ކ. މާލެ
|
11 ފެބްރުއަރީ 2018 | އާދީއްތަ 11:37
ދެވަންސޫރަ
ދެވަންސޫރަ
ފޭސްބުކް
ފިލްމު ރިވިއު
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
 
ފިލްމު ރިލީޒްކޮށްފައިވަނީ ފެބްރުއަރީ 6 ގައި

ރޭޓިންގ: 10/9  

 

------------------------------

 

ޖޮންރާ: ސަސްޕެންސް / ސައިކޮލޮޖިކަލް ތްރިލަރ

ކާސްޓް: ޔޫސުފް ޝަފީއު، އަލީ އާޒިމް، މަރިޔަމް ޝިފާ، މުޙައްމަދު ފައިސަލް، އިބްރާހިމް ޖިހާދު

ސަޕޯޓިން ކާސްޓް: ފާތުމަތު އާޒިފާ، އަލީ ޝަޒްލީމް، އަހުމަދު އީސާ، ޖާދުﷲ އިސްމާއިލް، ނާޝިދާ މުހައްމަދު، އަހުމަދު ސައީދު، މަރިޔަމް ހަލީމް، މަރިޔަމް ޝަކީލާ

ޑައިރެކްޓަރ: ޔޫސުފް ޝަފީއު

ވާހަކަ: ޔޫސުފް ޝަފީއު

ސްކްރީންޕްލޭ: ޔޫސުފް ޝަފީއު

ޕްރޮޑިއުސްކުރީ: ޔޫސުފް ޝަފީއު، އަހްމަދު ޝާހް، އަލީ ޝަޒްލީމް

 

ޕްލޮޓް

އޮޅުންބޮޅުންބޮޑު މަރަކަށް ފަހު، ޝިޔާން (ޔޫއްޕެ) ހައްޔަރުކުރެއެވެ. ފުލުހުންނަށް ބަޔާންދެމުން، ޝިޔާދާ (ޝިފާ) މަރާލީ ޝިޔާން ނޫން ކަމަށާއި، އޭނާ މަރާލީ ޝިޔާމް ކަމަށް ޝިޔާން ބުނެއެވެ. ފުލުހުންގެ ގިނަ މަސައްކަތްތަކަށް ފަހު ޝިޔާމް ހޯދައި އޭނާ ސުވާލު ކުރުމުން، އެ ޤަތުލުގައި ތިންވަނަ މީހަކު ހިމެނޭކަން ހާމަވެއެވެ. މި ފިލްމު އެނބުރެނީ ޝިޔާދާގެ މަރާއި، އޭނާ މަރާލި ކަމަށް ފުލުހުން ތުޙުމަތު ކުރާ ތިން މީހަކާއި، އެ ތިން މީހުން ފުލުހުންނަށް ދޭ ތަފާތު ތިން ބަޔާނާއި، އެ ޤަތުލުގެ ހަޤީޤަތުގެ ދެމެދުގައެވެ. 

 

ވާހަކަ

މި ފިލްމަކީ ސަސްޕެންސް / ސައިކޮލޮޖިކަލް ތްރިލަރއެއް ކަމުން، މި ފިލްމުގެ ވާހަކަ ގެނެސްދީފައި ވަނީ، މިފަދަ ވާހަކައެއް ގެނެސްދެވޭނެ އެންމެ ފުރިހަމަ އެއް މިންވަރަށެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވާ ގޮތުން ފިލްމުގެ ކުންނާއި ހަމައަށް ބެލުންތެރިޔާ ގެންދާއިރު، ފިލްމު ފެށުނީއްސުރެ އުފެދޭ ހުރިހާ ސުވާލުތަކަކަށް ޖަވާބު ލިބެމުން، ފިލްމުގައި ހިނގާ ކަންކަން ފުރަތަމަ ފަހުމު ނުވާ ބެލުންތެރިޔާއަށް އެކަން ވެސް ފަހުމު ވާނެ ފަދަ ގޮތަކަށް ސްކްރީންޕްލޭ ލިޔެފައިވާކަން ފާހަގަވެއެވެ.

