ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 12:27
ޕީޕީއެމުން ބޭއްވި އިވެންޓެއްގެ ތެރެއިން
ޕީޕީއެމުން ބޭއްވި އިވެންޓެއްގެ ތެރެއިން
ޓްވިޓަރ
ޕީޕީއެމަށް ހައްލެއް ބޭނުންވޭ
ޕީޕީއެމުން ރައީސް މައުމޫން ދުރުކުރެއްވި ނަމަވެސް ޕާޓީ ތެރޭގައި ހަމަޖެހުމެއްނެތް!
 
ސަރުކާރުގެ ބައެއް މިނިސްޓަރުން ކަންކަން ކުރައްވާގޮތުން ޕީޕީއެމް އެތެރޭގައާއި އާއްމު ރައްޔިތުންގެ ނުރުހުންވެސް ބޮޑު
 
ޕީޕީއެމް މަޖިލިސް މެމްބަރުންގެ މަެދުގައި ވެސް ހިންހަމަ ނުޖެހުންތައް ބޮޑު
 
ޕީޕީއެމް އެތެރޭގައި ހިންހަމަ ނުޖެހުންތައް ދޭތެރެ ދޭތެރެއިން ފެންމަތިވޭ

ޕީޕީއެމް އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި އަދި ޕީޕީއެމްގެ ބާނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ޕީޕީއެމް ހިންގަމުން ދަނިކޮށް ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ އިސްވެރިންތަކެއް ޕީޕީއެމަށް ވެންނެވުމުގެ ނަތީޖާއަކީ ޕީޕީއެމްގެ ހިންގަމަށް ލޮޅުންއަރާ ޕާޓީގެ އެތެރޭގައި ހަމަނުޖެހުން ފެންމަތި ވެގެންދިޔުމެވެ.

ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ރައީސް މައުމޫން ކުރެއްވި މަސައްކަތުން ޕީޕީއެމަށް ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންެގ މަޖިލީހުގެ އިންހާބާއި ލޯކަލް ކައުންސިލްގެ އިންތިހާބުގެ އިތުރުން ކުރިން ބާއްވާފައިވާ ބައި އިލެކްޝަންސްތައްވެސް ކާމިޔާބު ކުރައްވާފަ އެވެ.

ޕީޕީއެމް އެފެއްދި ފަހުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު، ކުރިން ޕީއޭގެ ރައީސްގެ ގޮތުގައި ހުންެނެވުމަށްފަހު، ފަހުން ޕީޕީއެމާއި ގުޅިވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކާމިޔާބު ކޮށްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ރައީސް މައުމޫންކަން ދެބަސްވާނެ ދިވެހި ރައްޔިތަކު ހުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އަދި އޭރު ޕީޕީއެމް ކޯލިޝަން ޕާޓީތައް ކަމަށްވާ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީގެ މަސައްކަތްވެސް އެއީ ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެއްވުމުގެ އެއް އަސްލެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ދިވެހި ދައުލަތުގެ މާލިއްޔާއިން ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް އިންތިހާއަށް ފެންމަތިވެ، ތަނެއްދޮރެއް ނުބަލާ އެމީހަކަށް ކެވުނު އެއްޗެއް ކާން ދުކޮށްލައި މުޅި ދިވެހި ދައުލަތުގެ މާލިއްޔާ ހުސްކުރަމުންދާތައް ބަލަން ހުދު ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ރައީސް މައުމޫން އާއި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް އެއީ ކެންވާވަރުގެ ކަމަކަށް ނުވި އެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައްވެސް ސަރުކާރު ބޭނުންހާ ގޮތަކަށް ބައްޓަންކޮށް ފާސްކުރުމުގެ ނަތީޖާއަކީ ޕީޕީއެމްގެ އެތެެރޭގައި އިންތިހާއަށް މައްސަލަތައް ފެންމަތިވެ، ޕީޕީއެމް ދެ ފެކްޝަނަކަށް ބެހެންދިމާވި މައިގަނޑު ސަބަބެވެ.

ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް އެންމެފަހުން ދާންޖެހުނީ ޖެހުނީ ކޯޓަށެވެ. ރާއްޖޭގެ ކޯޓުތަކުގެ ވާހަކަ އެއީ "ވޮއްއަލިވާ ހިސާބުގައި" ދައްކަންް ހެޔޮވާވަރުގެ ވާހަތަކެއް ނޫނެވެ. ޕީޕީއެމްގެ އެތެރޭގެ އެމައްސަލަ ކޯޓަށް ވެއްދީ ރައީސް ޔާމީންގެ ފެކްޝަނުންނެވެ. އެމައްސަލަ ކާމިޔާބު ކުރީވެސް ރައްޔިތުންގެ ހީކުރި ގޮތަށް ރައީސް ޔާމީންގެ ފެންޝަނުންނެވެ. ރައްޔިތުން ހީކުރާ ގޮތްގޮތަށް މައްސަލަތައް ނިމެނީ އިއްތިފާގުން ކަމަށް ވެދާނެ އެވެ. ރައީސް ޔާމީންގެ މަސްލަހަތު ނުވަތަ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުގެ މަސްލަހަތު އޮންނަ މައްސަލަތަކުގައި އެ ފެކްޝަނާ އެއްކޮޅަށް މައްސަލަތައް ނިމެނީ، ކޮންމެހެން ރައީސް ޔާމީން ކޯޓުތަކަށް އަތްބާނުއްވާތީ އެއް ނޫނެވެ. ކޯޓުތަކަށް އަތް ނުބާނުއްވާކަން ހުދު އެމަނިކިފާނުވެސް ދޭތެރެ ދޭތެރެއިން ރައްޔިތުންނަށް އެކަން ހަދާންކޮށްދެ އެވެ.

