ކަރެކްޝަންސްގެ އެންމެ އިސް ދެ ބޭފުޅަކު އިސްތިއުފާ ދެއްވި ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި
18 ނޮވެމްބަރު 2018 | އާދީއްތަ 12:07ކޮމިޝަނާރ އޮފް ޕްރިޒަންސް ޝިހާން އަދި ޑެޕިއުޓީ ކޮމިޝަނާރ ހަސަން ޒިލާލު އިސްތިއުފާ ނުދެއްވާ


ޑެޕިއުޓީ ކޮމިޝަނާރ އޮފް ޕްރިޒަން ހަސަން ޒިލާލު
މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ އިސް ދެ ބޭފުޅަކު އިސްތިއުފާ ދެއްވި ކަމަށް ދެކެވޭ ވާހަކަތައް ކަރެކްޝަނަލް ސާރވިސް އިން ދޮގުކޮށްފިއެވެ.
ކޮމިޝަނާރ އޮފް ޕްރިޒަންސްގެ މަގާމުން އަހުމަދު ޝިހާން އަދި ޑެޕިއުޓީ ހަސަން ޒިލާލު އިސްތިއުފާ ދެއްވި ކަމަށް އަޑުފެތުރިފައިވާ އިރު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިންފޮމޭޝަން އޮފިސަރު އަހްމަދު ލުގްމާން ވިދާޅުވީ މިދެބޭފުޅުން އިސްތިއުފާ ނުދެއްވާ ކަމަށެވެ.
މިދެބޭފުޅުން އިސްތިއުފާ ދެއްވި ކަމަށް ލުގުމާންގެ ފޯނު ނަންބަރުން މެސެޖް ދައުރުވަމުން ދާތީ އެކަމަށް އިޝާރާތް ކުރައްވައި ލުގުމާން ވިދާޅުވީ އޭނާގެ ފޯނު ނަމްބަރު ބޭނުންކޮށްގެން ފޮނުވާ މެސެޖަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަ ކަމަށާއި، އެއީ ވަރަށް ދަށު ދަރަޖައި އަމަލެއް ކަމަށެވެ.
މީގެ އިތުރަށް ލުގުމާން ވިދާޅުވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒިލާލް ތިއްބެވީ އެބޭފުޅުންނާއި ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރުމުގައި ކަމަށެވެ.
ސަރުކާރުގެ އިސްވެރިން މަގާމުން އިސްތިއުފާ ދެއްވަމުން ގެންދަވާ މިދަނޑިވަޅުގައި ރައީސް ޔާމީން އައްޔަންކުރެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މިހާރު ވަނީ އިސްތިއުފާ ދެއްވާފައެވެ.







