Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސީލައިފް ގްލޯބަލް

ސީލައިފް ގްލޯބަލްގެ ފްލެޓްތައް: ފްލެޓެއް ވެސް ނުލިބުނު، ދެއްކި ފައިސާ ވެސް ނުލިބުނު!

180 މީހުން ފައިސާ ދައްކާފައިވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2018 | އާދީއްތަ 15:09
ސީލައިފް ގްލޯބަލް ފްލެޓްތައް ހުންނާނެ ގޮތުގެ ކުރެހުމެއް

ސީލައިފް ގްލޯބަލް ފްލެޓްތައް ހުންނާނެ ގޮތުގެ ކުރެހުމެއް

ސީލައިފް ގްލޯބަލްއަކީ ހުޅުމާލޭގައި ގިނަ އަދަދެއްގެ ފްލެޓްތަކެއް އެޅުމަށް 2014 ވަނަ އަހަރު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލުކޮށްފައިވާ ކުންފުންޏެކެވެ. އެޗްޑީސީން އެ ކުންފުންޏާ ހަވާލުކުރީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 3000 ހައުސިން ޔުނިޓް އެޅުމަށެވެ. ދިވެހިން ހިތްޖެހޭ ފަދަ މޮޑެލްއަކާ އެކު ބުކިން ފީއެއްގެ ގޮތުގައި 50،000 ދައްކާ ގޮތަށް ފްލެޓް ގަތުމަށް ހުޅުވާލުމާ އެކު ގިނަ ބަޔަކު ފޯމް ނެގުމަށް ކިޔު ޖެހުނެވެ. މީޑިއާތަކުގައި ދެއްކި މޮޅެތި ވާހަކަތަކާއި ފައިސާ ދެއްކުމުގައި ހުރި ފަސޭހަ ކަންތައްތަކުގެ ސަބަބުން، ފުރަތަމަ ހުޅުވައިލި 1،000 ފްލެޓް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް ބުކްކޮށް ނިމުނެވެ. ގިނަ އަދަދެއްގެ މީހުން ފްލެޓް ގަތުމަށް ފައިސާ ދެއްކީ އެ ކުންފުނިން ދެއްކި ދަޅައިގައި ޖެހި އަވަސް މުސްތަގުބަލެއްގައި ފްލެޓްތަކަށް ވަދެވޭނެ ކަމުގެ އުންމީދުގައެވެ.

ނަމަވެސް ބުކިން ފީ އާއި އެޑްވާންސަށް ފައިސާ ދައްކައިގެން އެތައް ބަޔަކު އިންތިޒާރުގައި ތިބެ ތިބެ ވެސް އެ ބުނާ ފްލެޓްތަކެއްގެ މަސައްކަތް ކުރިއަށް ދާ ގޮތެއް ނުވިއެވެ. އެންމެ ފަހުން ނާއުންމީދުވެ، އެ ފަރާތްތަކުން މިހާރު އަންނަނީ އެފްލެޓްތައް ނުލިބޭތީ، އެމީހުން ދެއްކި ފައިސާ އަނބުރާ ހޯދުމަށް މަސައްކަތްކުރަމުންނެވެ. ނަމަވެސް ފްލެޓް ތަކުގެ މަސައްކަތްތައް ކުރިއަށް ނުދާ އިރު ފައިސާ ދެއްކި ފަރާތްތަކުން ރީފަންޑަށް އެދިފައިވާ އެތައް ދުވަހެއް ވީއިރު ވެސް އެފައިސާ އަދިވެސް ސީލައިފް ކުންފުނިން ދީފައިނުވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބުރަ މަސައްކަތްކޮށްގެން އެއްކުރި ލާރިކޮޅާއި އެކި ގޮތްގޮތުން ލޯނު ހޯދައިގެން ދެއްކި ފައިސާ އަނބުރާ ނުލިބޭތީ ގިނަ ބަޔަކު ތިބީ ރުޅިގަދަވެފައެވެ. ކުންފުނިން އަބަދު ވެސް ބުނަމުން ދަނީ "އަންނަ ހަފުތާގައި" ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް އެ ބުނާ އަންނަ ހަފުތާއެއް ނާދެއެވެ.