އާންމުކޮށް ދިވެހި ފިލްމުތަކުގެ ވާހަކައިގައި ފެންނަ ފަދަ 'ލޫޕްހޯލް'ތައް މި ފިލްމުގައި ނެތްކަން ފާހަގަވެއެވެ. ވާހަކައިގެ ކޮންޓިނިއުއިޓީ ހިފަހައްޓާފައިވާ މިންވަރު، ފިލްމު ފެށިގެން ނިމުމާއި ހަމައަށް ވެސް އެއް މިންވަރެއްގައި ގެންގުޅެފައިވުމީ ފާހަގަކުރަން ޖެހޭ ރަނގަޅު ކަމެކެވެ.

ވާހަކައިގައި ފާހަގަކުރެވުނު އިތުރު ކަމަކަށް ބަލާއިރު، ފިލްމުގައި ދައްކާ ކަންކަމާއި، ދިވެހިރާއްޖޭގެ އާންމު ހާލަތާއި ގުޅުވާފައިވާވުމަކީ ވެސް ފާހަގަކުރެވުނު ރަނގަޅު ކަމެކެވެ. މުޖުތަމަޢުގައި މަރާލެވިފައިވާ އެތައް ބަޔަކާއި، ގެއްލުވާލާފައިވާ ފަރާތްތަކުގެ ޙައްޤުގައި ފިލްމުގެ ވާހަކަ ތެރެއިން އަޑުއުފުލާފައި ވުމަކީ ލިޔުންތެރިކަމުގައި ފާހަގަކުރެވުނު މޮޅު ކަމެކެވެ.

ފިލްމުގެ މައި ޕްލޮޓުގެ އިތުރުން، ސައިޑް ޕްލޮޓްތައް ގޮތުގައި ގެނެސްދީފައިވާ ޝިޔާދް (ޖިމީ) އާއި ތުހުފާ (ނާޝިދާ) ގެ ވާހަކައަކީ ވެސް ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިން ކަމެކެވެ.

 

އެކްޓިންގ

 

މި ފިލްމުގެ ލީޑް އެކްޓަރަކީ ޔޫއްޕެ ނަމަވެސް ފިލްމުގައި އެންމެ މޮޅު އެކްޓިންގ އެއް ދައްކާފައިވަނީ ޝިޔާމްގެ ކެރެކްޓަރއިން ފެނިގެންދާ ދޮން އައްޔައެވެ. ދިވެހި ފިލްމީ ތާރީޚުގައި މީގެކުރިން ވެސް ނަފްސާނީ އެކި ބަލި ތަޙައްމަލް ކުރަމުންދާ މީހުން ދައްކާފައި ވީނަމަވެސް، މި ފިލްމުގައި ދޮން އައްޔަ ދައްކާފައިވާ ކެރެކްޓަރ އަކީ މީގެ ކުރިން އެފަދަ ގޮތަކަށް ދިވެހި ސިނަމާފައި ފެނިގެން ގޮސްފައި ނުވާވަރުގެ އިންޓެންސް ކެރެކްޓަރއެކެވެ. ފިލްމުގައި ދޮން އައްޔަ ފެނިގެންދިޔަ ކޮންމެ ސީންއެއް ޑޮމިނޭޓްކޮށްފައި ވަނީ އޭނާއެވެ. ދޮންއައްޔަ އާއި ޔޫއްޕެ އެކުގައި ފެނިގެން ދިޔަ ސީންތަކުގައި، ޔޫއްޕެ އާއި ދޮން އައްޔަ އާއި ދެމެދު ތަޖުރިބާގެ ވަކި ތަފާތެއް ހުރިކަމެއް ފާހަގައެއް ނުވެއެވެ. މި ފިލްމަށް ދީފައިވާ އެވާ ސްޓާ ރޭޓިންގއިން އެއް ތަރި ހަމަ ގައިމުވެސް ޙައްޤުވަނީ އައްޔަގެ އެކްޓިންގއަށެވެ.

