމިއްލަ ޕާޓީގެ ރައީސް އަދި އެމަނިކުފާނުގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދުވެސް ނެތް ބޭފުޅެއް ކަމަށް އިންތި ވިދާޅުވި އެވެ.
އިންތި ވިދާޅުވީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ ރައީސް ނަޝީދާމެދު ރައީސް ޔާމީން ހަސަދަވެރިވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.
އެފަދަ ގޮތަކަށް ހަސަދަވެރިވާ މީހުން ހަސަދަވެރިވެގެންގޮސް އެ މީހާ މޮޔަވާ ކަމަށްވެސް އިންތި ވިދާޅުވި އެވެ. އިންތި ވިދާޅުވީ އެގޮތަށް ސިޔާސީ ލީޑަރުންނާމެދު ހަސަދަވެރިވެ، ސިޔާސީ ހުރިހާ ލީޑަރުން މިހާރުވެސް ތިއްބެވީ ޖަލުގެ ކުޑަގޮޅިއަށް ލައްވާފަ ކަމަށެވެ. އޭނާ ވިދާޅުވީ މިދިއަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނުގެ އެހީތެރިކަމާއެކު 25 ޕަސެންޓް ރައީސް ޔާމީން ހޯދެއްވި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ބަދަލުކޮށް ވެރިކަމަށް އަރާވަޑައިގެންނެވި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް މިދިއަ ރިޔާސީ އިންތިހާބުގައި ލިބިލެއްވި ފަސް ޕަސެންޓްވެސް ނުލިބޭނެ ކަމަށެވެ. ސަބަބެއް ކަމަށް އިންތި ވިދާޅުވީ ޕީޕީއެމް ދެ ފެކްޝަނަކަށް ބެހި ރައީސް މައުމޫންގެ ފެކްޝަނަށް ޕީޕީއެމްގައި ތިއްބެވި އިހުލާސްތެރި މެމްބަރުން ވަޑައިގަންނަވާފައިވާތީ ކަމަށެވެ.
އިންތި ވިދާޅުވީ ރައީސް އޮފީހުން މިހާރަކަށް އައިސް ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ދިރާސާތަކެއް ކުރަމުންދާ ކަމަށާއި އެދިރާސާތަކުގެ ނަތީޖާއިން ވެސް ރައީސް ޔާމީނަށް ތާއީދު ނެތްކަން އެނގިގެންދާ ކަމަށެވެ.