ފްލެޓް ގަތުމަށް 2016 ވަނަ އަހަރުގެ އޮގަސްޓް މަހު ބުކިންގ ފީގެ ގޮތުގައި 50،000ރ. ދައްކާފައިވާ މީހަކު ބުނި ގޮތުގައި ފައިސާ ދެއްކީ ދެ އަހަރުގެ ތެރޭގައި ފްލެޓް ނިންމައިދޭނެ ކަމަށް ބުނުމުން ކަމަށާއި ނަމަވެސް މަސައްކަތް ކުރިއަށްދާ މަންޒަރު ނުފެންނަ ކަމަށެވެ.

"ކޮންމެ މަހަކު އޮފީހަށް ދިއުމުން ބުނަނީ މިއަންނަ މަހު މިއަންނަ މަހު ފަށަނީއޭ. އެކަމަކު ފްލެޓް އިމާރާތް ހަދާތަނެއް ނުފެނޭ. ރީފަންޑަށް އެދެން އުޅުނީމަ ބުނަނީ އަދި މަޑުކޮށްލާށޭ. ވަރަށް އަވަހަށް އެބަ ފަށަމޭ.. އެކަމަކު ދެ އަހަރު ފާއިތުވެގެން މިދިޔައީ،" އެ މީހާ ކިޔައިދިނެވެ.

އެހެން މީހަކު ކިޔައިދިން ގޮތުގައި މިއަހަރުގެ މަރޗު މަހުގެ ރީފަންޑަށް ސިޓީ ލުމުން ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދޭނެ ކަމަށް ބުނި ނަމަވެސް އަދިވެސް ފައިސާ ނުލިބެއެވެ. ފައިސާ ހޯދުމަށް ގުޅާ ކޮންމެ ދުވަހު ފަހުން ގުޅާނެ ކަމަށް ނުވަތަ ފައިސާ ހަމަޖެހޭތޯ ބަލާ ކަމަށް ބުނާ ކަމަށް އޭނާ ބުންޏެވެ.

"ތިމަންނަ މެންނަށް ލޯނު ހަމަޖެހެއޭ. ލޯނު ހަމަޖެހެއޭ ކިޔައިގެން އުޅޭތާ އެތައް ދުވަހެއް،" އެހެން މީހަކު ކިޔާދިނެވެ.

އިތުރު މީހަކު ކިޔަދިން ގޮތުގައި ފައިސާ ހޯދުމަށް 10 ސެޕްޓެމްބަރުގައި އޮފީހަށް އައުމަށް ބުނި ނަމަވެސް އޮފީހަށް އައިއިރު އޮފީސް ވެސް ހުންނަނީ ބަންދުކޮށްފައެވެ. އޮފީސް ހިންގާ އިމާރާތަށް ވެސް މަހު ކުލި ނުދައްކާކަން އެނގިފައިވާ ކަމަށާއި ބިލްތައް ވެސް ދޮރު ދަށުގައި ގިނަ ވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުން ގާތްގަނޑަކަށް ހަތަރު ވަރަކަށް މީހުންނަށް ފިޔަވާ އެއްވެސް މީހަކަށް ރީފަންޑު ފައިސާއެއް ނުލިބޭ. އެތައް ބަޔަކު ކޮންމެ ދުވަހަކު ވެސް އެ އޮފީހަށް ޖަމާވޭ، ފައިސާގެ ކަންކަން އޮޅުންފިލުވުމަށް. އަދިވެސް އެކަން ކާބިޔާބެއް ނުވޭ،" ސީލައިފް އަށް ފައިސާ ދައްކާފައިވާ މީހަކު ކިޔައިދިނެވެ.

ފްލެޓް ގަތުމަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ދައްކާފައިވާ މީހަކު ބުނީ އެ ފައިސާ އިން އެހެން ފްލެޓެއް ގަނެވޭހާ ދުވަސް ހިނގައްޖެ ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ފައިސާ ހޯދުމަށް އެތައް މަސައްކަތެއް ކުރެވިއްޖެ ކަމަށާއި އެހެން ނަމަވެސް އަދިވެސް އެކަން ވާގޮތް ނުވާ ކަމަށް އޭނާ ބުންޏެވެ. އެކުންފުނީގެ ވެރިޔާ ވެސް މިހާރު ރާއްޖޭގައި ނޫޅޭ ކަމަށް އޭނާ ބުންޏެވެ.

