އީދު ބަންދުގައި ފްލެޓަށް ފޯމް ބަލައިގަންނާނެ: ހައުސިން މިނިސްޓްރީ
17 އޯގަސްޓު 2018 | ހުކުރު 12:00ހައްޖު ދުވަހާއި އީދު ދުވަސް އަދި ހުކުރު ދުވަހު ފޯމް ބަލައި ނުގަން ނަމަވެސް އެނޫން ކޮންމެ ދުވަހެއްގައި ފޯމް ބަލައިގަންނާނެ


ހިޔާ މަޝްރޫއުގެ ދަށުން ފޯމު ބަލައިގަތުން ކުރިއަށްދަނީ -- ފޮޓޯ: މުހައްމަދު ޝަރުހާން
އަލްހާ އީދު ބަންދު ތެރޭގައި ވެސް ހިޔާ މަޝްރޫއު ދަށުން ފްލެޓަށް އެދޭ ފަރާތްތަކުގެ ފޯމްތައް ބަލައިގަންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓުރީން ބުނީ، ހައްޖު ދުވަހާއި އީދު ދުވަސް އަދި ހުކުރު ދުވަހު ފޯމް ބަލައި ނުގަންނާނެ ކަމަށެވެ. ނަމަވެސް އެނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 2:00 އަށް ފޯމްބަލައިގަންނާނެ ކަމަށެވެ. މިނިސްޓްރީން ބުނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް، އަދި ރޭގަނޑު 8:00 އިން 11:30 އަށް ވެސް ފޯމް ބަލާގަންނާނެ ކަމަށެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ހުށައެޅުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު އެންމެ ފަހުވަގުތަށް މަޑު ނުކޮށް ފްލެޓަށް ފޯމް ހުށަހެޅުމަށް ހައުސިން މިނިސްޓްރީން އެދެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 7000 ފްލެޓު ދޭން ނިންމާފައި ވަނީ ސިވިލް ސާވިސް މުވައްޒަފުންނަށް 1000 ފްލެޓާއި 18 އަހާރާއި 40 އަހަރާއި ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް 1000 ފްލެޓާއި ދަފުތަރުގައި ނުހިމެނޭ މާލޭ ރަށްވެހިންނަށް 1000 ފްލެޓާއި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1044 ފްލެޓެވެ. އަދި ޑޮކްޓަރުންނާއި ނަރުހުންނަށް 475 ފްލެޓާއި ޓީޗަރުންނަށް 625 ފްލެޓާއި އެކަނިވެރި މައިންނާއި ބައިފައިންނަށް 500 ފްލެޓާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 200 ފްލެޓެވެ.
މީގެއިތުރުން ފުލުހުންނާއި ސިފައިންނަށް 600 ފްލެޓާއި ގުޅީފަޅުން ފައިސާ ދައްކާ ފްލެޓް ނުލިބުނު ފަރާތްތަކާއި ޓާޓާ ފްލެޓަށް ފައިސާ ނުދެއްކުނު ފަރާތްތަކަށް 300 ފްލެޓް އަދި މާފަންނު ހުޅަނގުގައި ނިކަމެތިކޮށް އުޅޭ ފަރާތްތަކަށް 256 ފްލެޓްކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.







