ދުންޔާ ރައީސް ނަޝީދުގެ މައްސަލާގައި ދެން އިތުރަށް ވާހަކަ ނުދައްކަވާ: ހަސަން ލަތީފު
27 އޮކްޓޯބަރު 2018 | ހޮނިހިރު 08:51ރައީސް ނަޝީދުގެ މައްސަލައާ ގުޅިގެން ދުންޔާއަށް މާގިނަ ފަހަރު، މާގިނަ ގޮތްގޮތަށް މާގިނަ ވާހަކަތައް ވަނީ ދައްކާފައި


އެމްޑީޕީފެ ޗެއާޕާސަން ހަސަން ލަތީފު
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލައާ ގުޅިގެން މާގިނަ ގޮތްގޮތަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވާހަކަ ދައްކަވާފައި ވާތީ އިތުރަށް އެމައްސަލާގައި ވާހަކަ ނުދެއްކެވުމަށް އެމްޑީޕީފެ ޗެއާޕާސަން ހަސަން ލަތީފު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް ނަޝީދުގެ މައްސަލާގައި ހަސަން ލަތީފު ދުންޔާއަށް ވަރުގަދަ ރައްދެއްދެއްވާފައި މިވަނީ ރައީސް ނަޝީދަށް އިންސާފު ލިބެން ޖެހޭ ކަމަށާއި، ނަމަވެސް އެކަން ކުރަންވާނީ ދިވެހިރާއްޖޭގައި އެކަމަށް އޮންނަ ނިޒާމްގެ ތެރެއިން ކަމަށް ދުންޔާ ވިދާޅުވުމާ ގުޅިގެންނެވެ.
ހަސަން ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައާ ގުޅިގެން ދުންޔާއަށް މާގިނަ ފަހަރު، މާގިނަ ގޮތްގޮތަށް މާގިނަ ވާހަކަތައް ދައްކަވާފައިވާ ކަމަށެވެ.
އެހެންކަމުން ހިތުގެ ހާލިސް އިލްތިމާސްއަކީ ރައީސް ނަޝީދުގެ މައްސަލައާ ގުޅޭ ވާހަކަ ދުންޔާ އިތުރަށް ނުދެއްކެވުން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވެފައި ވަނީ ރައީސް ނަޝީދު މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާ ޤަބޫލު ނުކުރެވުނަސް އޭރު މަސައްކަތް ކުރެއްވީ ރާއްޖޭގެ ތަސައްވަރު ރަނގަޅު ކުރަން ކަމަށެވެ. އަދި މިނިސްޓަރުކަމުގައި ހުންނެވިއިރު ކަންތައްތަކެއް ގޯހުންގޯހަށް ދާތަން ފެނުނު ކަމަށް ދުންޔާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ރައީސް ނަޝީދުގެ މައްސަލަ ދިފާއުކޮށް ވާހަކަ ދައްކާ ކަމަށްބުނެ ވަރަށް ގިނަ ބަޔަކު ފާޑު ކިޔަމުންދިޔަ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
ދުންޔާ ވިދާޅުވީ ރައީސް ނަޝީދު މައްޗަށް އުފުލުނު ޓެރަރިޒަމްގެ ދައުވާއަކީ ޤަބޫލު ކުރައްވާ ކަމެއްނޫން ކަމަށާއި ހަމައެގޮތަށް އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީއަށް އަވަސް އަރުވާލައިގެން ގެންދިޔަ ގޮތްވެސް ދެކެވަޑައިގެންނެވި ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.
ތޭރަ އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ ރައީސް ނަޝީދު މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރުގައި 13 މެންބަރަކު ސޮއި ކުރައްވާފައެވެ. މި ގަރާރު މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑަ ކޮށްފައެވެ
ޖަލު ހުކުމް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން ރައީސް ނަޝީދު ވަނީ އެ ގައުމުން ހިމާޔަތް ހޯއްދަވާފައެވެ. މިނިވަންވި ކަމަށް ކޯޓުން ނުނިންމި ޔަސް، ނޮވެމްބަރު 1 ގައި އެ މަނިކުފާނު ރާއްޖެ ވަޑައިގަތުމަށް ވަނީ ނިންމަވައިފައެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.