ސީލައިފް ކުންފުނިން ގާތްގަނޑަކަށް 180 މީހުންގެ އަތުން ފައިސާ ނަގާފައި ވެއެވެ. އޭގެ ތެރެއިން ކޮންމެ މީހަކު ބުކިންގ ފީގެ ގޮތުގައި 50،000ރ. ދައްކާފައިވާއިރު ބައެއް ފަރާތްތަކުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ހަތަރު ލައްކައިން ފެށިގެން މިލިއަނުން އެ ކުންފުންޏަށް ފައިސާ ދައްކާފައި ވެއެވެ.

މިހާރު ސްރީ ލަންކާގައި ހުންނެވި ސީލައިފް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ވިދާޅުވީ، ފްލެޓް ގަތުމަށް ފައިސާ ދައްކާފައިވާ 180 މީހުންގެ ތެރެއިން މިހާތަނަށް ފައިސާ އަނބުރާ ނުދެވި ވަނީ 87 މީހުންނަށް ކަމަށާއި އެހެން މީހުންނަށް ފައިސާ ދައްކާފައިވާ ކަމަށެވެ. ބާކީ ނުދެއްކި ވަނީ ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފައިސާ އެއްކޮށް ދައްކައި ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ލަސްވެގެންދަނީ ކޮންޓްރެކްޓަރެއްގެ ގޮތުގައި މަސައްކަތް ހަވާލުކޮށްފައިވާ ލަންކާގެ ކޮރަލް ހޯލްޑިންގްސްއާ ދެމެދު ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. އެކަން ހައްލު ކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެނގިފައިވާ ގިތުގައި ސީލައިފް އިން ވަނީ އެ ކުންފުންޏަށް ވެސް ގިނަ އަދަދެއްގެ ފައިސާ އެޑްވާންސްކޮށް ދައްކާފައެވެ.

ސީލައިފް މޯލްޑިވްސް އާއި ދުބާއީގެ ދެ ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުނި ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓާއި އޮފީސް ތަރައްގީ ކުރުމަށް މާޗް 13، 2014ގައި ހައުސިންގ ޑިވެލްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އަހަރުގެ އޭޕްރީލް މަހު އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީނެވެ. އެނގިފައިވާ ގޮތުގައި ގިނަ ބަޔަކު ފައިސާ ނުލިބިގެން ކަންބޮޑުވުން ފާޅުކުރަމުން ގެންދާ އިރު ސީލައިފް ކުންފުނީގެ ވެރިޔާ އަހްމަދު މިހާރު އުޅުއްވަނީ ލައްކާގައި ރައީސް ޔާމީނަށް ކެމްޕެއިން ކޮށްދެއްވުމުގައި ވަރަށް އިސްކޮށެވެ.

ސީލައިފްއާ އެކު ހެދި އެގްރީމެންޓްގެ ދަށުން ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ތިން ބިމެއްގައި 800 އާއި 1000 އާ ދެމެދުގެ އަދަދެއްގެ ފްލެޓެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިރު މުޅި މަޝްރޫއުގެ ދިގުމިނަކީ ފަސް އަހަރެވެ. މިއަހަރު ނިމުމުގެ ކުރިން ފްލެޓްގެ މަސައްކަތް ނިންމައި ހަވާލު ކުރާނެ ކަމަށް ސީލައިފް އިން މީގެ ކުރިން ބުނެފައިވާ އިރު ފްލެޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި މާ ބޮޑު މަސައްކަތްތަކެއް ކުރަމަކުން ނުދެއެވެ.

އެ 3000 ފްލެޓްގެ އިތުރުން ލީކްވެފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ސަރުކާރުން ވަނީ އިތުރު 80 ހައުސިންގ ޔުނިޓް އެޅުމަށް ވެސް ސީލައިފްއާ އެކު އެއްބަސްވުމެއް ގާއިމުކޮށްފައެވެ. ނަމަވެސް އެ ފްލެޓް އެޅުމުގެ މަޝްރޫއުގެ ދަށުން ވ. ތިނަދޫ އިން އެ ކުންފުންޏަށް ގެސްޓް ހައުސް ތަރައްގީކުރުމަށް ސަރުކާރުން ދޭންޖެހޭ ބިން ހަމަޖެއްސުމަށް އެ ރަށުގެ ކައުންސިލާއި ރައްޔިތުން ދެކޮޅު ހެދުމުން އެ އެއްބަސްވުން އުވާލަން ޖެހި ބަދަލުގެ ގޮތުގައި ސަރުކާރުން ވަނީ 187 މިލިއަން ރުފިޔާ ސީލައިވް އަށް ދީފައިވާ ކަމަށް އެ ލިޔެކިޔުންތަކުން ދައްކައެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ވަނީ އެކަން ދޮގުކޮށްފައެވެ.