 

ދޮން އައްޔައެކޭ އެއްގޮތަށް، ޔޫއްޕެ ވެސް މި ފިލްމުގައި ދައްކައިދީފައި ވަނީ ދިވެހި ސިނަމާގައި މިހާތަނަށް ފެނިގެންގޮސްފައިވާ އެންމެ ފުރިހަމަ އެއް އެކްޓިންގއެވެ. މި ފިލްމުގައި ޔޫއްޕެގެ އެކްޓިންގ މުހިއްމެވެ، ތަފާތުވެގެންދަނީ، މިޒާޖު ސީދާ ތަފާތު 3 ކެރެކްޓަރއެއް ޔޫއްޕެ މި ފިލްމުގައި ކުޅެން ޖެހުމެވެ. އެއިން ކޮންމެ ކެރެކްޓަރއެއްގައި ވެސް ޔޫއްޕެގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ އެ ކެރެކްޓަރގެ 100 އިންސައްތަ ޑެލިވަރ ކޮށްދެވިފައިވާ ކަމެވެ.

 

ފިލްމުގެ ލީޑް އަންހެން ކެރެކްޓަރ، ޝިޔާދާގެ ރޯލުން ފެނިގެން ދިޔަ މަރިޔަމް ޝިފާއަކީ ފިލްމީ ދާއިރާއަށް އައު މޫނެކެވެ. ދާއިރާއަށް އައުވެފައި، ތަޖުރިބާ ނެތް ނަމަވެސް، ފިލްމުގައި ޝިފާގެ ފަރާތުން ފެނިގެން ގޮސްފައިވާ އެކްޓިން ރަނގަޅެވެ. ޚާއްސަކޮށް ގޭތެރޭގެ އާދައިގެ ދިރިއުޅުން ދައްކާ މަންޒަރުތަކުގައި ޝިފާގެ އެކްޓިންގ ވަރަށް ފާހަގަ ކުރެވުނެވެ. އެކްޓިންގ ރަނގަޅު ނަމަވެސް، ޑައިލޮގް ޑެލިވަރަންސްއަށް ޝިފާ އިތުރަށް ވިސްނަން ޖެހެއެވެ. ޚާއްސަކޮށް، ހިތާމަ، ބިރު، ރުޅި، ފަދަ އެކްސްޓްރީމް އިމޯޝަންސް ޑެލިވަރ ކުރާއިރު އަޑުގެ ޓޯން ގެންގުޅޭ ގެންގުޅުމަށް އިތުރު މަސައްކަތް ކުރަން ޝިފާއަށް ޖެހެއެވެ.

 

ފައިސަލް އަކީ މިހާތަނަށް މަޖާ ރޯލުތަކުން ފެނިގެން ގޮސްފައިވާ ފަންނާނެއް ނަމަވެސް، މި ފިލްމުގައި އޭނާ ކުޅެފައިވާ ސީރިއަސް ރޯލުވެސް އޭނާ ވަނީ ވަރަށް ފުރިހަމައަށް އަދާކޮށްފައެވެ. ޚާއްސަކޮށް، 'މޯމެންޓްސް އޮފް ސަޑްން ރިއަލައިޒޭޝަން'، ނުވަތަ ކުއްލިއަކަށް އިހުސާސް ބަދަލުވެ، މޫނުމަތީގެ ކުލަވަރު ބަދަލުވާ ފަދަ ސީންތަކުގައި ފައިސަލް ދައްކާފައިވާ އެކްޓިންގ ވަރަށް ފުރިހަމައެވެ.