ކޮންމެއަކަސް، ޕީޕީއެމްގެ ހިންގުން ކޯޓުގެ ހުކުމަކުން ކަމަށްބުނެ ހިންގަމުންދަނީ ރައީސް ޔާމީން އެވެ. ޕީޕީއެމުން ރައީސް މައުމޫން ބޭރުކޮށްލުމާއެކު، ޕީޕީއެމްގެ އެތެރޭގައިހުރި ހުރިހާ މައްސަލަތަކެއް ހައްލުވީހެންވެސް ހީވި އެެވެ. ޕީޕީއެމްގެ އިސްވެރިންކަމަށްވާ ނިހާނާއި ހަލީލާއި އަލީ އާރިފް މެންފަދަ ބޭބޭފުޅުން ދޭތެރެ ދޭތެރެއިން މީޑިއާތަކަށް އިންޓަވިއު ދެއްވާއިރު ހީވީ ޕީޕީއެމްގެ އެތެރޭގެ ހުރިހާވެސް މައްސަލައަކީ ރައީސް މައުމޫން ކަމަށެވެ.

ރައީސް މައުމޫން މިވަގުތު ހުންނެވީ ޕީޕީއެމްއާ ދުރުގައެވެ. ނަމަވެސް ޕީޕީއެމް އެތެރޭގެ މައްސަލަތައް ހައްލުވާތަނެއް ނުފެނެއެވެ. ޕީޕީއެމް އިސްވެރިން ހިމެނޭ ވައިބަރ ގްރޫޕްގެ ޗެޓް ލޮގްތައް ވެސް ހީވަނީ ފެންލީކުވާ އިސްކުރެއް ހެންނެވެ. ލީކުވަނީ އެހެނަކުން ނޫނެވެ.

ޕީޕީއެމްގެ އިސްވެރިންގެ މެދުގައި ހުރި މައްސަލަތަކަށް ހައްލެއް ނާދެއެވެ. ޕީޕީއެމް މަޖިލިސް މެމްބަރުންގެ މެދުގައި ހުރި ހިތްހަމަ ނުޖެހުންތައްކަށްވެސް ހައްލެއް އަންނަ ގޮތެއް ނުވި އެވެ. ހައްތަހާވެސް ގޮވަނީ "އަތަށެވެ". މިނިސްޓަރުންގެ ކަންކަން ކުރާ ގޮތުންވެސް ރައީސް ޔާމީންއަށް ހަމަނިދި ނިދޭނެ ކަމަށް ގަބޫލު ނުކުރެއްވޭވަރަށް މިނިސްޓަރުން ކުރާ ކަންކަން ގޯހެވެ. މާލެ ކުނީގެ މައްސަލަތައް ހައްލު ކުރުމަށް ވެމްކޯ ކިޔާ ކުންފުންޏެއް ހަދާ، ކުނި އުކާލުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަންވެސް ރަނގަޅަށް ކުރެވޭ ގޮތެއް އަދި ނުވެއެވެ. ގޭގެއިން ކުނި އުކާލުގައި ދިމާވި ކަންކަން ހައްލު ނުކުރެވި އުޅެނިކޮށް، ހައުސިން މިނިސްޓަރު މުއިއްޒު އާއްމުކުރި ފްލެޓް ލިބޭ މީހުންގެ ލިސްޓާހެދި ރައްޔިތުން ތިބީ "ރަތަށް" އަރާފަ އެވެ. އާއްމު ރައްޔިތުން އެކަންޏެއް ވެސް ނޫނެވެ. ސަރުކާރަށް ނިސްމަތްވާ އިސް ބޭފުޅުންނާއި މަޖިލިސް މެމްބަރުންވެސް ތިއްބެވީ ހައުސިން މިނިސްޓަރު މުއިއްޒު ކަންކަން ކުރައްވާގޮތުން ހިންހަމަ ނުޖެހިފަ އެވެ.

ޕީޕީއެމްގެ އެތެރޭގެ މައްސަލަތައް ހައްލު ކުރުމަށް ރައީސް މައުމޫން ޕާޓީން ބޭރުކޮށްލި ނަމަވެސް ޕީޕީއެމްގެ މައްސަލަތަކަށް ހައްލެއް ނާދެ އެވެ. ސަރުކާރަށް އަންނަ ޕްރެޝަރު ކުޑަކުރެވޭގޮތެއްވެސް ނުވި އެވެ.

ކަންކަން ހިންގަމުންދާ ގޮތަށް ބަލާއިރު ޕީޕީއެމް އެތެރޭގެ މައްސަލަތައް ބޮޑުވެގެން އުޅުނީ ރައީސް މައުމޫންއާއި ހެދި ނޫންކަން އެނގެއެވެ. އަދި ޕީޕީއެމް އެތެރޭގެ މައްސަލަތައް ހައްލު ނުކުރެވިގެން އުޅޭނީވެސް ރައީސް މައުމޫންއާ ހެދި ނޫންކަން އެނގެ އެވެ. ސަރުކާރުގެ މައްސަލަތައް ހައްލު ނުކުރެވިގެން އުޅެނީ ވެސް ރައީސް މައުމޫންއާ ހެދި ނޫންކަން އެނގެއެވެ. ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރެކެވެ. ޕީޕީއެމް ހިންގަނީ ރައީސް ޔާމީން އެވެ. ޕީޕީއެމް އެތެރޭގެ މައްސަލަތަކާއި ސަރުކާރުގެ ތެރޭގައި ހުރި މައްސަލަތަކާއި މުޅި ގައުމަށް ދިމާވެފައިވާ މައްސަލަތަކުން އަރައިގަންނަން ޖެހެއެވެ. ހައްލެއް އަންނަން އެބަޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
50%
50%
0%
ކޮމެންޓް