ކ. މާލެ
|
22 ޖެނުއަރީ 2018 | ހޯމަ 02:45
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ތާލިބާނުން ދިން ހަމަލާއަށްފަހު އަފްޣާނިސްތާން ސިފައިން އެސަރަހައްދުގައި ފޯރި މަރަނީ
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ތާލިބާނުން ދިން ހަމަލާއަށްފަހު އަފްޣާނިސްތާން ސިފައިން އެސަރަހައްދުގައި ފޯރި މަރަނީ
އޭއެފްޕީ
އަފްޣާނިސްތާނުގައި ދިން ހަމަލާ
އަފްޣާނިސްތާނުގެ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ތާލިބާނުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 18 އަށް!
ތާލިބާން ޖަމާއަތުން ވަނީ ހަމަލާގެ ޒިންމާ ނަގާފަ
ހަމަލާ ދިނުމަށް ފުރަތަމަ ނިންމީ ބުރާސްފަތި ދުވަހުގެރޭ
12 ގަޑިއިރަށްފަހު އަފްޣާނިސްތާންގެ ސިފައިން ވަނީ ހޮޓާ އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ

އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ތާލިބާން ހަނގުރާމަވެރިން ދިން ހަމަލާގައި 18 މީހަކު މަރުވެފައިވާ ކަމަށް އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެރޭ ތާލިބާން ހަނގުރާމަވެރިން ހަތިޔާރާއެކު އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ހަތިޔާރާއެކު ވަދެ، އެ ހޮޓަލް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. ތާލިބާނުން އެ ހޮޓެލް ހިފިތާ 12 ގަޑިއިރު ފަހުން، އަފްޣާނިސްތާން ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ހިމެނޭ ކަމަށް އަފްޣާނިސްތާންގެ އޮފިޝަލުން ބުނެއެވެ.

މިހާތަނަށް ކަށަވަރުވެފައިވާ މައުލޫމާތު ތަކަށް ބަލާއިރު، ހަތިޔާރާއެކު ހޮޓަލުގެ ތެރެއަށް ވަތް ހަނގުރާމަވެރިން ދިން ހަމަލާތަކުގައި މަރުވި 18 މީހުންގެ ތެރޭގައި 14 ބިދޭސީ އަކު ހިމެނެއެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ ރައްޔިތުންތަކެއް ހިމެނޭ ކަމަށް އެގައުމުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލަކާއި ހަވާލާދީ އޭއެފްޕީ އިން ބުނެއެވެ.

ހަ ފަންގިފިލާގެ އިންޓަރކޮންޓިނެންޓަލް ހޮޓެލް އަށް ތާލިބާން ހަނގުރާމަވެރިން ވެރިވެގަތުމާއެކު، ހޮޓަލުގައި ތިބި މީހުން ގިނަ ވަގުތުތަކެއް ވަންދެން ހޮޓަލްގެ އެންމެ މަތީގައި ތާށިވެގެން ތިބެން ޖެހުނެވެ.

މިހަމަލާ ދިންއިރު ގިނަ އަދަދެއްގެ މީހުން ހޮޓަލުގައި ތިބިއިރު، ހަތިޔާރު އެޅި ގްރޫޕްގެ އަތްދަށުން ހޮޓެލް ސަލާމަތް ކުރުމަށް އަފްޣާނިސްތާންގެ ސަލާމަތީ ބާރުތަކުން ކުރި މަސައްކަތުން 160 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 41 މީހަކު ހިމެނޭ ކަމަށާއި، ސަލާމަތް ކުރެވުނު މީހުންގެ ތެރެއިން 22 މީހަކު ޒަޚަމްވެފައިވާ ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ.

މިހޮޓަލް ހަތިޔާރު އެޅި ފަރާތްތަކުގެ އަތްދަށުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންގައި އަފްޣާނިސްތާންގެ ސަލާމަތީ ފައުޖުތަކާއެކު އެގައުމުގައި ހަރަކާތްތެރިވާ ނޯވޭގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނޯވޭގެ ސިފައިން އަފްޣާނިސްތާނުގައި ހަރަކާތްތެރިވަނީ އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުގެ ފައުޖުތައް ތަމްރީން ކުރުމަށެވެ.

