އެމްޑީޕީގެ ޗެއާޕާސަން އަށް ޑރ. ޖަމީލު ވަރަށް ވަރުގަދަ ރައްދެއް ދެއްވައިފި
22 ޖޫން 2018 | ހުކުރު 09:35ޖުމްހޫރީ ޕާޓީއަށް ވެސް ކެންޕޭން ކުރުމުގެ ފުރުސަތު ލިބެންޖެހޭ


ޑރ. ޖަމީލާ އެކު ޖޭޕީގެ ލީޑާރާއި، އެޕާޓީގެ އިސް މެންބަރުން... | ޓްވިޓަރ
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކެންޕޭން ކުރުމަށް ޖާގަ އޮތް ފަދައިން ޖުމްހޫރީ ޕާޓީއަށް ވެސް އަމިއްލައަށް ކެންޕޭން ކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް މިސަރުކާރުގެ ފުރަތަމަ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލު މިހެން ވިދާޅުވީ އެމްޑީޕީއާ އެކު ތިބި ބަޔަކާ ގުޅިގެން ކުރާ މަސައްކަތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ކާމިޔާބު ކުރެވޭނެ ކަމަށާއި އެއީ ވަކި ޕާޓީއަކާ އެކު ކޯލިޝަން ހަދައިގެންވާ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައެވެ.
ދާދި ފަހުން ޖޭޕީ އަށް ސޮއިކުރައްވައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ. ޖަމީލު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެންމެން ވެސް މަސައްކަތް ކުރަނީ އެއް މަންޒިލަކަށް ކަމަށް ޑރ. ޖަމީލު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ރިޔާސީ ކެންޕޭން ކުރުމުގެ ޖާގަ އޮތް ފަދައިން ޖުމްހޫރީ ޕާޓީގެ އަމިއްލަ ކެންޕޭނަށް ވެސް ޖާގަ ލިބެންޖެހޭކަން ފާހަގަކުރައްވައި ޑރ ޖަމީލު ވިދާޅުވީ ކޯލިޝަނުން މިކަން ކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
އެމްޑީޕީން އިއްޔެ (ބުރާސްފަތި ދުވަހުގެ) ހަވީރު އެ ޕާޓީ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ލަތީފު ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އެމްޑީޕީ ހިމެނޭ ކޯލިޝަނަށް ވުރެ ރަނގަޅު ގޮތެއް ފެނިގެން ވަޑައިގަތުމަކީ އެމްޑީޕީގެ އަށް މައްސަލައެއް ނޫން ކަމަށެވެ. އަދި އެމްޑީޕީން އޮތީ ރައްޔިތުންގެ ބޭނުންވާ އުއްމީދުތައް ހާސިލް ކޮށްދިނުމަށް އެ ޕާޓީއާ އެކު މަސައްކަތް ކުރަން ތިބި ބަޔަކާ އެކު ކުރިއަށްދާން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަސަން ލަތީފު ވިދާޅުވީ ކޯލިޝަނެއް ގޮތަށް އޮއްވައި ގާސިމް އިބްރާހިމް ހިޔާލީ ކެބިނެޓެއް އިއުލާންކުރައްވުމަކީ ކުރެއްވި ނުރަނގަޅު ކަމެއް ކަމަށެވެ. އެމްޑީޕީން ސަރުކާރު އެކުލަވާލުމުގައި ގެންގުޅޭ ވިސްނުން މިހާރު ހާމަކޮށްފި ނަމަ އެކުރެވުނީ ޖުމްހޫރީ ޕާޓީން ކުރި ފަދަ ނުރަނގަޅު ކަމެއް ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.
އެމްޑީޕީއަކީ އެންމެ ބޮޑު ސިޔާސީ ޕާޓީކަން ފާހަގަކުރައްވައި ހަސަން ލަތީފު ވިދާޅުވީ އެޕާޓީން ކެނޑިޑޭޓަކު ދެއްކުމަށް ރައްޔިތުން ބޭނުންވާ ކަމަށެވެ.
ޑީއާރުޕީން ވަކިވެވަޑައިގެން ގައުމީ ޕާޓީގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފައްދަވައި ފަހުން ތާއީދެއް ނެތި އެ ޕާޓީ އުވިގެން ދިޔުމުން ޕީޕީއެމް އަށް ސޮއިކުރައްވައި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަން ހޯއްދަވައި ނާއިބު ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު ގައުމަށް ގައްދާރުވި ބޭފުޅެއްގެ ގޮތުގައި މި ސަރުކާރުން މިހާރު ސިފަކުރައްވާ ޑރ. ޖަމީލަކީ ގާސިމް އިއުލާނުކުރެއްވި ޝެޑޯ ކެބިނެޓްގެ ނާއިބު ރައީސެވެ. އޭގެ ކުރިން ޑރ. ޖަމީލް ވަނީ އެމްޑީޕީއާ ގުޅިގެން އުފެއްދި އިދިކޮޅު ކޯލިޝަންގެ ލީޑަރަކަށް ވެސް ހުންނެވި ބޭފުޅެކެވެ.