 

ވަރަށް ތަފާތު ދެ ރޯލެއް ނަމަވެސް، ޖިމީ އާއި ޖާދުގެ އެކްޓިންގ އަކީވެސް މި ފިލްމުގައި ވަރަށް ފާހަގަކުރެވުނު ދެ ރޯލެވެ. ޖިމީގެ ކެރެކްޓަރގެ މޫނުމަތިން ފެންނަން ޖެހޭ ޒާތީ، އަދި ރަސްމީ، ދެ ސޫރަ ޖިމީވަނީ ވަރަށް ފުރިހަމައަށް ޑެލިވަރ ކޮށްދީފައެވެ. ޖާދުއަކީ އެކްޓިންގއަށް 'ޅަ' ފަންނާނެއް ނަމަވެސް، މި ފިލްމުގައި ޖާދުގެ ފަރާތުން ފެނިފައިވަނީ ހާލަތާއި ގުޅޭ، މޮޅު އެކްޓިންގގެ ހުނަރެވެ. ޚާއްސަކޮށް 'ތަޙުޤީޤު މަރުހަލާގައި' ޖާދުގެ ޑައިލޮގް ޑެލިވަރެންސް ވަރަށް ފުރިހަމަކަން ފާހަގަވިއެވެ.

 

ޖުމްލަކޮށް ބަލާއިރު ފިލްމުގައި ދެން ފެނިގެންދިޔަ ކެރެކްޓަރތައް ހުށަހަޅައިދިން ރޯލުތައްވެސް ވަނީ ވަރަށް ފުރިހަމައަށް ހުށަހަޅައިދީފައެވެ.

 

ކެމެރާގެ ފުރަގަސް

މި ފިލްމުގައި ކެމެރާގެ ފުރަގަހުގައި ކޮށްފައިވާ މަސައްކަތައް ބަލާއިރު، މިއީ ރާއްޖޭގައި މިހާތަނަށް އުފެއްދުނު ޕްރޮޑަކްޝަން ސްޓޭންޑަރޑް އެންމެ ފުރިހަމަ އެއް ފިލްމޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ފިލްމުގައި ދައްކާފައިވާ ކޮންމެ މަންޒަރެއް ކުޅެދީފައިވާ އެކްޓަރއަށް އެ މަންޒަރު ވަރަށް ފުރިހަމައަށް ފަހުމުވާކަން ހަމަވުމުން ދޭހަވާ އެއް ކަމަކީ ފިލްމު ޑައިރެކްޓް ކުރެވިފައިވާލެއް މޮޅު ކަމެވެ. މުޅި ފިލްމުގައި 'އޮޑު' ކަމަށް ފާހަގަ ކުރެވުނު ދެ ޝޮޓެއް ފެނުނު ނަމަވެސް، ފިލްމުގެ ސިނަމަޓޯގްރަފީ އާއި ކެމެރާ ކުރުމާއި، އެޑިޓިންގއަށް ސާބަސް ދޭންޖެހެއެވެ.

ރަނގަޅު ހުރިހާ ކަމެއް މިހެން ހުރި ނަމަވެސް، ފިލްމުގައި އުނދަގޫވި އެއް ކަމެއް ފާހަގަވިއެވެ. ނަމަވެސް މިއީ ސީދާ ފިލްމުގެ ޓީމުން ޒިންމާވާން ޖެހޭ ކަމަކަށް ނުވެވެސް ހިނގައިދާނެއެވެ. އޮލިމްޕަހުގައި ފިލްމު ބަލަމުން ދިޔައިރު ބައެއް ސީންތަކުގައި ބެކްމިއުޒިކާއި، ޑައިލޮގްގެ އަޑު ލެވެލް ނުވާކަން ފާހަގަވިއެވެ. އެގޮތުން ޝިޔާދާއަށް ކާއެއްޗެހި ހިފައިގެން ޔޫއްޕެ އަންނަ ފުރަތަމަ ދުވަހު އެ ގޭތެރޭގައި އެ ހިނގާ މަންޒަރުގައި އަޑުގައި އެންވާރަމަންޓް އެންޑް ކެރެކްޓަރ ޑެޕްތު ނެތްކަން ފާހަގަވިއެވެ. އެކްޓިންގއަށް ޝިފާގެ އައު ކަމާއިއެކު، އޭނާގެ ޑައިލޮގް ޑެލިވަރަންސް އިތުރަށް ފުރިހަމަ ކުރަންޖެހޭކަން ކުރިންވެސް ވާނީ ފާހަގަކޮށްފައެވެ. ޝިފާގެ ޑައިލޮގް ޑެލިވަރަންސްގެ ފެންވަރު ބައެއް ފަހަރު ދަށްވެގެން ދިޔައީ ފިލްމުގެ އަޑު ހުރި ގޮތުންކަން ފާހަގަވިއެވެ. މިއީ ސީދާ ފިލްމުގެ ސައުންޑް އިންޖިނިއަރިންގ ގެ މައްސަލައެއްކަމެއް، ނުވަތަ އޮލިމްޕަހުގެ ސައުންޑް ސިސްޓަމްގެ މައްސަލައެއްކަން ކަށަވަރެއް ނުވެއެވެ.

