އިންތިޚާބު ބާތިލްކުރަން މަސައްކަތް ކުރުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ އަލާމާތެއް: އިލްޔާސް
13 އޮކްޓޯބަރު 2018 | ހޮނިހިރު 07:13ރައީސް ޔާމީނަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފައި


ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން
ރިޔާސީ އިންތިޚާބު ބާތިލްކުރަން މަސައްކަތް ކުރުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތްކަމުގެ އަލާމާތެއް ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
މިދިޔަ މަހު 23ގައި ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ސުޕްރިމްކޯޓަށް ހުށަހަޅާފައިވާތީ ކަންބޮޑުވުންފާޅު ކުރައްވައި ޝެއިޚް އިލްޔާސް ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ނޫނެކޭ ބުނުމުން ވެސް އެ ނިންމުން ބާތިލްކުރަން ދުސްތޫރީ މައްސަލައެކޭ ބުނެ އޮޅުވާލައިގެން ސުޕްރިމްކޯޓަށް ހުށަހެޅުމަކީ ލަދުވެތިކަމުގެ އެއްވެސް މިންވަރެއް ނެތް ކަމުގެ އަލާމާތެއް ކަމަށެވެ.
ޝެއިޚް އިލްޔާސް މި ގޮތަށް ވިދާޅުވިއިރު ސުޕްރީމް ކޯޓުން މިހާރު ވަނީ ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ބަލައިގަނަފައެވެ. މައްސަލާގައި އިބްތިދާއީ ޖަވާބު ދިނުން މިއަދު ކުރިއަށް ދާއިރު، މައްސަލައިގެ ޝަރީއަތް ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 13:00 އަށް ސުޕްރީމް ކޯޓްގައި ތާވަލްކޮށްފައެވެ.
ރައީސް ޔާމީންގެ ފަރާތުން އިންތިހާބު ބާތިލްކުރުމަށް އެދި ހުށައެޅި މައްސަލަ ލީކްވެފައިވާއިރު، އެ މައްސަލާގައި އެދިފައިވާ ކަންކަމުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަންތައްތައް ބަލައި ތަހުގީގުކޮށްދިނުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިފައި ވެއެވެ. އެހެންކަމުން އެ މައްސަލަ ހުށައެޅުނުއިރު ފުލުހުންނާއި ސިފައިންގެ އެއްވެސް ބައިވެރިވުމެއް ނެތްކަން ހާމަވެއެވެ. ރައީސް ޔާމީންގެ ފަރާތުން ހުށައެޅި މައްސަލާގައި އެންމެ ބޮޑަށް ފާހަގަކޮށްފައި ވަނީ ވޯޓު ކަރުދާހުގެ ވާހަކަ އާއި ވޯޓުލާ މަރުކަޒުތަކުގައި ބޭނުންކުރި އަނގޮޓިއެއްގެ ވާހަކައެވެ.
ރިޔާސީ އިންތިޚާބުގައި ކޯލިޝަންގެ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 58.4 އިންސައްތަ އާއެކު ވަނީ ކާމިޔާބު ކުރައްވާފައެވެ. ރައީސް ޔާމީނަށް 41.6 އިންސައްތައާއެކު ބޮޑު ނާކާމިޔާބީއާ ކުރިމަތިވެ ވަޑައިގަތުމުން އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އެމަނިކުފާނާއި، އެމަނިކުފާނަށް ތާއީދު ކުރާ މަދު މީސްކޮޅަކުން ދަނީ ތުހުމަތު ކުރަމުންނެވެ.