އަފްޣާނިސްތާނުގެ ނިއުސް އޭޖެންސީ އެއް ކަމަށްވާ ޓޯލޯ އިން ވަނީ މިހާދިސާގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިއުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

އަފްޣާނިސްތާންގެ އެއަރލައިނެއް ކަމަށްވާ ކާމް އެއަރ އިން ވަނީ، ހަމަލާ ދިން ވަގުތު ހޮޓަލުގައި އެ އެއަރލައިންގެ 42 މުވައްޒަފަކު ތިބި ކަމަށާއި، އޭގެ ތެރޭގައި ބިދޭސީން ހިމެނޭ ކަމަށް ބުނެފައެވެ. އެ އެއަރލައިންގެ އޮފިޝަލަކާއި ހަވާލާދީ އަފްޣާނިސްތާނުގެ ނޫހަކުން ވަނީ، އެ ހޮޓަލުގައި ތިބި އެ އެއަރލައިންގެ މުވައްޒަފުންގެ ތެރެއިން 18 މީހެއްގެ ޚަބަރެއް ނުވާ ކަމަށާއި، ފަސް މީހަކު މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްކޮށްފައެވެ. މިހަމަލާ ދީފައިވަނީ ހޮޓަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި އަމިއްލަ ކުންފުންޏަކުން ހަވާލުވިތާ މާގިނަ ދުވަހެއް ނުވަނީހެވެ. އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ވަނީ، ހޮޓަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން އަމިއްލަ ކުންފުންޏަކާއި ހަވާލު ކުރެވުމަކީ ހެދުނު ގޯހެއް ކަމަށް އެއްބަސްވެފައެވެ.

ހޮނިހިރު ދުވަހުގެރޭ އަފްޣާނިސްތާން ގަޑިން ނުވައެއް ޖަހަން ކައިރިވެފައިވަނިކޮށް، ހަތިޔާރާއި ޖާނުގޮއްވާލުމަށް ބޭނުންކުރާ ވެސްޓް އަޅައިގެން ތިބި ބަޔަކު އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ވަދެފައިވަނީ އެގައުމުގައި ދިރިއުޅޭ ބޭރުގެ ގައުމުތަކުގެ ފަރާތްތަކާއި އަފްޣާނިސްތާން ސަރުކާރުގެ އޮފިޝަލުންނަށް ހަމަލާ ދިނުމަށެވެ.

ހޮޓަލުގެ މެނޭޖަރ އަހުމަދު ހާރިސް ނަޔާބް އާ ހަވާލާދީ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ހަތިޔާރު އެޅި ފަރާތްތައް އެ ހޮޓަލަށް ވަދެފައިވަނީ ހޮޓަލުގެ ބަދިގެއެއްގެ ތެރެއިންނެވެ.

ކާބުލްގެ ކޮންޓިނެންޓަލް ހޮޓަލަކީ އަފްޣާނިސްތާނަށް ޒިޔާރަތް ކުރާ ބޭރުގެ ފަރާތްތަކާއި އަފްޣާނިސްތާން ސަރުކާރުގެ އޮފިޝަލުންގެ މެދުގައި މަޤްބޫލް، މަތީ ފަންތީގެ ހޮޓަލެކެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން، ހަމަލާ ދިން މީހުން ފުރަތަމަ އެ ހޮޓަލުގެ ހަވަނަ ފަންގިފިލާއަށް އަރާފައިވަނީ އަފްޣާނިސްތާންގެ ގަޑިން ރޭގަނޑު ނުވައެއް ޖަހަނިކޮށް ކަމަށާއި، އޭރު ހޮޓަލުގެ ގިނަ ގެސްޓުން ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފް ކުރަންކަމަށެވެ.

މިހަމަލާގެ ޒިންމާ ތާލިބާން ޖަމާއަތުން ނަގާފައިވާއިރު، އެޖަމާއަތުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ބުނީ، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ފުރަތަމަ ރޭވީ ބުރާސްފަތި ދުވަހުގެރޭ އެ ހޮޓަލަށް ހަމަލާ ދިނުމަށް ކަމަށާއި، އެހެންނަމަވެސް އެރޭ އެތަނުގައި ކައިވެނީގެ ރަސްމިއްޔާތެއް ހިނގަމުންދާތީ އާއްމުންނަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް ހަމަލާ ފަސް ކުރީ ކަމަށެވެ.

އިންޓަރކޮންޓިނެންޓަލް ހޮޓަލް އަށް ވަދެގަތް ތާލިބާން ހަނގުރާމަވެރިން އެހޮޓަލަށް ވަދެގަނެފައިވަނީ ހޮޓަލަށް ހަމަލާ ދިނުމަށްފަހު ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އަދި ހޮޓަލުގެ އެތެރެއަށް ވަދެ، އެ ހޮޓަލުގެ ތިންވަނަ އަދި ހަތަރުވަނަ ފަންގިފިލާގައި ތިބި ސެކިއުރިޓީ އޮފިޝަލުންނާއި ބަޑީގެ ހަމަލާ ބަދަލުކުރުމަށްފަހު ހަނގުރާމަވެރިން ވަނީ ހޮޓަލުގެ ބަދިގޭގައި ހުޅުޖަހާފައެވެ.