ދެވަންސޫރައަކީ މޮޅު ފިލްމެކެވެ. ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ނެރުނު އެންމެ ތަފާތު ފިލްމޭ ބުނުންވެސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މި ފިލްމު ރިލީޒް ކުރުމުގެ ކުރިން ނެރެފައިވާ ޓްރެއިލަރ އަކީ މި ފިލްމުގެ މޮޅުކަމަށް އެޅުނު ހިޔަންޏެކެވެ. މި ފިލްމަށް ހަސްގުނަ ރަނގަލު ޓްރެއިލަރއެއް ތައްޔާރުކުރެވޭ ވަރުގެ މެޓީރިއަލް ފިލްމުގައި އެބަހުއްޓެވެ.

 

ފިލްމުގެ ނަން

ދިވެހި ބަހުގެ ރަދީފުން "ދެވަންސޫރަ" ކިޔާ ބަހެއް ނުފެނުނެވެ. ނަމަވެސް ދެވަންފުރާ އަދި ދެވަންފެރާ އަދި ދެވަންތުނބުޅި މިއީ ދިވެހި ރަދީފުގައި ހިމެނޭ ބައެއް ބަސްބަހެވެ. އެ ބަސްތައް ބޭނުންކުރަނީ ދެ އެއްޗެއްގެ ދެމެދުގައިވާ އެއްޗެއްގެ ވާހަކަ ބުނުމަށެވެ. އެހެންކަމުން، ބަސް އުފައްދާފައިވާ ގޮތަށް ބަލާއިރު، ދެވަންސޫރަ އަކީ ދެ ސޫރައިގެ ދެމެދުގައިވާ ސޫރައެވެ. ނުވަތަ ސޫރަތައް ބެލެސްކުރާ، ނުވަތަ އެ ސޫރަތަކުގެ މައްޗަށް ބާރުހިންގާ ސޫރައެވެ. މި ގޮތަށް ބަލާއިރު، މިއީ ޔޫއްޕެގެ އެކި ސޫރަތަކަށް ބާރު ހިންގާ ސޫރަ ކަމަށް ޤަބޫލުކުރެވެއެވެ. އެގޮތުން އެއީ ޝިޔާމް އާއި ޝިޔާން އާއި ދެމެދުގެ ސޫރަ ކަމަށް ބެލެވިދާނެއެވެ. ނަމަވެސް ޔޫއްޕެ، ފާހިރުގެ ޕަރސަނަލިޓީވެސް ގެންގުޅެއެވެ. އެހެންކަމުން ދެވަންސޫރައަކީ ޝިޔާމް އާއި ޝިޔާން އާއި ފާހިރުގެ މެދުގައިވާ ސޫރައެވެ. އެ ހުރިހާ ސޫރަތަކުގެ މައްޗަށް ވަސްވާސް ހިންގާ ސޫރައެވެ. ފިލްމުން ދޭހަވީ ދެވަންސޫރައަކީ ޝިޔާމާ ކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
100%
0%
0%
ކޮމެންޓް
7 މާރޗް 2019 | ބުރާސްފަތި 19:12
ކިޑަ
ހިންދީ ފިލްމެއްގެ ކޮޕީ އެއް.