ބައްޕައަށް އިއްވި ހުކުމުން އާއިލާއަށް ލިބުނީ ބޮޑު ޝޮކެއް: ދުންޔާ
14 ޖޫން 2018 | ބުރާސްފަތި 04:38މަންމަ އާއި ކޮއްކޮ އަށް ވަނީ ފުން ހިތާމައެއް ލިބިފައި


ދުންޔާ މައުމޫން---
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އިއްވި ޖަލު ހުކުމުން އައިލާއަށް ލިބުނީ ބޮޑު ޝޮކެއް ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމިންގެ ސަރުކާރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ދުންޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕާފުޅުގެ މައްޗައް އިއްވި ހުކުމުގެ ސަބަބުން މަންމާފުޅު ނަސްރީނާ އިބްރާހިމް އަދި ކޮއްކޯފުޅު ޔުމްނާ މައުމޫން އަށް ފުން ހިތާމައެއް ލިބިފައިވާ ކަމަށެވެ. އެ ހުކުމްގެ ސަބަބުން އާއިލާއަށް ވަރަށް ބޮޑު ހައިރާން ކަމެއް ލިބިފައިވާ ވެސް ދުންޔާ ވިދާޅުވި އެވެ.
މައުމޫނާއި ނަސްނީރާގެ ފޮޓޯފުޅަކާއެކު ކުރެއްވި ޓްވީޓުގައި ވަނީ އިންސާނިއްޔަތަށްޓަކައި ނަމަވެސް އުމުރުން ދުވަސްވެފައިވާ ބައްޕާފުޅުގެ ސިއްހީ ހާލުކޮޅަށް ބެލުމަށްފަހު ގެއަށް ބަދަލުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ.
ރައީސް މައުމޫނުގެ މައްޗައް ޖަލުހު ކުމެއް އިއްވީ ތިން މަސްދުވަހު ހުކުމަކާ ނުލާ ޖަލުގައި ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު އެވެ.
އެއް އަހަރާއި ހަތް މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރިއިރު ރައީސް މައުމޫނަށް ދަނީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ބައްޔެއް ތަހައްމަލް ކުރައްވަމުންނެވެ. މިބަލީގައި ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެ އިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.