އަދި މިހަމާލަގައި ބައިވެރިވި ހަނގުރާމަވެރިންނާއި އަފްޣާނިސްތާނުގެ ސަލާމަތީ އޮފިޝަލުންނާއި ދެމެދު ހިނގި ކުރިމަތިލުންތަކުގައި، ހަމަލާގައި ބައިވެރިވި ހަ މީހަކު މަރާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ހަ އަހަރު ކުރިންވެސް ތާލިބާން ހަނގުރާމަވެރިން ހަމަ އެ ހޮޓަލަށް ހަމަލާދީފައިވެއެވެ. 2011 ވަނަ އަހަރު ދިން އެހަމަލާގައި އާއްމުންގެ 10 މީހަކު މަރުވެފައިވެއެވެ.

ކާބުލްގައި ހުންނަ އިންޓަރކޮންޓިނެންޓަލް ހޮޓަލަކީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން އިންޓަރކޮންޓިނެންޓަލް އާ ގުޅުން ހުރި ތަނެއް ނޫން ކަމަށާއި، އެ ހޮޓަލަކީ އަފްޣާނިސްތާނުގެ ސަރުކާރުން ހިންގާ ހޮޓަލެއް ކަމަށް ބީބީސީ އިން ބުނެއެވެ. އެހޮޓަލަކީ އާއްމު ގޮތެއްގައި ކައިވެނީގެ ހަފްލާތަކާއި، ކޮންފަރެންސްތައް އަދި ސިޔާސީ ބައްދަލުވުންތައް ބާއްވާ ތަނެކެވެ.

އެ ހަމަލާ ދިން ވަގުތުވެސް އެހޮޓަލުގައި އައިޓީ ކޮންފަރެންސެއް ހިނގަމުންދިޔަ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

މިދިޔަ މެއި މަހުން ފެށިގެން ކާބުލްގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރި ނަމަވެސް، ތާލިބާން ޖަމާއަތުން ދޭތެރެދޭތެރެއިން ކާބުލްގެ އެކި ތަންތަނަށް ހަމަލާ ދެއެވެ.

އަފްޣާނިސްތާނުގެ ތިން ބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހަރެއްގެ ކޮންޓްރޯލް އޮންނަ ތާލިބާން ޖަމާއަތުން ވަނީ، އަފްޣާނިސްތާނުގައި ތިބޭ ބައިނަލްއަޤްވާމީ ފައުޖުތައް އެގައުމުން ނުފައިބަނީސް ސުލްހަވެރި ހައްލެއް ނުލިބޭނެ ކަމަށް ބުނެފައެވެ.

އިންޓަރ ކޮންޓިނެންޓަލް ހޮޓަލަށް ދިން ހަމަލާއަކީ އާދީއްތަ ވިލޭރޭ ތާލިބާނުން ދިން ހަމަލާތަކުގެ ތެރެއިން އެއް ހަމަލާއެވެ.

އަފްޣާނިސްތާނުގެ އުތުރުގެ ޕްރޮވިންސެއް ކަމަށްވާ ބާލްޚުގެ އަވަށެއްގައި ހުންނަ ގެއަކަށް ތާލިބާން ހަނގުރާމަވެރިން ވަދެގަނެ، އެގޭގައި ތިބި އަފްޣާނިސްތާން ފުލުހުންގެ ބަޔަކު ބޭރަށް ނެރެ އެމީހުންގެ ގަޔަށް ބަޑިޖަހާ މަރާލާފައިވެއެވެ. އެހަމަލާގައި ފުލުހުންގެ 18 އޮފިސަރަކު މަރުވެފައިވާ ކަމަށް އަފްޣާނިސްތާން ފުލުހުންގެ ވެރިޔާގެ ނައިބު އަބްދުލް ރާޒިކް ގަދޭރީ އާ ހަވާލާދޭ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން އެގައުމުގެ ހުޅަނގުގެ ހެރާތު ޕްރޮވިންސްގެ މަގެއްގައި ތާލިބާނުން ވަޅުލާފައިވާ މައިނަކަށް އެރި ކާރެއް ގޮވުމުގެ ހާދިސާގައި އާއްމުންގެ 8 މީހަކު މަރުވިއެވެ.

އެމެރިކާ އަދި ނޭޓޯގެ ފައުޖުތަކުން އަފްޣާނިސްތާނުގައި ކުރިއަށް ގެންދިޔަ ކޮމްބެޓް މިޝަން 2014 ވަނަ އަހަރު ނިންމާލި ފަހުން، ތާލިބާން ޖަމާއަތުގެ ހަނގުރާމަވެރިން ބަލި ކުރުމުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކަށް ވަނީ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައެވެ.

ހޮނިހިރު ދުވަހުގެރޭ އިންޓަރކޮންޓިނެންޓަލް ހޮޓަލަށް ހަމަލާ ދީފައިވަނީ، ކާބުލްގައި ހުންނަ ހޮޓާތަކަށް ހަމަލާ ދިނުމަށް ހަތިޔާރު އެޅީ ގްރޫޕްތަކުން ރާވަމުންދާ ކަމުގެ އިންޒާރު ކާބުލްގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ދިންތާ ދުވަސްކޮޅެއް ފަހުންނެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް