ރައީސް ޔާމީން ގެންދަނީ ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް ނުފޫޒާއި ބާރު ވަރުގަދަ ކުރަމުން: ޑރ ޖަމީލު
28 ޖޫން 2018 | ބުރާސްފަތި 20:34ހުދުމުހުތާރުވެރިކަމެއްގެ ތެރެއިން ރައްޔިތުންނަށް ދަނީ އެތަކެއް އަނިޔާއެއް ދެމުން


ޑރ ޖަމީލު ރައީސް ޔާމީންއާ އެކު
ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ރިޔާސީ އިންތިޚާބު ކައިރިވާ ވަރަކަށް ބާރާއި ނުފޫޒު މުއައްސަސާތަކުގެ މައްޗަށް އިތުރުކުރަމުން ކަމަށް މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއްގެ ތެރެއިން ދިވެހި ރައްޔިތުންނަށް އެތަކެއް އަނިޔާއެއް ރައީސް ޔާމީން ދެމުން ގެންދާއިރު އެކަންކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ ގައުމުތަކުން ރާއްޖެއާ މެދު ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ. ބާރާއި ނުފޫޒުން މިހާރު ވެސް އެތައް ބަޔަކު ނުހައްގުން ޖަލައްލާފައިވާ ކަމަށާއި، ފާރިސް މައުމޫންގެ މައްޗައް ޖަލު ހުކުމް އިއްވީ ވެސް ނުފޫޒު ފޯރުވައިގެން ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.
އެގޮތުން ވިލާތުގެ އިއްތިހާދާއި އދ އަދި ބައިނަލްއަގްވާމީ ގައުމުތަކުން ރައްޔިތުންނަށް އަނިޔާދޭ ސަރުކާރެއް ބަލައި ނުގަތުމަށް ޑރ ޖަމީލު ވަނީ ގޮވާލާފަ އެވެ.
ޑރ ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު މިހާރު އޮތީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށާއި، ނަމަވެސް މިސަރުކާރުން ދަނީ ރައީސް ޔާމީނާއި ވާދަކުރަން ތިބި ހުރިހާ އިދިކޮޅު ލީޑަރު ގާނޫނާއި ހިލާފަށް ގާނޫނުތައް އުފައްދައިގެން އެމީހުން އިންތިޚާބެއްގައި ވާދަ ނުކުރޭވޭ ގޮތަށް ހަދަމުން ކަމަށެވެ.
މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އޮޅުވާލަން މިސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ޑރ ޖަމީލު ވިދާޅުވީ އިންޓަރނޭޝަނަލް އޯގަނައިޒޭޝަން ތަކުން އިސްލާހު ކުރަން އަންގާ ކަންތައްތަކަށް މިސަރުކާރުން ބީރު ކަންފަތެއްދެނީ އިންތިޚާބު އޮޅުވާލުމުގެ މަގުސަދުގައި ކަމަށެވެ.
ޑރ ޖަމީލު ވިދާޅުވީ މިއަނިޔާވެރިކަމުން ސަލާމަތްވުމަށް އެންމެން އެކަތި ގަނޑަކަށް ވެގެން މަސައްކަތް ކުރަންޖެހޭ ކަމަށާއި، މިސަރުކާރާއި ދެކޮޅަށް ނުކުންނަން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ މިކަމުން ސަލާމަތް ނުވެވޭނެ ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.