ފްލެޓްތައް ލަސްވަމުން ދިއުމާއި އެޑްވާންސް ފައިސާ ވެސް އަނބުރާ ނުލިބި ގިނަ ބަޔަކު ޝަކުވާކުރަމުންދާ އިރު އެ ކުންފުންޏާ އެކު އެއްބަސްވުން ހެދި އެޗްޑީސީން މިހާތަނަށް އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެޗްޑީސީން އެކަމާ ބެހޭ ގޮތުން ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މިއީ ފްލެޓްތަކެއްގެ މައްސަލައަކަށް ވާތީ އާއި ސަރުކާރުން ވެސް މިކަމުގައި ބައިވެރިވާތީ ހައުސިން މިނިސްޓްރީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވެސް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ. ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް މިކަމާ ބެހޭ ގޮތުން ސުވާލުކޮށް މެސެޖްކުރުމުން ވިދާޅުވީ އެފަދަ އެއްވެސް މަޝްރޫއެއް ހައުސިން މިނިސްޓްރީން ހިންގާފައި ނުވާނެ ކަމަށެވެ.

މި މަޝްރޫއު ބޮޑު އޮޅުވާލުމަކަށްވެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ފައިސާ ހޯދުމަށް ސީލައިފްގެ އޮފީހަށް ދިޔަ ނަމަވެސް ސަރުކާރުން މިހާތަނަށް މިކަމަށް މާ ބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އަދި އެމީހުންނަށް ފްލެޓް ލިބޭނެ ދުވަހެއް ނޭނގޭ އިރު ދެއްކި ފައިސާ ވެސް އަނބުރާ ލިބުމުގެ އުންމީދު ދުވަހެއް ދުވަހަކަށް ދަނީ ކުޑަވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަސްދަޅު ކޭސް ބެހުމުގެ ނަމުގައި ކުރީ ބޮޑު ވައްކަމެއް. އެތައް ގޭބިސީއަކަށް މަސް ކޭސް ނުލިބުނު

މަސްދަޅު ކޭސް ބެހުމުގެ ނަމުގައި ކުރީ ބޮޑު ވައްކަމެއް. އެތައް ގޭބިސީއަކަށް މަސް ކޭސް ނުލިބުނު

12 އެޕްރީލު 2025
އޭސީސީން "ފްލެޓްތައް ދޫކޮށްލައިފި" - ތިން މަސް ދުވަހުގެ ތަހުގީގަށް ފަހު ދެއްވީ ފިނި ސަޖެޝަން އެއް

އޭސީސީން "ފްލެޓްތައް ދޫކޮށްލައިފި" - ތިން މަސް ދުވަހުގެ ތަހުގީގަށް ފަހު ދެއްވީ ފިނި ސަޖެޝަން އެއް

02 ފެބުރުއަރީ 2024
ފްލެޓްތަކުގެ މައްސަލަ - އާއްމުން ހައުސިންގ މިނިސްޓްރީގައި 5 ގަޑިއިރު، ޖަވާބެއް ނުލިބުނު

ފްލެޓްތަކުގެ މައްސަލަ - އާއްމުން ހައުސިންގ މިނިސްޓްރީގައި 5 ގަޑިއިރު، ޖަވާބެއް ނުލިބުނު

09 ޖެނުއަރީ 2024
ގުޅައިގެން ނުލިބުނު ޖަވާބެއް މެއިލްއަކުން ލިބިދާނެތަ؟

ގުޅައިގެން ނުލިބުނު ޖަވާބެއް މެއިލްއަކުން ލިބިދާނެތަ؟

10 ޑިސެމްބަރު 2023
ފްލެޓްތައް ތަޅާލަންވެސް ވިސްނިން، އެހެންނަމަވެސް...

ފްލެޓްތައް ތަޅާލަންވެސް ވިސްނިން، އެހެންނަމަވެސް...

24 ނޮވެމްބަރު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު